އަހާ: ވަޒީރުންގެ ދެވަނަ ފޯރަމް އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަނީ

ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ވަޒީރުންގެ ޕަބްލިކް ފޯރަމްގެ ދެވަނަ ފޯރަމް މިމަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
"އަހާ" ގެ ނަމުގައި ކުރިއަށްގެންދާ މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ ފޯރަމެކެވެ. ދެ ގަޑިއިރަށް ކުރިއަށްގެންދާ މި ފޯރަމް އޮންނާނީ މިމަހުގެ 29 ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައެވެ.
މިފަހަރުގެ ފޯރަމުގައިވެސް 5 ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ.
• ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު: މުޙައްމަދު އަމީން
• ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު: ޢަލީ އިޙްސާން
• މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު: އަޙްމަދު ޝިޔާމް
• މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު: ޑރ. މަރްޔަމް މާރިޔާ
• ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު: އިބްރާހީމް ވަޙީދު
ވަޒީރުންގެ ޕަބްލިކް ފޯރަމަކީ ސަރުކާރުން ކޮންމެ ދެ މަހަކުން އެއް މަހު ބާއްވާގޮތަށް ނިންމަވާފައިވާ ފޯރަމެކެވެ. މި ފޯރަމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވާނެއެވެ.
ވަޒީރުންގެ ޕަބްލިކް ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ.
މި ފޯރަމަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަށެވެ.
"އަހާ" ގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ މިދިޔަ ޖެނުއަރީމަހުގެ 25 ވަނަ ދުވަހުއެވެ.
ވަޒީރުންގެ ފޯރަމުގެ އިތުރުން ކޮންމެ ތިން މަހަކުން އެއް މަހު ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާގޮތަށް ޚާއްސަ ފޯރަމެއްވެސް ސަރުކާރުން އަންނަނީ ބާއްވަވަމުންނެވެ. މިއީވެސް އާންމުންނަށް އެކި ދާއިރާތަކުން ސުވާލުކުރެވޭގޮތަށް ހުޅުވާލައިގެން ބާއްވާ ފޯރަމެކެވެ. ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތް އަހާގެ ފޯރަމް ބާއްވާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 23 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ