ސްކޫލްގައި ބަޑި ޖެހުމުން ފިލިޕީންސްގައި ވީޑިއޯ ގޭމެއް މަނާކޮށްފި

ފިލިޕީންސްގެ ސްކޫލެއްގައި ދިން ބަޑީގެ ހަމަލާއަކާ ގުޅިގެން، އެ ހަމަލާގައި ބައިވެރިވި ކުއްޖަކު އާއްމުކޮށް ކުޅުނު ގޭމެއް އެ ގައުމުގައި މަނާކޮށްފި އެވެ.
ތަހުގީގުގެ ތެރެއިން އެނގިފައި ވަނީ ހަމަލާގައި ބައިވެރިވި ކުއްޖާއަކީ "ގޯބޮކްސް" ނަމަކަށް ކިޔާ ގޭމެއް އާއްމުކޮށް ކުޅެމުން ދިޔަ ކުއްޖެއް ކަމެވެ. 
މެނީލާގެ އިރުދެކުނުން އޮންނަ ޓެކްލޯބަންގެ ސްކޫލެއްގެ ކްލާސްރޫމެއްގެ ތެރޭގައި، އުމުރުން 15 އަހަރާއި 14 އަހަރުގެ ދެ ކުއްޖަކު މިދިޔަ ހޯމަ ދުވަހު ބަޑިން ދިން ހަމަލާތަކުގައި ތިން ދަރިވަރުން މަރުވެ، އިތުރު 20 މީހަކު ވަނީ ޒަހަމްވެފަ އެވެ.
ފުލުހުން ބުނި ގޮތުގައި، ހަމަލާ ދިނުމުގައި ބައިވެރިވި އުމުރުން 14 އަހަރުގެ ކުއްޖާއަކީ "ގޯބޮކްސް" ކުޅޭ ކުއްޖެކެވެ. ގޫގުލް ޕްލޭ ސްޓޯރުގައި އެ ގޭމް ސިފަކޮށްފައިވާ ގޮތުން، އެއީ ކުޅުންތެރިން ބޭނުންވާ ކޮންމެ އެއްޗެއް "ނެތިކޮށްލުމަށް"، ގިނަ އަދަދެއްގެ ހަތިޔާރާއި ގޮވާތަކެތި ބޭނުންކޮށްގެން "ލޭއޮހޮރުވުން ބޮޑު ކުރިމަތިލުންތަކެއް" ހިންގޭ ގޭމެކެވެ.
ފިލިޕީންސްގެ ސައިބާ ސެކިއުރިޓީ އެޖެންސީން ބުނީ، މި ހިތާމަވެރި ހާދިސާ ހިނގުމަށް އިންޓަނެޓްގެ ޒަރީއާއިން ނުފޫޒު ފޯރުވާފައިވުމުގެ ފުރުސަތު އޮތުމުން، އެކަމަށް ފަރުވާކުޑަ ކުރެވެން ނެތް ކަމަށެވެ.
"ގޯބޮކްސް" އުފެއްދި ޖަރުމަނުގެ އެފް2 ގޭމްސްއިން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް، ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި ވީޑިއޯ ގޭމްތަކާއި އަނިޔާވެރި އަމަލުތަކާ ސީދާ ގުޅުމެއް ހުންނަކަމެއް މިހާތަނަށް ސާބިތުވެފައެއް ނުވެ އެވެ.
"ގޯބޮކްސް" އަކީ އެކަނި ނުވަތަ އޮންލައިންކޮށް ގިނަ ބަޔަކާ އެކު ކުޅެވޭ "ފަސްޓް ޕާސަން ޝޫޓާ" ގޭމެކެވެ. އިންޓަނޭޝަނަލް އޭޖް ރޭޓިން ކޯލިޝަނުން މި ގޭމަށް "އާރު18" ރޭޓިން ދީފައިވަނީ، އޭގައި ހިމެނޭ އަނިޔާވެރިކަމާއި، ބިރުވެރި މަންޒަރުތަކުގެ ސަބަބުންނެވެ.
ފިލިޕީންސްގައި ބަޑީގެ އެކި ކުށްތައް ހިނގުމަކީ އާންމު ކަމަކަށް ވިޔަސް، ސްކޫލްތަކުގައި ބަޑިޖަހައި ގިނަ ބަޔަކު މަރާލުމުގެ ހާދިސާތަކަކީ އެ ގައުމުގައި ވަރަށް މަދުން ނޫނީ ނުހިނގާ ކަންކަމެވެ.
މިފަހަރުގެ ހާދިސާގައި އެންމެ ބޮޑަށް ފާހަގަކުރެވުނު ތަފާތަކީ، މި ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވެނީ ކުޑަކުދިންނަށް ވުމެވެ.
އަކްބަޔާން ޕާޓީގެ ކޮންގްރެސް މެންބަރު ޗެލް ޑިއޮކްނޯ ވަނީ، ކުޑަކުދިންނަށް ބަޑި ފަދަ ހަތިޔާރު ލިބޭނެ މަގު ފަހިކޮށްދޭ ފަރާތްތަކަށް ދޭ އަދަބު މިހާރަށް ވުރެ ހަރުކަށި ކުރުމަށް ގޮވާލައްވާފަ އެވެ.
ފިލިޕީންސްގެ ފަހުގެ ތާރީހެއްގައި ހިނގި އެންމެ ނުރައްކާތެރި ބަޑީގެ ހަމަލާ ހިނގާފައިވަނީ 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ ހާދިސާގައި މަގުއިންދަނާއޯ ޕްރޮވިންސްގެ ރަށެއްގެ މޭޔަރަކު ވަނީ، އޭނާގެ ސިޔާސީ ވާދަވެރިއަކާއެކު ދަތުރުކުރި 58 މީހަކު ބަޑިޖަހައި މަރާލާފަ އެވެ. އޭގެ ތެރޭގައި ގިނައީ ނޫސްވެރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ