ޔުއެފާއާ ދެކޮޅަށް ޕީއެސްޖީން އެޕީލް ކާމިޔާބުކޮށްފި

ޕެރިސް (މާޗް 20) - ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ ހިލާފުވެފައިވާކަމަށް ބުނެ ޔުއެފާ އިން ޕީއެސްޖީގެ މައްސަލަތައް އަލުން ބަލަން ކުރި މަސައްކަތް އެ ކްލަބުން ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) މެދުވެރިކޮށް ހުއްޓުވައިފި އެވެ.
ސީއޭއެސް އިން ޕީއެސްޖީގެ އެފްއެފްޕީއާ ހިލާފުވާ މައްސަލައެއް ނެތް ކަމަށް ނިންމީ މިދިޔަ އަހަރު ޖޫންގަ އެވެ. އޭގެ ފަހުން މީޑިއާގައި ލީކުވި ސިއްރު ލިޔެކިއުންތަކަށް ބެލުމަށް ފަހު މިދިޔަ އަހަރުގެ ސެޕްޓެމްބަރު 24 ވަނަ ދުވަހު ޔުއެފާ އިން ވަނީ ޕީއެސްޖީން ހަރަދުކުރުމުގައި އެފްއެފްޕީއާ ހިލާފުވެފައިވޭތޯ އެ ކްލަބްގެ މައްސަލަތަކެއް ބެލުމަށް ނިންމައިފަ އެވެ. އެއާ އެކު ޕީއެސްޖީން ވަނީ އެ މައްސަލަ ސީއޭއެސްގައި އެޕީލްކޮށްފަ އެވެ.
މި މައްސަލައިގައި ސީއޭއެސްގެ ޗެމްބަރުން ގޮތެއް ނިންމުމަމަށް ފަހު އިއްޔެ އާންމުކުރި ބަޔާނުގައި ބުނެފަައިވަނީ ޕީއެސްޖީގެ ކުރީގެ މައްސަލަތައް ޔުއެފާ އަށް އަލުން ނުބެލޭނެ ކަމަށާއި ސަބަބަކީ އެއީ ކުރިން ބަލާ ނިމިފައިވާ މައްސަލަތަކެއް ކަމުގައިވާތީ ކަމަށެވެ. އަދި އަލުން މައްސަލަ ބެލުމަށް ޔުއެފާ އިން އުސޫލުގެ ތެރެއިން ކަންތައް ކުރާނަމަ މައްސަލައިގައި ގޮތް ނިންމިތާ 10 ދުވަސްތެރޭ އަލުން ހުށަހަޅަން ޖެހޭނެ ކަމަށާއި ޔުއެފާ އިން އެކަންކުރަން އުޅުނީ މުއްދަތު ފާއިތުވި ފަހުން ކަމަށެވެ.
ޔުއެފާ އިން ބޭނުންނަމަ 2017 ވަނަ އަހަރުން ފެށިގެން ޕީއެސްޖީގެ ހަރަދުތައް ތަހުގީގުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ސީއޭއެސް އިން ބުނެ އެވެ.
ޔުއެފާ އިން މައްސަލަ އަލުން ބަލަން ނިންމީ 2017 ވަނަ އަހަރު ޕީއެސްޖީ ދުނިޔޭގެ ރެކޯޑް އަގަކަށް ބާސެލޯނާ އިން ނޭމާ ގަތުމުގެ އިތުރުން މޮނާކޯ އަށް އުސޫލުން ބޭރުން ފައިސާދީ ކިލިއަން އެމްބާޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ގެންގޮސްފައިވާތީ އެވެ.
ސީއޭއެސް އިން ޕީއެސްޖީއާ އެއްކޮޅަށް މައްސަލައިގައި ގޮތް ނިންމި ނަމަވެސް ޔުއެފާ އިން ބޭނުންވަނީ މި މައްސަލައިގައި އިތުރު ގޮތްތަކެއް ހޯދައި ޕީއެސްޖީގެ ހަރަދުތައް ބެލުމަށް މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން 2014 ވަނަ އަހަރު ޔުއެފާ އިން ވަނީ އެފްއެފްޕީއާ ހިލާފުވެފައިވާތީ ޕީއެސްޖީ އަށް އަދަބުދީފަ އެވެ.
ޔުއެފާ އިން މިހާރު ބަލަމުން އަންނަ މައްސަލައިގައި ޕީއެސްޖީގެ މައްޗަށް އެންމެ ބޮޑަށް ތުހުމަތުކުރަނީ ގަވާއިދާ ހިލާފަށް ކްލަބަށް ގަތަރުގެ އެކި ވިޔަފާރިތަކުން ފަންޑް ބޭނުންކުރާ މައްސަލަ އެވެ. މި އަހަރު ނިމުމުގެ ކުރިން ޔުއެފާ އިން ޕީއެސްޖީގެ މައްސަލަ އެއްކޮށް ނިންމާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޕީއެސްޖީގެ ޝަކުވާ ޔުއެފާ އަށް ގިނަ ކްލަބްތަކުން ކުރަމުން އަންނައިރު، އޭގެ ތެރޭގައި ސްޕެނިޝް ލީގުގެ ރައީސް ހަވިއޭ ޓެބާސް ވެސް ހިމެނެ އެވެ.
އަންނަ ސީޒަން ފެށުމުގެ ކުރިން އެފްއެފްޕީ ގަވައިދާ އެއްގޮތަށް ކުރިއަށްދާނަމަ ޕީއެސްޖީން އެ ޓީމުގެ ބަޖެޓަށް 170 މިލިއަން ޔޫރޯ (193 މިލިއަން ޑޮލަރު) އިތުރުކުރަން ޖެހެ އެވެ. އެއީ މި ފަހަރު ވެސް އެ ކްލަބުން ޓްރާންސްފާތަކާއި އެހެނިހެން ކަންތައްތަކަށް ކުރިހަރަދަށް ބަލާއިރު، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ނުލިބި ކެޓުމުގެ ސަބަބުން ކްލަބަށް މާލީ ގޮތުން ލިބުނު ގެއްލުމުގެ ސަބަބުންނެވެ. ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީން މި ސީޒަނަށް ފަހު އެ ކްލަބްގެ ބައެއް ކުޅުންތެރިން ވިއްކާލާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ