އުޒުރު ނުދައްކާ ލުޠުފީ އަނބުރާ ގެންނަވާ- އުމަރު

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުޠުފީ އުޒުރު ދެއްކުމަކާއި ނުލައި ރާއްޖެ ގެންނަން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ސަރުކާރަށް ގޮވާލައިފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަބްދުﷲ ލުތުފީ ރާއްޖެ ގެންނަން ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ.
މިކަމާއި ގުޅިގެން އުމަރު ވިދާޅުވެފައިވަނީ ގޮންޖެހުންތަކެއް ހުރިއްޔާ ހުރީ ބަފާ ކަލޭގެ ފަރާތުން އަންނަ ގޮންޖެހުންތަކެއް ކަމަށާއި ރެޑް ނޯޓިސެއް އޮތުމަކީ އެއްވެސް ހުރަހެއް އެޅިގެން ނުދާނެ ކަމެއް ކަމަށެވެ.
"އުޒުރު ދެއްކުމަކާ ނުލައި އަނބުރާ ރާއްޖެ ގެންނަވާ. ނޫންނަމަ ތި މައްސަލަ ކޯޓަށް ހުށަހަޅައިގެން، ތަންފީޒީ އަމުރެއް ފުލުހުންގެ މައްޗަށް ނެރޭނަން" އުމަރު ވިދާޅުވެފައިވެއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވީ 1 މެއި 2019 ވަނަ ދުވަހު ލުޠުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އަމިއްލަ އިޚްތިޔާރުގައި ހާޒިރުވެ، ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް އެނބުރި އައުމަށް އެދޭކަމުގެ މައުލޫމާތު މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމާއިއެކު، މިކަން ދައުލަތުގެ ކަމާބެހޭ ވުޒާރާތަކާ ވާނީ ވަގުތުން ޙިއްސާކުރެވިފައެވެ.
"އެހިނދުން ފެށިގެން، ސްރީލަންކާ ސަރުކާރުގެ ވުޒާރާތަކުގެ ސަމާލުކަމަށް މިކަން ގެނެސް، ޤާނޫނީ އިމުގެ ތެރެއިން ޢަބްދުﷲ ލުޠުފީ އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ވަނީ ފެށިފައެވެ. ނަމަވެސް މައްސަލައިގެ ބާވަތުން، ޢަބްދުﷲ ލުޠުފީ އަނބުރާ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގައި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ." ބަޔާނުގައި ވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ގޮންޖެހުންތައް ހުރިނަމަވެސް، ކަނޑައެޅިފައިވާ ބައިނަލްއަޤްވާމީ އިޖުރާޢަތްތައް ފުރިހަމަކޮށް، ސްރީލަންކާއާއި، ރާއްޖޭގެ ޤާނޫނީ އިމުގެ ތެރެއިން، ވީއެންމެ އަވަހަކަށް އޭނާ ސަރުކާރުގެ ބެލުމުގެ ދަށަށް ހާޒިރު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ