އިންޑިއާ އާއި ރާއްޖެއާ މެދު އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށް ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮތްގުޅުން ހީނަރުވެފައިވާކަމަށް އެކި އެކި މީޑިޔާތަކުގައި ދައްކަމުން ދާވާހަކަތަކާއި ގުޅުވައިގެން އިންޑިއާގެ ނޭޝަނަލް ހެރަލްޑް އަށް ދެއްވި އިންޓަވިއުއެއްގައެވެ.
" ރާއްޖެއާއި ޗައިނާ އާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ސަރުކާރުން އިސްކަންދިން ނަމަވެސް އިންޑިއާއާ އެކު އޮންނަ ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނާނެ " ސަފީރު ވިދާޅުވިއެވެ.
ޗައިނާ އާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރި ފަހުން އިންޑިއާ އާއިއެކު އޮންނަ ގުޅުމަށް ބުރޫ އަރާފައިވާ ކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން ސަފީރު ވިދާޅުވީ އެފަދަ ވާހަކަތައް ދެކެވެނީ މަޢްލޫމާތުގެ ސައްޙަކަން ޔަޤީން ކުރުމެއްނެތި ވާހަކަ ދައްކާތީ ކަމަށެވެ.
އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކަކީ އިކޮނޮމިކް ޑިޕްލޮމެސީގެ އެންމެ ވަރުގަދަ ހަތިޔާރު ކަމަށާއ، އިދިކޮޅު ސިޔާސީ ބައެއް ބޭފުޅުން އުޅުއްވަނީ "ހިތުން ޑިޕްލޮމޭޓުންނަށް" ވެގެން ކަމަށެވެ. އަދި އެފަދަ ބޭފުޅުން އެ އެއްބަސްވުމުގެ މާނަ އޮޅޭގޮތަށް ވާހަކަދައްކާތީ ހިތާމަ ކުރައްވާކަމަށް ވެސް ސަފީރުވަނީ ވިދާޅުވެފައެވެ.
ސަފީރު އިތުރަށް ވިދާޅުވީ އިންޑިއާއަކީ ރާއްޖެއިން އެދިއްޖެ ކޮންމެ ހިނދެއްގައި ރާއްޖެއަށް އެންމެ ފުރަތަމަ އެހީދޭ ޤައުމުކަމަށާއި އެގުޅުން އެގޮތަށް އަބަދުވެސް ދެމިއޮންނާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.
އަދި ވިދާޅުވީ އިޤްތިޞާދީ ގޮތުން ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް ގެންނެވުމަކީ ރައީސް ޔާމީންގެ އަމާޒުފުޅެއްކަމަށާއި އެ ބަދަލުތައް ގެނައުމަށް ޗައިނާ އާ އެކު ގުޅުން ބަދަހި ކުރި ނަމަވެސް އެހެން ގައުމުތަކާ އެކު ބާއްވާ ގުޅުމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ.
އިންޑިޔާއާއި ދިވެހިރާއްޖެއާއި ދެމެދު އެއްވެސް ނުތަނަވަސް ކަމެއް ނެތް - އަހުމަދު މުހައްމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ