ހދ. ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން ނަން ނޯޓުކުރުމުގެ ފުރުސަތު، ހިރިމަރަދޫ ބެލެހެއްޓުމާ މިހާރު ހަވާލުވެފައިވާ ހަނިމާދޫ ކައުންސިލުން އިއްޔެ ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ހޯރަފުށީ ކައުންސިލުން ހިރިމަރަދޫ ރައްޔިތުންނަށް އެ ރަށަށް ބަދަލުވުމަށް ދީފައިވާ ދައުވަތަކާ ގުޅިގެންނެވެ.
ހަނިމާދޫ ކައުންސިލުން ބުނި ގޮތުގައި، ހޯރަފުށީ ކައުންސިލްގެ އާންމު ޖަލްސާއަކުން ނިންމައި، ހިރިމަރަދޫ ރައްޔިތުންނަށް އެ ރަށަށް ބަދަލުވުމުގެ ދައުވަތު ދީފައިވަނީ އެ ކައުންސިލްގެ ކުރީގެ ދައުރު ނިމެން ގާތްވެފައި ވަނިކޮށް، މިދިޔަ މާޗް 27 ވަނަ ދުވަހުއެވެ. އެ ނިންމުމާ ގުޅިގެން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ނަން ނޯޓުކުރުމަށް މިހާރު ވަނީ އިއުލާނުކޮށްފައެވެ.
ނަން ނޯޓުކުރަން ބޭނުންވާ މީހުން ހަނިމާދޫ އަވަށު އޮފީސް (ކުރީގެ ހިރިމަރަދޫ ކައުންސިލް އިދާރާ) އަށް ނުވަތަ ހަނިމާދޫ ކައުންސިލަށް ހާޒިރުވެގެން ނަން ނޯޓުކުރެވޭނެއެވެ. މީގެ އިތުރުން ކައުންސިލްގެ މެއިލް މެދުވެރިކޮށް ނުވަތަ ފޯނު ނަންބަރު 4002064 އަށް ގުޅައިގެން ވެސް ނަން ނޯޓުކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މިކަމާ ގުޅޭގޮތުން ހޯރަފުށީ ކައުންސިލުން ބުނީ، ހިރިމަރަދޫ މީހުންނަށް ގޯތި ދޭން ނިންމީ ކުރީގެ ކައުންސިލުން ކަމަށް ވީނަމަވެސް، އެ ރަށަށް ބަދަލުވާން ބޭނުންވާ ރައްޔިތުންގެ އަދަދަށް ބަލައި އާ ކައުންސިލުން ވެސް އެއްބާރުލުން ދޭނެ ކަމަށެވެ. ހިރިމަރަދޫއަކީ ހދ. އަތޮޅުގެ އެންމެ އާބާދީ ކުޑަ ރަށް ކަމަށްވާއިރު، އެންމެ ފަހުގެ ބޯހިމެނުމުގެ ނަތީޖާއިން ދައްކާ ގޮތުގައި އެ ރަށުގެ އާބާދީއަކީ 293 އެވެ.
އާބާދީ ކުޑަވުމުގެ ސަބަބުން ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވަނީ ނިންމާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މޭ 17 ގައި ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، އެ ރަށް ހަނިމާދޫ ކައުންސިލްގެ ދަށަށް ބަދަލުކުރައްވާފައެވެ. ނަމަވެސް އެ ރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު އަސާސީ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.
ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުން ނަން ނޯޓްކުރަން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ