ޔުމްނު ވެއްޓުނުއިރު އެކުގައި އުޅުނު ރައުދު ކެނެބިސްއަށް ޕޮޒިޓިވްވި، އެކަމަކު ފުލުހުން ހައްޔަރެއް ނުކުރި ޔުމްނު ވެއްޓުނުއިރު އެކުގައި އުޅުނު ރައުދު ކެނެބިސްއަށް ޕޮޒިޓިވްވި، އެކަމަކު ފުލުހުން ހައްޔަރެއް ނުކުރި

މިދިޔަ ހުކުރު ދުވަހު ހ. ފެންޓެނޯއީ ގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21، އާއެކު، އޭނާ ވެއްޓުމާ ހަމައަށް ވެސް އެއްކޮށް އުޅުނު ރައުދު އަހުމަދު ޒިލާލް 21، ހައްޔަރު ނުކޮށް ދޫކޮށްލާފައި ހުރީ އޭނާގެ ކުޑަކަމުދާތަކެތި ކެނެބިސްއަށް ޕޮޒިޓިވް ވެސް ވެފައި ވަނިކޮށް ކަމަށް ފުލުހުން ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެމުން ފުލުހުން ބުނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ޔުމްނު އާއި ރައުދުގެ ކުޑަކަމުދާތަކެތި ފުލުހުން ޓެސްޓު ކުރި ކަމަށާއި އެ ދެ މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށެވެ. ފުލުހުން ބުނީ ރައުދު ޕޮޒިޓިވްވީ ކެނެބިސްއަށް ކަމަށެވެ.
ނަމަވެސް ފުލުހުން ވަނީ ރައުދު އާ ސުވާލު ކުރުމަށްފަހު ހައްޔަރު ނުކޮށް ދޫކޮށްލައިފަ އެވެ. ރޭ ނޫސްވެރިންނަށް ވީޑިއޯ ދެއްކިއިރު، ރައުދުގެ މޫނު ހުރީ ފުސް ވެސް ކޮށްފަ އެވެ.
ކެނެބިސްއަށް ޕޮޒިޓިވްވެފައި ވަނިކޮށް ރައުދު ހައްޔަރު ނުކޮށް ފުލުހުން ދޫކޮށްލިއިރު، ކެނެބިސް ބޭނުން ކުރުމަކީ ގާނޫނީ ކުށެކެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 115 ވަނަ މާއްދާގައި ބުނެގައި ވަނީ ކެނެބިސް ބޭނުން ކޮށްފި މީހެއްގެ އަދަބަކީ ތިން އަހަރު ދުވަހަށް ޖަލަށް ލުން ކަމަށެވެ.
ރައުދު ހައްޔަރު ނުކުރި ނަމަވެސް، އޭނާގެ ޕާސްޕޯޓު ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ޔުމްނު އާއި ރައުދު އާއެކު ހުކުރު ދުވަހުގެ ފަތިހު 4:00 ގެ ކުރިން އިތުރު ދެ މީހުން ވެސް އުޅުނު ކަމަށެވެ. އެ ދެ މީހުން ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރު ކުރި ކަމަށް ފުލުހުން ބުންޏެވެ.
ކުޑަކަމުދާތަކެތި ދިނުމަށް އެ ދެމީހުން އިންކާރު ކުރި ނަމަވެސް ފުލުހުން އެ ދެ މީހުން ވެސް ހައްޔަަރުކޮށްފައެއް ނުވެ އެވެ. އަދި ވަނަވަރު ވެެސް ހާމައެއް ނުކުރެ އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 125 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވާގޮތުން މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ކުޑަކަމުދާ ތަކެތި ދިނުމަށް ފުލުހުން އެދުމުން، ދެކޮޅު ހެދުމަކީ ކުށެކެވެ. ކުޑަކަމުދާ ތަކެތި ދޭން ދެކޮޅު ހަދާ މީހެއްގެ އަދަބަކީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ޔުމްނު ވެއްޓުނު ދުވަހުގެ ކުރީ ރޭ ޔުމްނު އާއި ރައުދު އާއެކު އިތުރު ފަސް މީހަކު އުޅުނެވެ. އެއީ ޔުމްނުގެ އިތުރުން ދެ އަންހެނަކާއި ފަސް ފިރިހެނެކެވެ.
އެ ގްރޫޕު އެރޭ 12:30 ގައި ފުރަތަމަ ދިޔައީ "މާލޭގެ މެދުތެެރޭގައި" ހުރި ގެއަކަށެވެ. އެ ގެއިން އެ މީހުން ނުކުތީ އެރޭ 3:40 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. ޔުމްނު އާއި ރައުދުގެ އިތުރުން ކުޑަކަމުދާ ތަކެތި ދޭން އިންކާރު ކުރި ދެ މީހުން ހެންވޭރުގައި ހުރި ގެއަކަށް ދިޔައީ އެއަށްފަހު އެވެ.
ނަމަވެސް ފުލުހުން ބުނީ އެ ގޭގައި އެމީހުން ހޭދަ ކުރީ 10 ވަރަކަށް މިނެޓު ކަމަށެވެ. ޔުމްނު އާއި ރައުދު ހ. ފެންޓެނޯއީއަށް ދިޔައީ އެ ގެއިން ނުކުމެގެންނެވެ. ކުޑަކަމުދާ ތަކެތި ދޭން ދެކޮޅު ހެދި ދެ މީހުން ދިޔައީ އެހެން ތަނަކަށް ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ