އިމާމުންނަކީ ނަމޫނާ ދައްކާ ބަޔަކަށް ވާންޖެހޭ: މަސްޖިދުއްނަބަވީގެ އިމާމު
އިމާމުންނަކީ މުޖުތަމައަށް ނަމޫނާ ބަޔަކަށްވުމަށް މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ސަލާހުލް ބުދައިރު ނަސޭހަތްތެރިވެލައްވައިފިއެވެ. އެ މަނިކުފާނު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ ޚަތީބުންނާއި އިމާމުންނާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި އެ މަނިކުފާނުވަނީ އިމާމުންނާއި ޚަތީބުންނަށް ގިނަ ނަސޭހަތްތަކެއް ދެއްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، އިމާމުންނަކީ މުޖުތަމައު ބަލައިގަންނަ، ނަމޫނާ ބަޔަކަށްވުމާއި، މީހުންނަށް ހެޔޮ، އަދި ހެޔޮކަންކަން ފަތުރާ ބަޔަކަށް ވުމަކީ މުހިއްމު ކަމެއް ކަމަށެވެ. މީގެ އިތުރުން އިމާމުންގެ މާތްކަން ފާހަގަކުރައްވައި، މުޖުތަމައު ފިތުނަވާ ފަދަ ވާހަކަތައް ނުފެތުރުމަށް ވަނީ ނަސޭހަތް ދެއްވައިފައެވެ. އަދި އިލްމު ހޯދުމަކީ އިމާމުން ކޮންމެހެން ވެސް ކުރަން ޖެހޭކަމެއް ކަމަށާއި، ނަމާދާއި ގުޅޭ ހުކުމްތަކާއި ދީނުގެ އެކި ހުކުމްތައް އެންމެ ފުރިހަމައަށް އުނގެނުމަކީ މުހިއްމު ކަމެއްކަން ސަލާހުލް ބުދައިރު ފާހަގަ ކުރެއްވިއެވެ. ހަމަ އެއާއެކު، ސުންނަތަށް ތަބާވެ މެދުމިނުގައި ނަމާދުކުރުމަކީ އިމާމުން ފަރުވާތެރިވާން ޖެހޭކަމެއްކަން ވެސް ހަނދާންކޮށްދެއްވިއެވެ. މީގެ އިތުރުން މީސްމީޑިއާ ފަދަ ވަސީލަތްތައް ބޭނުން ކުރާއިރު ވެސް އިމާމުންގެ ހައިސިއްޔަތާއި ނުގުޅޭ ކަންކަން ހިއްސާކުރުމާއި، ކޮމެންޓު ކުރުން ފަދަ ކަންކަމުން ދުރުވުމަށް ވެސް އިލްމުވެރިންނަށް ނަސޭހަތް ދެއްވިއެވެ. އަދި ކަމާބެހޭ އިދާރާތަކުގެ އިރުޝާދާއި އެއްގޮތަށް އަމަލު ކުރުމަށާއި، އިމާމުންނާއި ޚަތީބުންގެ މަސްއޫލިއްޔަތު ވަރަށް ބޮޑު ކަމަށާއި، އެ ކަން ވީހާ ވެސް ރަނގަޅަށް ފުރިހަމަ ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. ޑރ. ސަލާހުލް ބުދައިރުގެ ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒާ ވެސް ބައްދަލު ކުރައްވައިފައެވެ. އަދި މީގެ އިތުރުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ މުވައްޒަފުންނާއި، އެ ވުޒާރާގެ އިސްވެރިންގެ އިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާ ވެސް ބައްދަލު ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ