ނަމެއްވެސް އަނބުރާ ނުގެންނާނަން، ވޯޓު ވެސް ކާމިޔާބުކުރާނަން – ގާސިމް

އާ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ނިންމުން އަނބުރާ ނުގެންނަވާނެ ކަމަށާއި އަދި ރައީސް ކަމަށް ނަގާ ވޯޓު ވެސް ކާމިޔާބުކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވެފައިމިވަނީ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ނިންމެވުން އަނބުރާ ގެންދެވުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފައި ވަނިކޮށް ކަން ފާހަގަކޮށްލަންޖެހެ އެވެ.
19 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގަންނަވާފައިވާ ބޭފުޅުންނަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގައި މިރޭ ބޭއްވި ފަރިއްކޮޅެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އާ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ނިންމުން އަނބުރާ ނުގެންނަވާނެ ކަމަށެވެ. އަދި ރައީސްކަމަށް މީހަކު ހޮވަން ނަގާ ވޯޓު ވެސް ކާމިޔާބުކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
މަޖިލިސް ރައީސްކަމަށް ކުރިމަތިލައްވާނެކަން ކުރިންވެސް ރައީސް އބްދުﷲ ޔާމީން އަދި ރައީސް މައުމޫންއާ ވެސް ހިއްސާކުރެއްވި ކަމަށާއި ނަމަވެސް އެބޭފުޅުންވެސް އެކަމާއި ދެކޮޅު ހައްދަވާފައި ނުވާކަން ގާސިމް ފާހަގަކުރެއްވި އެވެ. މަޖިލީހުގެ ރައީސްކަމަށް ވަޑައިގެން ގައުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން މަޖިލީހުގެ ރައީސް ކަމަށް ގާސިމް ނިކުންނަވާނެކަން އިއުލާންކުރައްވާފައިވާއިރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީކަަމަށްވާ ޕީޕީއެމް އިން ވެސް ވަނީ މަޖިލީހުގެ ރައީސްކަމަށް ބޭފުޅަކު ކުރިމަތިލެއްވުމަށް ނިންމަވާފަ އެވެ.
އެގޮތުން އިއްޔެ ޕީޕީއެމް އިން ވަނީ އެ ޕާޓީން މަޖިލީހުގެ ރައީސްކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މަސީހު އަދި މަޖިލީހުގެ ނައިބްރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ނެރުމަށް ނިންމާ އެކަން އިއުލާންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ