ސަރުކާރު ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކަށް ދޫކުރި ބިންތަކުން ކުލީގެ ގޮތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބެން ޖެހޭ 1.4 ބިލިއަން ރުފިޔާގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް އެ ކުންފުންޏަށް ހޯދުނީ 221 މިލިއަން ރުފިޔާ ކަމަށް އެ ކުންފުނިން މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދީފި އެވެ.
އެޗްޑީސީއަށް ލިބެން ޖެހޭ ފައިސާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބަލަން ފެށީ އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާގެ އަދަދު ގިނަވެ، އެ ފައިސާ ހޯދަން އެއްވެސް މަސައްކަތެއް ނުކުރާ ކަމުގެ ކަންބޮޑުވުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ކޮމިޓީން ވަނީ ލިބެން ޖެހޭ ފައިސާގެ އަދަދާއި ބިންތަކުގެ ސްޓޭޓަސް އާއި ފައިސާ ހޯދަން ކުރަމުންދާ މަސައްކަތް ސާފުކޮށްފަ އެވެ.
އެޗްޑީސީން ކުލި ފައިސާ ލިބެން ޖެހޭ ބިންތަކުގެ ތެރޭގައި މިހާރު ވެސް ކުއްޔަށް ދީފައި ހުރި ބިންތަކާއި ބާތިލުކޮށްފައި ހުރި އެއްބަސްވުންތަކުން ލިބެން ޖެހޭ ފައިސާ ހިމެނެ އެވެ. އަދި މި ގޮތަށް ކުލި މައްސަލަ ޖެހިފައިވާ 184 ބިމެއްވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.
އެޗްޑީސީއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން 221 މިލިއަން ރުފިޔާ ހޯދުނު ނަމަވެސް، ލިބެން ޖެހޭ ފައިސާގެ އަދަދު އަދިވެސް ހުރީ 1.4 ބިލިއަން ރުފިޔާގަ އެވެ. ބެލެވޭ ގޮތުގައި މިއީ ކުރިން އަދަދު އިއުލާނުކުރި ފަހުން ވެސް ކުލި ނުދައްކާތީ، ނޫނީ ކުލި ނުދައްކާތީ އަރާފައިވާ ޖޫރިމަނާގެ ސަބަބުން އިތުރުވެފައިވާ ފައިސާ އެވެ.
ކުލި ނުދެއްކުމުގެ ސަބަބުން އެޗްޑީސީއަށް ލިބުނު ސާފު ގެއްލުމުގެ އިތުރުން، އެހެނިހެން ގޮތްގޮތުން ލިބިފައިވާ ގެއްލުންތައް ހިސާބުކުރާއިރު އެ އަދަދު 2.3 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
އެޗްޑީސީއަށް ކުލި ނުދައްކާ ކުންފުނިތަކުގެ ތެރޭގައި ގިނައީ ހުޅުމާލޭން ގިނަ ބިންތަކެއް ކުއްޔަށް ނަގައިގެން ވިޔަފާރި ކުރަމުން އަންނަ، އަދި ކުލި ނުދައްކާ ހާލަތުގައި ވެސް އިތުރު ބިންތައް ދޫކޮށްފައި ހުރި ކުންފުނިތަކެވެ. އަދި މި ކުންފުނިތަކަށް ސަރުކާރުގެ ބިޔަ މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައިވާ ކަމަށް ވެސް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މި މައްސަލައިގައި ކޮމިޓީން ފާހަގަކުރި އަނެއް ކަންބޮޑުވުމަކީ ކުލި ނުދައްކާ ނަމަ ފިޔަވަޅު އަޅާނެ ގޮތުގެ ހަރުދަނާ އުސޫލެއް ނެތުމެވެ. އަދި ކޮމިޓީން ވަނީ ކުލި ހޯދުމާއި ކުލި ދެއްކުމުގައި ލުއިތައް ދިނުމާ ގުޅޭ ނިޒާމު ހަރަދުނާކޮށް، އެ ކަންކަމާ ގުޅޭ އުސޫލުތައް ލިޔުމަށް ތިރިކޮށްފައި ހުންނަން ޖެހޭ ކަމަށް އެ ކޮމިޓީއަށް ފެންނަ ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފަ އެވެ.
އޭގެ އިތުރުން ކުލި ނުލިބޭ ތަންތަނުގެ ކުލި ހޯދަން ބޭނުންކުރެވޭނެ މުދާ އެ ކުންފުނީގެ ބެލުމުގެ ދަށުގައި ހުރި ނަމަވެސް، އެ މުދަލުގެ ބޭނުންކޮށްގެން ފައިސާ ހޯދަން އެދެވޭ މަސައްކަތެއް ނުކުރާ ކަމުގެ ކަންބޮޑުވުން ކޮމިޓީގައި ފާޅުކޮށްފައިވެ އެވެ. އަދި ޓާމިނޭޓު ކުރާ ބިންތައް ބޭނުންކުރާ މައްސަލައިގައި ފިޔަވަޅެއް ނާޅާ ކަމުގެ ކަންބޮޑުވުން ވެސް ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
އެޗްޑީސީއަށް ލިބެން ޖެހޭ 1.4 ބިލިއަން ރުފިޔާގެ ތެރެއިން ހޯދުނީ 221 މިލިއަން އެޗްޑީސީއަށް ލިބެން ޖެހޭ 1.4 ބިލިއަން ރުފިޔާގެ ތެރެއިން ހޯދުނީ 221 މިލިއަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ