ޕީޕީއެމް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރުމަށް އެދި ޕީޕީއެމްގެ އާންމު މެންބަރަކު ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ގދ. ތިނަދޫ ބީޗްރެސްޓް އަހްމަދު ރަޝީދުގެ ނަމުގައިި ސިވިލްކޯޓަށް ހުށަހަޅަފައިވާ މިމައްސަލައިގެ ޝަރީއަތް އިއްޔެ ފަށާފައިވާއިރު އަހްމަދު ރަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މިމައްސަލާގައި ވަކާލާތުކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އެވެ.
މިމައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ޕީޕީއެމްގެ މިހާރުގެ ލީޑަޝިޕުން އެޕާޓީއާ މެދު އަމަލުކުރަމުންދާ ގޮތުން ޕާޓީއަށް ގެއްލުންވަމުންދާތީއާއި ޕީޕީއެމުން މިދިޔަ މަހުގެ ތެރޭގައި ބޭއްވި ކޮންގްރެސް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައި ނުވާތީ އެކަންކަމަށް ރިއާޔަތްކޮށް ރައީސް މައުމޫނަށް ޕީޕީއެމް ހަވާލުކުރުމަށް ކޯޓުން ހުކުމެއް ކޮށްދިނުމަށް އެދި އެވެ. އަދި މިމައްސަލާގައި ކޯޓުން ގޮތެއް ނިންމަންދެން ރައީސް މައުމޫނަށް ޕީޕީއެމް ހަވާލުކުރުމަށް އަމުރެއް ނެރެދިނުމަށްވެސް ކޯޓުގައި އެދިފައިވެ އެެވެ.
ސިވިލް ކޯޓުން 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު ކުރި އަމުރެއްގައި ބުނެފައިވަނީ އެ އަމުރު ނެރުނު ވަގުތުން ފެށިގެން ކުރިއަށް ހިނގާ 24 ގަޑިއިރުގެ ތެރޭގައި ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރިޔާސަތުގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު ޕީޕީއެމް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ކައުންސިލުން ގޮތްތަކެއް ނިންމުމަށެވެ. މިއަމުރާ ގުޅިގެން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު އެ ދުވަހުން ފެށިގެން ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ޕީޕީއެމްގެ ކައުންސިލުން ވަނީ ނިންމާފަ އެވެ.
ނަމަވެސް ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން ޕާޓީގެ މުސްތަޝާރަކީ ޕާޓީ ހިންގުމުގައި އެއްވެސް ދައުރެއް އޮންނަ މީހެއް ނޫންނެވެ.
ޕީޕީއެމް ރައީސް މައުމޫން އާއި ހަވާލުކުރުމަށް ކޯޓަށް މައްސަލަ ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ