އޮލްމޯގެ ގޯލުން މޮޅުވެ ބާސެލޯނާ އިން ލީޑުފުޅާކޮށްފި އޮލްމޯގެ ގޯލުން މޮޅުވެ ބާސެލޯނާ އިން ލީޑުފުޅާކޮށްފި

ބާސެލޯނާ (އޭޕްރީލް 23) - ޑަނީ އޮލްމޯ ޖެހި ގޯލުން 1-0 އިން މަޔޯކާ އަތުން މޮޅުވެ، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި އެވެ.
މި ނަތީޖާއާ އެކު، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ބާސެލޯނާ އަށް 33 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަަށް ވަނީ 33 މެޗުން 69 ޕޮއިންޓް ލިބިފަ އެެވެ. ރެއާލުން މިރޭ ގެޓަފޭއާ ދެކޮޅަށް ނުކުންނާނެ އެވެ.
ރޭގެ މެޗުގައި ގޯލެއް ޖެހޭތޯ ބާސެލޯނާ އިން ފުރަތަމަ ހާފުގައި 24 ޝޮޓް ފޮނުވާލި އެވެ. މަޔޯކާގެ ގޯލުކީޕަރު ލެއޯ ރޮމާން ވަނީ ފުރަތަމަ ހާފުގައި ބާސެލޯނާގެ ރަނގަޅު ހަމަލާތަކެއް ހުއްޓުވައިފަ އެވެ. އެ ގޮތުން، ބާސެލޯނާގެ ލަމީން ޔަމާލް އާއި ފެރާން ޓޮރޭސް ފޮނުވާލި ބޯޅަތައް ދިފާއުކުރުމުގައި، ރޮމާންގެ ހުށިޔާރުކަން ފެނިގެންދިޔަ އެެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ބާސެލޯނާ އިން ކާމިޔާބުކުރީ ދެ ވަނަ ހާފު ފެށިގެން 41 ސިކުންތު ތެރޭގަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ، ސްޕެއިނުގެ މިޑްފީލްޑަރު، އޮލްމޯ އެވެ. މެޗު ނިމިގެންދިޔައިރު، ބާސެލޯނާ އިން ޖުމްލަ އެކު، 40 ޝޮޓް ފޮނުވާލި ނަމަވެސް، އިތުރު ގޯލެއް ނުޖެހުނެވެ.
ސްޕެނިޝް ކަޕް ފައިނަލުގައި ހޮނިހިރު ދުވަހުގެރޭ ރެއާލް މެޑްރިޑާ ކުޅޭ މެޗު އޮތުމުން، ބާސެލޯނާ އިން ވަނީ ރޭގެ މެޗަށް ހަތް ބަދަލެއް ގެނެސްފަ އެވެ. އެކަމަކު ވެސް އެ ޓީމުގެ ފަރާތުން ފެނުނު ކުޅުމާ މެދު ކޯޗު ހަންސީ ފްލިކް ވަނީ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ