ސްކޫލް ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްފި

ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން، އެޑިއުކޭޝަން މިނިސްޓްރީއާއި ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓު ގުޅިގެން ކުރިއަށްގެންދާ ސްކޫލް ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.
މިޕްރޮގްރާމް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާފައިވަނީ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި މިކަމަށްޓަކައި  އިއްޔެބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީއެވެ.މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސްވެރިންނާއި ސްކޫލްތަކުގެ އިސްވެރިންގެ އިތުރުން ޓްރެފިކް މޮނީޓަރސް ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ.
އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި، ޖުލައި 21 އިން 25 އަށް ހިރިޔާ ސްކޫލާއި މަޖީދިއްޔާ ސްކޫލާ އަދި ދަރުމަވަންތަ ސްކޫލްގައި ކުރިއަށް ގެންދިޔަ ސްކޫލް ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފައިވެއެވެ.
ޓްރެފިކް މޮނީޓަރސް ޕްރޮގްރާމަކީ ކޮބާ؟
2014 ވަނަ އަހަރު ފެށި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ ސްކޫލްތަކުގެ ދަރިވަރުން މަގުމަތީގެ ގަވާއިދުތަކަށް އަހުލުވެރިކުރުވައި، މުޖުތަމަޢުގެ ރައްކާތެރިކަމަށް މަސައްކަތްކުރުމަށް ޝައުޤުވެރިކުރުވުމާއެކު ސްކޫލް ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ކަންކަން ހައްލުކޮށް ބެލެހެއްޓުމުގައި، ޓްރެފިކު ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރާނެގޮތް ދަރިވަރުންނަށް ދަސްކޮށްދީ މިފަދަ ކަންކަމަށް ދަރިވަރުން އަހުލުވެރިކުރުވުމަށް ފެށި ޕްރޮގްރާމެކެވެ.
މާލޭގެ ސްކޫލްތަކާއި އާބާދީ ބޮޑެތި އަދި ފުލުހުން އެރަށެއްގައި ޤާއިމުވެ ތިބި ރަށްރަށުގެ ސުކޫލުތަކުގެ ގްރޭޑް  7، 8  އަދި 9 ގެ ދަރިވަރުންނަށް ކުރިއަށްގެންދާ  ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމުގައި ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތުދެއެވެ. އަދި ސްކޫލް ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމާއި ދަރިވަރުން މަގުމަތީގައި ހަރާކާތްރިވާއިރު އަމަލުތައް ބަހައްޓަންވީގޮތް ދަސްކޮށްދީ މުއާމަލާތު ކުރުމުގެ ހުނަރުތައް ދަސްކޮށްދެއެވެ. އަދި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރަންވީ ގޮތްތައް ދަސްކޮށްދިނުމަށް ސެލްފް ޑިފެންސް ކްލާސްތައް ކުރިއަށް ގެންދެއެވެ.
2014 އިން ފެށިގެން ޓްރެފިކް މޮނީޓަރސް ޕްރޮގްރާމްގެ 27 ޕްރޮގްރާމެއް މިއަހަރުގެ މިހާތަނަށް ކުރިއަށް ގެންގޮސް އެ ޕްރޮގްރާމްތަކުން ޖުމްލަ 849 ދަރިވަރުން ތަމްރީނުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ