ޓެރެރިޒަމް ގާނޫނުގެ ނާޖާއިޒު ފައިދާ ނުނަގާނެ ކަމަށް އުމަރު ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޓެރަރިޒަމް މަނާކުރުމުގެ އާ ބިލް ގާނޫނަކަށް ވިޔަސް އޭގެ ބޭނުން ނާޖާއިޒް ގޮތުގައި ސަރުކާރުން ނުހިފާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުން އެބިލް ފާސްކުރުމާއި ގުޅިގެން އުމަރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަދިގޭގައި ބޭނުންކުރާ ވަޅިއަކީ ތަރުކާރީ ކޮށަން ބޭނުންކުރާ ވަޅިއެއް ކަމަށް ވިޔަސް އެވަޅި ބޭނުންކޮށްގެން މީހަކު ވެސް މަރާލެވިދާނެ ކަމަށެވެ. އެގޮތަށް މިސާލު ޖައްސަވާ އުމަރު ވިދާޅުވީ ޓެރެރިޒަމް މަނާކުރުމުގެ ގާނޫނު ބޭނުންކުރައްވައިގެން އޭގެ ނާޖާއިޒު ފައިދާ ނުނަންގަވާނެ ކަމަށާއި އެބިލްގައިވާ ގޮތުން ހޯމް މިނިސްޓަރަށް ބޮޑެތި ބާރުތަކެއް ލިބިގެންދާ ކަމަށެވެ.
ގާނޫނުތައް ގޯސްކޮށް ނުވަތަ ރަނގަޅަށް ވެސް ބޭނުން ކުރެވިދާނެ ކަމަށް އިޝާރާތް ކުރައްވައި، އެ ޓްވީޓްގައި މިނިސްޓަރު އުމަރު ވިދާޅުވެފައިވަނީ ބަދިގޭގައި ބޭނުންކުރާ ވަޅިއަކީ ތަރުކާރީ ކޮށަން ނުވަތަ މީހަކު މެރުމަށް ވެސް ބޭނުން ކުރެވިދާނެ އެއްޗެއް ކަމަށެވެ.
ދިވެހިރާއްޖޭގައި "ޓެރެރިޒަމްގެ އަމަލު" ގެ ގޮތުގައި ބަލާނެ ހަރަކާތްތަކާއި ކަންތަކެއްތަކެއް ހިމަނައި، އަދި އެފަދަ ކަންކަން ތަފާތު ގޮތް ގޮތަށް މާނަކުރެވިދާނެ ގޮތަށް ހުށަހެޅި ޓެރަރިޒަމާ ބެހޭ އާ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފައި ވަނީ މިދިއަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ.
އެ ބިލްގައި ބުނެފައިވާ ގޮތުން ބައެއް ހައްގުތައް ހަނިކޮށް އަދި ޓެރަރިޒަމްގެ ހަރަކާތްތައް ތަފާތު ގޮތް ގޮތަށް މާނަ ކޮށްފައި ވެއެވެ. އަދި އާންމު ފަރުދުންނާއި ސިޔާސީ ހަރަކާތްތަކުގެ މިނިވަންކަން ކުޑަކުރެވިދާނެ މާއްދާތަކެއް ވެއެވެ.
ދައުލަތަށް ނުވަތަ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުމަށްޓަކައި ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް، ނުވަތަ ގާނޫނާ ހިލާފަށް ސިޔާސީ، ދީނީ ނުވަތަ އެހެނިހެން ވެސް ފިކުރެއް ކުރިއަރުވަން މަސައްކަތްކުރުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި އާބިލުގައި މާނަކޮށްފައި ވެއެވެ.
އަލަށް އެކުލަވާލެވިފައިވާ ބިލުގައި މީޑީއާތަކަށް ވެސް ވަރުގަދަ އިންޒާރުތަކެއް ދީފައި ވެއެވެ. އެގޮތުން ޓެރަރިޒަމް ޖަމާއަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ބައެއްގެ ލިޔެކިޔުން ފެތުރުމާއި ޝާއިއުކުރުމަކީ، އަދި ޓީވީ، ރޭޑިއޯ އަދި އިންޓަނެޓް މެދުވެރިކޮށް ފެތުރުމަކީ ވެސް ޓެރަރިޒަމްގެ ކުށެއް ކަމަށް ކަނޑައަޅާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ