54 ގަޑިއިރުގެ ބެޓެރީ ލައިފާއެކު ވަންޕްލަސް ނޯޑް ބަޑްސް 4 ތަޢާރަފްކޮށްފި
ވަންޕްލަސް ކުންފުނީގެ މަގުބޫލު "ނޯޑް" ސީރީޒްގެ އެންމެ ފަހުގެ ވަޔަލެސް އިއަފޯން "ވަންޕްލަސް ނޯޑް ބަޑްސް 4" ރަސްމީކޮށް ބާޒާރަށް ތަޢާރަފްކޮށްފިއެވެ. މިއީ މީގެ ކުރިން ނެރުނު ބަޑްސް 4 ޕްރޯއަށްފަހު މި ސީރީޒްއަށް އިތުރުވި އައު އުފެއްދުމެކެވެ. މި އިއަފޯނުގެ އަގަކީ 39.50 އެމެރިކާ ޑޮލަރު ކަމަށްވީ ނަމަވެސް، ޚާއްޞަ ލޯންޗް އޮފާއެއްގެ ދަށުން މިހާރު މިއަދަދު ވަނީ ގާތްގަނޑަކަށް 37.10 އެމެރިކާ ޑޮލަރަށް ކުޑަކޮށްދީފައެވެ. މި އުފެއްދުން ބާޒާރުން ގަންނަން ލިބޭނީ "ސްޓެލާ ބްލެކް" އަދި "އެސްޓްރަލް ޓީލް" ކުލައިގައެވެ. މި ފަހަރުގެ ނޯޑް ބަޑްސް 4 ގައި އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ބޭރުގެ އަޑުތައް ކަނޑުވާލަދޭ އެކްޓިވް ނޮއިސް ކެންސަލޭޝަން (އޭއެންސީ) 52 ޑެސިބެލް (ޑީބީ) އަށް މަތިކޮށްފައިވުމެވެ. މިއީ ކުރީގެ ޖީލުގެ ބަޑްސްތަކާ އަޅާބަލާއިރު %200 އިތުރު ކުރިއެރުމެއް ކަމަށް ވަންޕްލަސްއިން ހާމަކުރެއެވެ. މީގެ އިތުރުން މިިއިއާފޯނުގެ އަޑުގެ ފެންވަރު ރަނގަޅުކޮށް، ބާރުގަދަ ބޭސްއެއް ނެރެދިނުމަށްޓަކައި އޭގެ އެތެރޭގައި 12 މިލިމީޓަރުގެ ޓައިޓޭނިއަމް ކޯޓެޑް ޑައިނަމިކް ޑްރައިވަރުތަކެއް ވަނީ ހަރުކޮށްފައެވެ. ފޯނު ކޯލްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި މި އިއަފޯނުގައި 6 މައިކްރޯފޯނުގެ ސެޓަޕެއް ހިމަނާފައިވާ އިރު، އޭއައި ބެކްޑް ކްލިއާ ކޯލް ޓެކްނޮލޮޖީގެ އެހީގައި ގަޑިއަކު 25 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭ އިރުވެސް ވައިގެ އަޑު ކަނޑުވާލަދެއެވެ. މީގެ އިތުރުން 3ޑީ ސްޕޭޝަލް އޯޑިއޯ، ގޭމް ސްޕޭޝަލް އޯޑިއޯ އަދި ގޭމް ކުޅޭއިރު އަޑު ލަސްވުން ކުޑަކޮށްދޭ 47އެމްއެސް ލޯ-ލެޓެންސީ މޯޑްވެސް މީގައި ހިމެނެއެވެ. ކަނެކްޓިވިޓީއަށް ބަލާއިރު ބްލޫޓޫތު 6.1 އާއި އެކު އެއްފަހަރާ ދެ ޑިވައިސްއަކަށް ގުޅާލުމުގެ ފުރުޞަތު ލިބެއެވެ. މި އިއަފޯނުގެ ބެޓެރީ ލައިފަކީވެސް ފާހަގަކޮށްލެވޭ ފަދަ ވަރުގަދަ ބައެކެވެ. އޭއެންސީ ނުޖައްސާ ބޭނުންކުރާނަމަ ކޭސްއާއެކު ޖުމްލަ 54 ގަޑިއިރުގެ ޕްލޭބެކް ޓައިމް ލިބޭއިރު، ހަމައެކަނި އިއަބަޑްސްއިން 13 ގަޑިއިރުގެ ލަވަ އަޑުއެހޭނެއެވެ. އަދި އޭއެންސީ ޖައްސައިގެން ބޭނުންކުރާނަމަ ޖުމްލަ 27 ގަޑިއިރު ބޭނުންކުރެވެއެވެ. މީގެ އިތުރުން ފާސްޓް ޗާޖިން ސަޕޯޓްކުރާތީ، އެންމެ 10 މިނެޓުން ޗާޖުކޮށްލައިގެން ވެސް ކޭސްއާއެކު 11 ގަޑިއިރު ބޭނުންކޮށްލެވެއެވެ. ހިރަފުހާއި ފެނުން ރައްކާތެރިކޮށްދޭ އައިޕީ55 ރޭޓިންގް ލިބިފައިވާ މި އިއަބަޑްސްގެ ކޮންމެ ފަރާތެއްގެ ބަރުދަނުގައި ހުންނަނީ އެންމެ 4.3 ގްރާމެވެ. އޭއައި ޓްރާންސްލޭޓް ފަދަ ޒަމާނީ ފީޗާސްތަކާއެކު ނެރުނު މި އިއަފޯން ބާޒާރުގައި ރަސްމީކޮށް ވިއްކަން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 29 ވަނަ ދުވަހުން ފެށިގެން ވަންޕްލަސްގެ ވެބްސައިޓް، އެމެޒޯން އަދި ފްލިޕްކާޓް ފަދަ މަގުބޫލު ޕްލެޓްފޯމްތަކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ