ހެނބަދޫ ސިއްހީ މަރުކަޒަށް ވެސް ގިނަ ގޮންޖެހުންތަކެއް އެބަހުރި

(ނ.ހެނބަދޫ) އާާބާދީގައި 724 މީހުން އުޅޭ ނ ހެނބަދޫގަައި ހުންނަ ސިއްހީ މަރުކަޒަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށާއި ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަނީ ވަރަށް ގިނަ އުނދަގޫތަކަކާ ކުރިމަތިވެފައެވެ.
2008 ވަނަ އަހަރު ހުޅުވައިފައިވާ ހެނބަދޫ ސިއްހީމަރުކަޒަކީ ދެ އެނދުގެ ޖާގައަކާއިކު ހުޅުވާފައިވާ ތަނެކެވެ. ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 14 ވަރަކަށް ބަލިމީހުން ބަލައި ހިދުމަތްދޭ ސިއްހީމަރުކަޒުގައި ދެ މީހުނަށްވުރެން ގިނައިން އެޓްމިޓްކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރަނީ ވަރަށް ދަތިގޮތަކަށް ކަމަށް ސިއްހީމަރުކަޒުން މައުލޫމާތު ދެއެވެ.
"ދެ މީހުނަށްވުރެން ގިނައިން ފަރުވާދިނުމަށްޓަކައި އެޑްމިޓްކުރަން ޖެހިއްޖެ ހިނދެއްގައި ބައެއް ފަހަރު ޑޮކްޓަރުގެ ކޮޓަރިއާއި އަދި ބޭސްއަޅާ ކޮޓަރި އަޅުގަނޑުމެން ބޭނުން ކުރަން. މީގެ ކުރިން ހަތަރު މީހުން އެޑްމިޓްކުރަން ޖެހިގެން ޑޮކްޓަރުގެ ކޮޓަރީގައި ހުންނަ ކުޑަ އެނދެއްގައާއި، ބޭސްއަޅާ ކޮޓަރީގައި ހުރި އެނދެއްގައި ދެ މީހަކު ބާއްވައިގެން ފަރުވާ ދިނިން" ނ.ހެނބަދޫ ސިއްހީމަރުކަޒުގެ އެޑްމިން އޮފިސަރ ފާތުމަތު މުހައްމަދު "ވަގުތަށް" މައުލޫމާތު ދެމުން ބުންޏެވެ.
ޖާގައިގެ ދަތިކަމުގެ އިތުރުން ދެން އެންމެ ބޮޑަށް ހެނބަދޫ ސިއްހީ މަރުކަޒަރަށް ދިމާވެފައިވަނީ މުވައްޒަފުންގެ ދަތިކަމެވެ. ހެނބަދޫ ސިއްހީމަރުކަޒުގައި މިހާރު މަސައްކަތް ކުރަމުން ދަނީ އަބަދުވެސް އޮންކޯލް ގައި ހުންނަވާ ނޭޕާލް ޑޮކްޓަރަކާއި ދެ ނަރުހުންނާއެކު މުޅިއެކު ދިހަ މުވައްޒަފުންނެވެ. ސިއްހީމަރުކަޒަށް އަދިވެސް ސީއެޗްއޯއެއް، ރިސެޕްޝަނިސްޓެއް އަދި ވޮޗަރެއް ލިބިފައިނުވާކަން ފާތުމަތު ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން އެ ސިއްހީމަރުކަޒުގައި އޮންނަ އެމްބިއުލާންސް އަކީވެސް ދެ ޑްރައިވަރުން ތިއްބަސް އިމަރޖެންސީއެއް ދިމާވާ ބައެއް ހާލަތްތަކުގައި ބޭނުންކުރެވޭ އެއްޗެއް ނޫނެވެ. މަރާމާތުގެ މައްސަލަ ކުރަން ޖެހިފައި އޮންނާތީއެވެ.
ސިއްހީމަރުކަޒުގައި ހިދުމަތް ދެވެން ނެތުމުން، އެރަށުގައި އުޅޭ މާބަނޑު މީހުންވެސް ވިހަން ދަނީ އަތޮޅު ހޮސްޕިޓަލަށާއި ކައިރި ރަށްތަކަށެވެ.
"ވަގުތަށް" މައުލޫމާތު ދެމުން ފާތުމަތު ބުނެފައި ވަނީ މަރާމާތްކުރަން ވެސް ބޮޑު ބަޖެޓަކާއެކު ކަންކަން އަތޮޅޫ ހޮސްޕިޓަލަށް ހުށަހެޅުމުން، ހުށަހަޅާފައިވާ ބަޖެޓަށްވުރެން ކުޑަ ބަޖެޓެއް ލިބިފައިވާކަމަށައި އަތޮޅު ހޮސްޕިޓަލަށް ހުށަހަޅާ ޝަކުވާތަކުގެ ޖަވާބުގައި އެތަނުން މިނިސްޓްރީއާ ހަވާލާދީ ބުނަނީ ކުރަންޖެހިފައިވާ އިތުރު މުހިންމުކަންތައްތައް ހުރުމުގެ ސަބަބުން ބަޖެޓު ބޮޑު ކުރެވެން ނެތް ކަމަށެވެ. އެހެންކަމުން މިވަގުތު ކުރެވެމުންދަނީ ކުލަ ލުމާއި، ކުރަންޖެހޭ ކުދިކުދި މަރާމާތްތައް ކުރުމުގެ މަސައްކަތް ކަމަށް ފާތުމަތު ބުނެފައިވެއެވެ.
ހެނބަދޫ ސިއްހީމަރުކަޒަށް ދިމާވެފައިވާ ބަޖެޓުގެ ދަތިކަމުގެ ސަބަބުން ވެސް ރައްޔިތުންނަށް ފޯރުކޮށްދެވެން ހުންނަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވާކަން ފާތުމަތު ވަނީ ފާހަގަކޮށްފައެވެ. "ޕެޓީ ކޭޝް ދޭން ފެއްޓީވެސް މިދިޔަ މަހު. ބައެއްފަހަރު މިތަނަށް ގަންނަންޖެހޭ އެއްޗެހި ގަންނާނެ ބަޖެޓު ނެތުމުން މުވައްޒަފުންގެ އަމިއްލަ ހަރަދުގައިވެސް އެއްޗެހި ގަނޭ. އެކަމަކު އެ ފައިސާވެސް ލިބެނީ ވަރަށް ލަހުން. މިހާރުވެސް އެބަހުރި މިދިޔަ އޭޕްރީލް މަހު ލިބެންޖެހޭ ފައިސާ އަދިވެސް ނުލިބި" ވަގުތުން ކުރި ސުވާލަކަށް ޖަވާބު ދެމުން ފާތުމަތު ބުންޏެވެ.
މިހުރިހާ ދަތިތަކާ ކުރިމަތިލާން ޖެހިފައިވީ ނަމަވެސް އެ ރަށުގައި ބޭސްފިހާރައެއް ހުޅުވި ފަހުން ބޭސް ވަރަށް ފަސޭއިން ލިބޭ ކަމަށް ފާތުމަތު ބުންޏެވެ. އަދި ބޭސްނެގުމުގައި އެއްވެސް ވަރަކަށް ދަތިނުވާކަން ފާތުމަތު ވަނީ ފާހަގަ ކޮށްފައެވެ.
"ވަގުތު" އިން ނ.އަތޮޅަށް ކުރަމުންދާ ހޭރިޔާ ދަތުރުގެ މެއިން ސްޕޮންސަރ އަކީ ކޮޮޕިއަރ ޕްލަސްއެވެ. ކޯ ސްޕޮންސަރ އަކީ އެސްޓީއޯއެވެ. ޓެލެކޮމް ޕާޓްނަރ އަކީ އުރީދޫއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ