ކުރީގެ މެމްބަރު ނާޒިމް ރައީސް ސޯލިހާ ބައްދަލު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފިއެވެ. މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވާ ނާޒިމް ވަނީ މިއަހަރުގެ މަޖިލިސް އިންތިހާބުގައި ދިއްގަރު ދާއިރާ އަށް ވާދަ ކުރައްވަން ނިންމަވައިފައެވެ. ނާޒިމް އާއި ރައީސް ސޯލިހުގެ ބައްދަލުވުމާ ގުޅޭ ތަފްސީލު ހާމަކުރައްވައިފައެއް ނުވެއެވެ. It was a great privilege to meet with President @ibusolih today. pic.twitter.com/nVfbCizYBx — Ahmed Nazim (@MP4Dhiggaru) February 24, 2019 ނާޒިމް އަކީ ކުރީގެ ރައީސް ޔާމީން އާއި ގާތް ގުޅުމެއް އޮތް ބޭފުޅެއް ނަމަވެސް ނާޒިމްގެ މައްޗަށް ކުރި މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ރައީސް ޔާމީންގެ ވެރިކަމުގައި 25 އަހަރުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން ވަނީ އޭނާގެ މައްޗަށް ކޮށްފައެވެ. ނާޒިމް ވަނީ ޖަލުގައި ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު ރާއްޖެއިން ބޭރަށް ބޭސްފަރުވާ އަށް ވަޑައިގެން އިނގިރޭސި ވިލާތުގެ ސިޔާސީ ހިމާޔަތް ހޯއްދަވާ އެ ގައުމުގައި ދުވަސްތަކެއް ހޭދަ ކުރައްވައިފައެވެ. ނާޒިމް މިނިވަންވީ އޭނާގެ މައްޗަށް ކޮށްފައިވާ 25 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިދިޔަ ޑިސެމްބަރު މަހު ބާތިލް ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ