މައުމޫން ފައުންޑޭޝަނުން 28 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލްކުރުމަށް 28 ސްކޮލާޝިޕަކަށް ކުރިމަތިލުމަށް މައުމޫން ފައުންޑޭޝަނުން ފުރުސަތު ހުޅުވާލައިފި އެވެ.
މައުމޫން ފައުންޑޭޝަނުން ބުނީ ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން އިންޑިޔާގެ ބެންގަލޫރުގެ ގާޑަން ސިޓީ ކޮލެޖުން ހަތް ދާއިރާއަކުން ބެޗެލާސް ޑިގްރީ ހާސިލް ކުރުމަށް ހުޅުވާލި 28 ފުރުސަތަކީ، އެ ފައުންޑޭޝަންގެ ޕާޓް-ފަންޑަޑް ސްކޮލާޝިޕްތަކެއް ކަމަށެވެ. އެ ފައުންޑޭޝަނުން ހުޅުވާލައިފައިވަނީ ހަތް ދާއިރާއަކުން ތިން އަހަރުގެ ބެޗެލާސް ޑިގްރީ ކޯސްތަކެކެވެ.
ސްކޮލަޝިޕް ހުޅުވާލާފައިވާ ދާއިރާތަކަކީ ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗްލާ އޮފް ކޮމާސް، ޓުއަރިޒަމް، ހިސްޓްރީ، ޖާނަލިޒަމް، ބެޗްލާ އޮފް ކޮމްޕިއުޓާ އެޕްލިކޭޝަން، ޖާނަލިޒަމް، ސައިކޮލަޖީ، އިންގްލިޝް، ފެޝަން އެންޑް އެޕެރަލް ޑިޒަން، ބަޔޯޓެކްނޮލަޖީ، ބަޔޯކެމިސްޓްރީ އަދި ޖެނިޓިކްސް އެވެ.
ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހަތަރު އޯލެވަލް ފާހާއި ތިން އޭލެވަލް ފާސް ނުވަތަ ފަސް އޯލެވަލް ފާހާއި ދެ އޭލެވެލް ފާސް ލިބިފައިވުން ހިމެނެ އެވެ. އޭގެ އިތުރުން އިނގިރޭސިން ޖީސީއީ އޯލެވަލް އިން ދަށްވެގެން ސީ ފާސް ލިބިފައިވުން ނުވަތަ އެއާ އެއްފެންވަރުގެ ފާހެއް އިނގިރޭސިން ލިބިފައިވުން ހިމެނޭ ކަމަށްވެސް އެ ފައުންޑޭޝަނުން ބުނެފައި ވެއެވެ.
ތިން އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ކޯސްތަކުން ކޮންމެ ކޯހަކަށް ހަތަރު ފުރުސަތު ވަނީ ހުޅުވާލައިފައިވާއިރު، އެ ކޯސްތަކަށް 28 އަހަރުން ދަށުގެ ފަރާތްތަކުން އަންނަ ބްރާސްފަތި ދުވަހުގެ 1:00 ގެ ކުރިން މައުމޫން ފައުންޑޭޝަންގެ އިދާރީ އޮފީހަށް ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށް އެ ފައުންޑޭޝަނުން ބުނެ އެވެ. ކޯސްތަކަށް ދަރިވަރުން ހޮވާނީ އެކަމަށް އޮންނަ ހާއްސަ އެކަޑެމިކް ޕެނަލަކުން ކުރިމަތިލާ ކުދިންނާ އިންޓަވިއުކޮށްގެން ކަމަށެވެ. އަދި ކޯސްތަކަށް ހޮވޭ ދަރިވަރުންގެ ނަންތައް މިމަހު 20 ވަނަ ދުވަހު އިއުލާނު ކުރާނެ ކަމަށް އެ ފައުންޑޭޝަނުން ހާމަ ކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ