ފޯނު ވިއްކާ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލައެއް ބަލަނީ

އައިފޯން އެކްސް ވިއްކާ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާތަކެއް ހޯދި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ މުހައްމަދު ޓެލެކޮމިއުނިކޭޝަން ލިމިޓެޑްގެ ނަމުގައި ހަދާފައިވާ ފޭސްބުކް ޕޭޖަކުން އައިފޯން 10 ގެނެސްދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ އަތުލި މައްސަލައެއް ބަލަމުންދާ ކަމަށެވެ. އަދި އެޕޭޖް މެދުވެރިކޮށް އައިފޯން އެކްސް ގަންނަން ފައިސާ ޖަމާކޮށްފައިވަނީ ދިވެހި އަންހެނެއްގެ އެކައުންޓަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އެ އަންހެން މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމުން އެ ފޭސްބުކް ޕޭޖުން އޭނާއަށް އޮޅުވާލައިފައިވާ ކަމަށާއި އޭނާ އަތުން ފައިސާ ނެގުމަށްފަހު އައިފޯން އެކްސް ގެނެސްދީފައިނުވާ ކަމަށް އެ އަންހެން މީހާ ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"ފަހުން އޭނާ އަކީ ރާއްޖޭގެ އެޖެންޓު ކަމަށް ނިންމައި އެހެން ދިވެހިންގެ އަތުން ތަފާތު އަދަދުތަކަށް ފައިސާ ނެގުމަށްފަހު އޭނާގެ އެކައުންޓަށް ފައިސާ ޖަމާކުރަމުންދާ ކަމަށާއި އަދި ފައިސާ ޖަމާކުރި ސްލިޕް ބޭރުން އޭނާއަށް ވައިބާ ކުރުމުން މުހައްމަދު ޓެލެކޮމިއުނިކޭޝަނުން ބުނާ ނައިޖީރިއާގެ އެޑްރެސް ތަކަކަށް އެ ފައިސާ ވެސްޓަން ޔޫނިއަން މެދުވެރިކޮށް ފޮނުވަމުންދާ ކަމަށް ތަޙްޤީޤަށް ވަނީ މައުލޫމާތުދީފައި" ފުލުހުން ބުންޏެވެ.
އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުންދާ މައްސަލަތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ