އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން އައްޑޫ ފްލައިން ސްކޫލް ބަންދުކުރަން ނިންމައިފި

އައްޑޫ ސިޓީގެ ގަމުގައި އޭޝިއަން އެކެޑަމީ އޮފް އެރޯނޮޓިކްސް (އޭއޭއޭ) އިން ހިންގަމުންދާ ފްލައިން ސްކޫލް ބަންދުކުރަން ނިންމައިފި އެވެ.
އޭއޭއޭގެ ސީއީއޯ ސޫރަންޖަން ޑިސިލްވާ ވިދާޅުވީ ފްލައިން ސްކޫލްގެ އެގްރިމެންޓް މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ. އަދި އެއްބަަސްވުން އާކުރުމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އާ މަޝްވަރާކުރިކަމަށާ ނަމަވެސް އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭއައިއޭ އިން މިކަމާއި ބެހޭގޮތުން ބުނެފައިވަނީ މަޝްވަރާތައް ކޮޅެއްގައި ނުޖެހުނީ ސްކޫލުން ލިބޭ އާމްދަނީން ވަކި ބައެއް އޭއައިއޭ އަށް ލިބޭ ފަދަގޮތަކަށް އެއްބަސްނުވުމުންކަމަށެވެ.
ދަރިވަރުންގެ އަތުން އެތަކެއް މިލިއަން ޑޮލަރު އެ ފްލައިން ސްކޫލަށް ލިބޭއިރު އައްޑޫ ސިޓީއަށް އެކަށީގެންވާ އެއްޗެއް ނުލިބޭ ކަމަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
ފްލައިން ސްކޫލުން ކުރިން ކުލީގެ ގޮތުގައި ދައްކަމުން ދިޔައީ 78،000 ރުފިޔާ ކަމަށާއި އަދި މިއަހަރު މޭ އިން ފެށިގެން 107،000 ރުފިޔާ ދައްކަމުންދިޔަކަމަށް އޭއައިއޭ އިން ބުނެއެވެ.
އޭއޭއޭގެ ސީއީއޯ ސޫރަންޖަން ޑިސިލްވާ ވިދާޅުވީ ސްކޫލްގެ އެއްބަސްވުން އާކޮށްދޭން އޭއައިއޭއިން ކިޔަނީ މާ ބޮޑު ކުއްޔެއް ކަމަށެވެ.
އޭނާ ވިދާޅުވީ ފްލައިން ސްކޫލު ހިންގުމުގެ އެއްބަސްވުން އާ ނުކުރި ހަމަ އެކަނި ސަބަބަކީ ބިމު ކުލީގެ ގޮތުގައި ނަގަން އޭއައިއޭއިން ހުށަހެޅި އަގު ބޮޑުވުމެވެ.
ފްލައިން ސްކޫލް ބަންދުކުރަން އެ ސްކޫލް ހިންގާ އެކެޑަމީން މިހާރު ވަނީ ނިންމައިފައެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓްސް ހިންގާ ކުންފުނިންވެސް ވަނީ އެއް އަހަރު ދުވަހުގެ ނޯޓިސްއެއް ފޮނުވައިފައެވެ.
އޭއޭއޭ ފްލައިން ސްކޫލުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުން ގިނަ އަދަދެއްގެ ދަރިވަރުން މިހާރުވެސް ތައުލީމު ހާސިލްކުރަމުން އާދެއެވެ.
ފްލައިން ސްކޫލް ބަންދުކުރަން ނިންމިއިރު އެ ސްކޫލުގެ ޕައިލެޓް ލައިސަންސް ޕްރޮގްރާމުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން މަޑުޖެހިފައިވާތީ ރާއްޖެއިން ބޭރުގައި ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ