ނައިޖީރިއާގެ މައްޗަށް ކުރި ހޯދާ ފްރާންސް ކުއާޓާފައިނަލަށް

0-2 ގެ ނަތީޖާއަކުން ނައިޖީރިއާގެ މައްޗަށް ކުރި ހޯދާ ފްރާންސް މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފި އެވެ.
ބްރެޒިލްގެ ބްރެސީލިއާގެ އެސްޓަޑިއޯ ނަސިއޮނާލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފްގައި ފްރާންސްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.
އެގޮތުން ފްރާންސްގެ މިޑްފިލްޑަރ ޕައުލް ޕޮގްބާ ކުރިއަށް ފޮނުވާލި ބާރު ހަމަލާ ނައިޖީރިޔާގެ ކީޕަރު އެނިޔޭމާ ހުޝިޔާރުކަމާ އެކީ ދިފާއުކުރިއިރު އެޓީމުގެ ފުލްބެކް ޑެބޫޝީ ކުރިއަށް ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
މެޗުގެ ފުރަތަމަ ހާފްގައި ގިނަވަގުތު އެންމެފަހުގެ އެފްރިކާގެ ޗެމްޕިއަނުން ކަމަށްވާ ނައިޖީރިއާ އިން ގެންގުޅުނު ނަމަވެސް އެޓީމަށް ފްރާންސްގެ ގޯލާ އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެ އެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ދެވަނަ ހާފްގައި ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.
އެގޮތުން ނައިޖީރިއާގެ ފޯވާޑް އޮޑެމްވިންގީ ކުރިއަށް ފޮނުވާލި ބޯޅަ ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް ހުޝިޔާރުކަމާއެކީ ދިފާއުކުރިއިރު ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ ކުރިއަށް ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ރޮގުމަތިން ނައިޖީރިއާގެ މޯސެސް ވަނީ ދިފާއުކޮށްފަ އެވެ.
އަދި މެޗުގެ 76 ވަނަ މިނެޓްގައި ބެންޒެމާ ކުރިއަށް ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ރޮގުމަތިން ނައިޖީރިއާގެ ޑިފެންޑަރުން ދިފާއުކުރިއިރު އޭގެ އިރުކޮޅެއްފަހުން ފްރާންސްގެ މިޑްފިލްޑަރ ކަބާއޭ ކުރިއަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަޑިއަށެވެ.
ނަމަވެސް މެޗުގެ 79 ވަނަ މިނެޓްގައި ފްރާންސް އިން ވަނީ މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑްނަގާފަ އެވެ. މި ގޯލް ކާމިޔާބުކޮށްދިނީ ފްރާންސްގެ ޒުވާން މިޑްފިލްޑަރު އަދި މި މެޗުގައި ފްރާންސްގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި ޕައުލް ޕޮގްބާ އެވެ. މިއީ އޭނާ މި މުބާރާތުގައި ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
މި ގޯލަށްފަހު ވެސް ފްރާންސްއަށް ވަނީ ނަތީޖާ ފުޅާކޮށްލަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އެޓީމުގެ މިޑްފިލްޑަރ ގްރިޒްމަން ކުރިއަށް ފޮނުވާލި ބާރު ހަމަލާ މި މެޗުގައި މޮޅު ކުޅުމެއްދެއްކި ނައިޖީރިއާގެ ކީޕަރު އެނިއޭމާ ވަނީ ހުޝިޔާރުކަމާ އެކީ ދިފާއުކޮށްފަ އެވެ.
ނަމަވެސް މެޗުގެ އިތުރުވަގުތުގެ ތެރޭގައި ފްރާންސް އިން ވަނީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށް ކުއާޓާފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. މި ގޯލަކީ ނައިޖީރިއާގެ ޑިފެންޑަރު ޔޯބޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ފްރާންސް މުބާރާތުގެ ކުއާޓާފައިނަލްގައި ބައްދަލުކުރާނީ މިރޭ ރާއްޖެގަޑިން 1 ޖަހާއިރު ކުޅޭ ޖާރމަނީ އަދި އަލްޖީރިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ