ޑެފިސިޓު ކުޑަކުރުމުގެ އޮޅުވާލުމަކީ ހިސާބުތަކާ ކުޅެގެން ދެއްކި ދަޅައެއް

ނިމުނު އަހަރުގެ ތެރޭގައި ސަރުކާރުން ހޯދި ކާމިޔާބީއެއްގެ ވާހަކަ ދައްކާ ނަމަ، ބަޖެޓު ޑެފިސިޓު ކުޑަކުރުމުގައި ހޯދި ކާމިޔާބީގެ ވާހަކަ ނުދައްކާ ފަހަރެއް ނެތެވެ. ރައީސް މުހައްމަދު މުއިއްޒާއި މި ފަހުން އިސްތިއުފާ ދެއްވި މާލީ ވަޒީރު މޫސާ ޒަމީރު އަރާވަޑައިގެންނެވި ކޮންމެ ޕޯޑިއަމެއްގައި މި ބޮޑު "ކާމިޔާބީ" ނަން ގަތެވެ.
ސަރުކާރުން ބުނާ ގޮތުގައި މިއީ މާލީ ގޮތުން ޒިންމާދާރުވެ، ހަރަދުތައް ކުޑަކޮށް، ބަޖެޓުގެ ސަމަކާރަ (އެފިޝެންސީ) އިތުރުކުރަން ގެނައި މާލީ އިސްލާހުތަކުގެ ނަތީޖާ އެވެ. މި އިސްލާހުތަކުގެ ދަށުން ސަރުކާރުން ވަނި ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ހަރަދު ކުއްލިއަކަށް ބޮޑުތަނުން އުނިކޮށްލާފަ އެވެ. މި އުނިކުރުމާ ގުޅިގެން މިދިޔަ އަހަރުގެ މާލީ ބެލެންސް ރަނގަޅުވި ކަމަށް ދައްކަ އެވެ.
އެކަމަކު، މީގެ އަޑީގައިވާ ހިސާބުތައް ދިރާސާކޮށްލުމުން އެނގެނީ ދައްކަން އުޅޭ މަންޒަރާއި އަސްލު މަންޒަރު ދިމާ ނުވާ ކަމެވެ. އަދަދުތަކުން ބުނެދޭ ގޮތުގައި ސަރުކާރުން ޑެފިސިޓު ކުޑަކުރުމުގައި ހޯދި ކަމަށް ބުނާ ކާމިޔާބީއަކީ، މާލީ ހަރުދަނާކަމާ ދިމާ އިދިކީލި، ބޮޑު އޮޅުވާލުމެކެވެ. އެއާ ހިލާފަށް މިއީ ހަރަދު ކުރުން މި ވަގުތަށް ފަސްކޮށްލައިގެން ރައްޔިތުންނަށް ދެއްކި ދަޅައެކެވެ.
ފުރަތަމަ ނަޒަރުން ބަލާއިރު، ސަރުކާރުން އެ ބުނާ ގޮތަށް މާލިއްޔަތު މެނޭޖުކުރުމުގައި ބޮޑު ކާމިޔާބީއެއް ހާސިލުކުރެވުނު ކަމަށް ފެނިދާނެ އެވެ. މިދިޔަ އަހަރު ބަޖެޓު ޑެފިސިޓު ހުރީ ޖީޑީޕީގެ 4.3 ޕަސެންޓު ނުވަތަ 5.1 ބިލިއަން ރުފިޔާގައި އެވެ. މިއީ 2024 ގައި ޑެފިސިޓު ހުރި 9.9 ޕަސެންޓު ނުވަތަ 10.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ. އޭގެ އިތުރުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ 12 ޕަސެންޓު އިތުރުވެފަ އެވެ. މިއީ އޭގެ ކުރީ އަހަރުގެ ތެރޭގައި ޓޫރިޒަމާ ގުޅުން ހުރި ޓެކްސްތަކާއި ޓެކްސް ނޫން ފީތައް ބޮޑުކުރުމުންނެވެ. 
ނަމަވެސް. ބަޖެޓުގެ ހަރަދުތައް ހުރި ގޮތުގެ ސަފުހާ ހުޅުވާލުމުން، ސަރުކާރުގެ މާލީ "އިސްލާހުތަކުގެ" އަސްލު ކުލަވަރު ފާޅުވެ އެވެ. ޖުމްލަ ހަރަދުތައް އަހަރުންއަހަރަށް ބަލާއިރު 8.3 ޕަސެންޓު ދަށްވެފައިވާ ކަމަށް ދައްކަ އެވެ. މި ދަށްވުން ހާސިލުކުރުވެނީ، ކޭޝް ބޭސިސްއިން ކެޕިޓަލް ހަރަދުތަކުން 48.9 ޕަސެންޓު އުނިކޮށްލައިގެންނެވެ. ސަރުކާރުން ހަމައެކަނި ކުރި ކަމަކީ، ޕީއެސްއައިޕީގެ ދަށުން ތަރައްގީގެ މަޝްރޫއުތަކަށް ދޭން ޖެހޭ ފައިސާ ޗެކުތައް ލިޔުން ހުއްޓާލުމެވެ. މި ގޮތަށް ފައިސާ ނުދީ ހިފަހައްޓާލުމުން، ރަސްމީ ހިސާބުތަކުން ދައްކާ ޑެފިސިޓު ވަގުތުން ކުޑަވެގެންދެ އެވެ. 
ސަރުކާރަށް މިއީ މޮޅެއް ކަމަށް ފެނުނަސް، ފައިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލުމަކީ ހަގީގީ ހަރަދު ކުޑަކުރުމެއް ނޫނެވެ. ފައިސާ ދޫކުރުން ހިފަހައްޓާލިޔަސް، ވެފައިވާ އެއްބަސްވުންތަކާއި ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮޖެކްޓުތަކަށް އުނިކަމެއް ނާދެ އެވެ. މާލީ އިސްލާހުތަކޭ ކިޔާފާ ސަރުކާރުން މި ކުރި ކަމަކީ ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާކޮޅު ހިފަހައްޓާލީ އެވެ. 
ސަރުކާރުގެ މި އުކުޅުގެ ސަބަބުން ރަސްމީ ހިސާބުތަކުން ހަރަދުތަކެއް ފޮރުވުނަސް، ދައުލަތުގެ ހަގީގީ ދަރަނީގެ ބުރައަށް އެއްވެސް ބަދަލެއް ނާދެ އެވެ. އޭގެ ބަދަލުގައި މި ހަރަދުތައް ގޮސް ވަންނަނީ ސަރުކާރުން މަޝްރޫއުތައް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުންގެ ހިސާބު ފޮތްތަކަށެވެ.
މި މައްސަލަ ވޯލްޑް ބޭންކުން މި ފަހުން ޝާއިއުކޮށްފައިވާ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ގައި ވެސް ފާހަގަކޮށްފައިވެ އެވެ. އެ އިދާރާއިން ބުނި ގޮތުގައި ސަރުކާރުން މި ގޮތަށް ހެދުމުން ބިލުތަކަށް ނުދައްކާ ހުރި ފައިސާ (އެރިއާސް) ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. އަދި، މީގެ އުނދަގޫތައް ދައުލަތުގެ ކުންފުނިތައް (އެސްއޯއީތައް) އާއި ޕްރައިވެޓު ސެކްޓަރުން ވެސް ތަހައްމަލުކުރަމުންދާ ކަމަށް ވެސް ބުންޏެވެ. 
މިގޮތަށް ފަސްކުރަމުންދާ ހަރަދުތައް، މާ ލަސްތަކެއް ނުވެ ދައުލަތުގެ ހަޒާނާއާ އަރާ ހަމަކުރާނެ އެވެ. މި އަހަރަށް ބަލާއިރު، ޑެފިސިޓު ކުރިން ހުރި ހިސާބަށް ނުވަތަ އެއަށް ވުރެ ވެސް މައްޗަށް ދާނެ ކަމަށް ލަފާކުރެވެ އެވެ. ބަޖެޓު ފޮތުގައި އަންދާޒާކޮށްފައި ވަނީ މި އަހަރު ޑެފިސިޓު ހުންނާނީ ޖީޑީޕީގެ 10.9 ޕަސެންޓުގައި ކަމަށެވެ. 
މި އަހަރަށް އަންދާޒާ ކުރި ވަރަށް ވުރެ ބަޖެޓު ޑެފިސިޓު މަތި ވާނެ ކަމަށް ބެލެވެނީ، އިރާން ހަނގުރާމައާ ގުޅިގެން ޓޫރިޒަމަށް އައި ހީނަރުކަމާ ގުޅިގެން ޓޫރިޒަމުން ލިބޭ އާމްދަނީ ދަށްވުމާއި ހަކަތައިގެ ބާޒާރަށް އައި ލޮޅުމާ ގުޅިގެން އަންދާޒާކުރި ވަރަށް ވުރެ ސަބްސިޑީތަކަށް ކުރާ ހަރަދު ބޮޑުވާނެތީ އެވެ. މިހާ ހިސާބަށް ދިޔުމުން މޮޅު އުކުޅުތައް ބޭނުންކޮށްގެން ހަރަދުތައް ފޮރުވަން އުނދަގޫ ވާނެ އެވެ.
ސަރުކާރުގެ އަމަލުތައް ހުރި ގޮތުން މެދު ރާސްތާގައި ވެސް މާލީ ކުރި މަގު ފެންނަނީ ވަރަށް އަނދިރިކޮށެވެ. ފިނޭންސުން އަންދާޒާ ކުރަނީ އަންނަ އަހަރާއި އޭގެ އަނެއް އަހަރު ވެސް ޑެފިސިޓު ހުންނާނީ 10 ޕަސެންޓާ ގާތުގައި ކަމަށެވެ. މި ގޮތަށް މާލީ ނުތަނަވަސްކަން ދެމިއޮތުމުން އެނގެނީ، ހަރަދުތައް އިސްލާހުކުރަން ގެންނަން ޖެހޭ އެއްވެސް ހަގީގީ އިސްލާހެއް ގެންނަން ސަރުކާރު ނުކުޅެދިފައިވާ ކަމެވެ. އަދި، މިކަން ސަރުކާރުން ވެސް ގަބޫލުކުރާ ކަމެވެ.
މިދިޔަ އަހަރު ސަރުކާރުން ޑެފިސިޓު ކުޑަކުރުމޭ ކިޔައިގެން މި ޖެހި ސަކަރާތުން، ރާއްޖެ މި ވަނީ މާ ނާޒުކު އަދި ނުރައްކާތެރި ފައްތަރަކަށް ވައްޓާލާފަ އެވެ. ސަރުކާރުގެ ޕްރޮޖެކްޓުތަކާ ހަވާލުވީ ދައުލަތުގެ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތައް ހުރީ މާލީ ގޮތުން އިނދަޖެހި، ފައިސާއަށް ޖެހިފަ އެވެ.
ފައިސާ ނުދީ ހިފަހައްޓައިގެންނާއި ހިސާބުތަކުން ޖާދޫ ހަދައިގެން ހަރަދު ކުޑަކުރަން ބަރޯސާވެގެން މި ހާލަތުން ސަލާމަތް ވެވޭކަށެއް ނެތެވެ. މި ކަމުން ސަލާމަތް ވެވެން އޮތީ މުޅި މިސްރާބު ބަދަލުކޮށް، ކޮންމެހެން ބޭނުންވާ ޕްރޮޖެކްޓުތަކަށް އިސްކަންދީ ސަބްސިޑީ ފަދަ އިސްރާފު ހަރަދުތައް، މާލީ އޮނިގަނޑުގެ ތެރެއިން ފޮހެލައިގެންނެވެ. މިކަން ނުކުރާހާ ހިނދެއްގައި، ގައުމު މި އޮތް މާލީ އަޑިގަނޑުން އަރައިގެން، ސަލާމަތުގެ އައްސޭރިއަކަށް ނުގެންދެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ