ފީފާ ވޯލްޑްކަޕްގެ ގްރޫޕް އީ ގެ ފަހު މެޗުތައް މިރޭ ކުޅޭއިރު ގްރޫޕްގެ އެއްވަނައިގައި މިވަގުތު އޮތް ޖަރުމަން ނިކުންނާނީ އެކުއެޑޯ އާއި ދެކޮޅަށެވެ. އަދި އައިވަރީ ކޯސްޓް ކުޅޭނީ މި މުބާރާތުގައި އަލަށް ވާދަކުރާ ކުރަސާއޯ އާއި ދެކޮޅަށެވެ.
ޖަރުމަނުން މި މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި އައި 7-1 ގެ ނަތީޖާއަކުން ކުރަސާއޯ ބަލިކޮށްފައިވާއިރު 2-1 ގެ ނަތީޖާއަކުން ވަނީ އައިވަރީ ކޯސްޓްވެސް ބަލިކޮށްފަ އެވެ.
އިކުއެޑޯ އިން ކުޅުނު ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން އައިވަރީ ކޯސްޓް އަތުން ފަހު ވަގުތު ބަލިވެފައިވާއިރު ކުރަސާއޯ އާއި ދެކޮޅަށް ކުޅުނު މެޗު ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.
އެހެންކަމުން މި ދެ ޓީމު ކުޅޭ މެޗުން ޖަރުމަން މޮޅުވެއްޖެނަމަ އެ ޓީމަށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގައެއް ލިބިގެންދާއިރު އެކުއެޑޯއަށް ދެވަނަ ބުރުގެ ފުރުސަތު ލިބުމަކީ ދުރު ކަމެކެވެ. އެއީ ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން ދެވަނަ ބުރަށް ދާނީ އެންމެ ރަގަޅު ނަތީޖާ ހޯދާފައިވާ އަށް ޓީމު ކަމަށްވާތީ އެވެ.
ޖަރުމަން އިން އިކުއެޑޯ އާއި ދެކޮޅަށް ނިކުންނައިރު މިއީ ފީފާ ވޯލްޑްކަޕްގައި މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ފަހަރެވެ. 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ފީފާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ވަނީ ބައްދަލުކޮށްފަ އެވެ. އެ މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ޖަރުމަން އެވެ.
ކުރީގެ މެޗުތައް:
މި ގްރޫޕްގައި ދެން ހިމެނޭ އައިވަރީ ކޯސްޓާއި ދެކޮޅަށް ކުރުސާއޯ ނިކުންނައިރު, އިކުއެޑޯ ބަލިކޮށް އައިވަރީ ކޯސްޓް އިން ވަނީ 3 ޕޮއިންޓް ހޯދާ ގްރޫޕްގެ ދެވަނަ މަގާމް ހޯދާފަ އެވެ.
ކުރަސާއޯ އިން މި މެޗަށް ނިކުންނައިރު އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައިވާއިރު އެއް މެޗު އެއްވަރުވެ އެއް މެޗުން ވަނީ ބަލިވެފަ އެވެ. އައިވަރީ ކޯސްޓް ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމު ވަނީ ހަތަރު މެޗުން މޮޅުވެފަ އެވެ.
ފީފާ ވޯލްޑްކަޕް ގްރޫޕް އީ: އިކުއެޑޯ – ޖަރުމަން / ކުރަސާއޯ – އައިވަރި ކޯސްޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ