ފުރާޅު މައްޗަށް ވެއްޓުނު ޒުވާނާ އަށް އިންސާފު ހޯދަން މުޒާހަރާކޮށްފި

އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން، ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ޒުވާނާ އަށް އިންސާފު ހޯދައިދީ، އެކަމުގައި ބައިވެރިވި މީހުން ހައްޔަރު ކުރަން ގޮވާލައި މިރޭ މާލޭގައި މުޒާހަރާކުރަން ފަށައިފި އެވެ.މި މައްސަލައިގައި އާންމުން ނިކުމު އިހުތިޖާޖު ކުރާ ހިސާބަށް ދިޔައީ، ޔުމްނު ވެއްޓުނު ކަމަށް ބުނާ ހާދިސާގައި ޝާމިލުވާ މީހުން ހިމާޔަތްކުރަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ފުލުހުންނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. މި އެއްވުން ކުރިއަށް ދަނީ ފުލުހުންގެ "އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން" ކުރިމަތީގަ އެވެ.ޒުވާނުން އެކިއެކި ޝުއޫރު އަންނަނީ ފާޅުކުރަމުންނެވެ. އަދި ފުލުހުންނަށް މި މައްސަލައިގައި އަމަލުކުރާ ގޮތުން ވަރަށް ބޮޑަށް ފާޑު ވެސް އަންނަނީ ކިޔަމުންނެވެ.އެގޮތުން ފުލުހުން ތިބީ ފައިސާއަށް ވިކިފައިކަމަށާއި، މި މައްސަލައިގައި ވަރަށް ބޮޑަށް ކަންކަން ސިއްރުކުރަން އުޅޭކަމަށް ޒުވާނުން އަަންނަނީ ބުނަމުންނެވެ.އެއާއެކު ޒުވާން އަންހެން ކުއްޖާ ވެއްޓުނު ގޮތާމެދު އުފެދޭ އެންމެހާ ސުވާލުތަކަށް މިހާރުން މިހާރަށް ޖަވާބު ދިނުމަށް ވެސް އަންނަނީ ގޮވައިލަމުންނެވެ.މި މައްސަލައިގައި އެންމެންނާ މެދު ހަމަހަމަކޮށް އަމަލު ކުރުމަށް އެދި އެކި ކަހަލަ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިބި އެ ޒުވާނުން އަޑު އުފުލަނީ އިންސާފު ހޯދައި ދިނުމަށެވެ."ފުލުހުންގެ ޕްރެސް ސްޓޭޓްމަންޓުގައި އިންސާނުންގެ ބުއްދިން ވިސްނާ ނަމަ ވެސް ގަބޫލުކުރެވޭ ވާހަކައެއް ނެތް. ފިޒިކްސް ޑިނައިކޮށްފައި ތި ވާހަކަ ދައްކަނީ. ކިހިނެއްތޯ ފެން ލައިޓަކުން އެ ކުއްޖާ ވެއްޓޭނީ؟ ގަބޫލެއް ނުކުރެވޭ،" އެކަކު ބުންޏެވެ.އެ މީހުން ބުނާ ގޮތުގައި، "އާންމު ހާލަތެއްގައި" ވެސް އެފަދަ ކުޑަ ފެން ލައިޓަކުން އަންހެނަކު ވެއްޓުމަކީ ބުއްދި ގަބޫލު ނުކުރެވޭ ކަމެއް ކަމަށެވެ."އަޅުގަނޑުމެންނަކީ ސިކުނޑީގައި ތެތް ކަމެއް ނެތް ބައެއް ކަމަށްތޯ؟،" އެހެން މީހަކު ބުންޏެވެ.މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި، ވެއްޓުނު އަންހެން މީހާއަށް އިންސާފު ނުލިބެނީސް އެ މީހުން އިހުތިޖާޖު ކުރުން ނުހުއްޓާނެ އެވެ.އެ ހާދިސާގެ މައުލޫމާތު ހިއްސާކުރަން ފުލުހުން ރޭ ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި ބުނީ އިމާރާތުގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން ޖެހިގެން ހުރި އިމާރާތުގެ މައްޗަށް ވެއްޓުނުއިރު އެ ޒުވާނާ ހުރީ މަސްތުގެ ހާލުގައި ކަމަށެވެ. އަދި އޭނާ ރޭޕްކޮށް އިމާރާތުން ބޭރަށް ވައްޓާލި ކަމަށް ތުހުމަތު ކުރިޔަސް، އެފަދަ އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުން ރޭ ބުންޏެވެ.އަނިޔާވި ޒުވާނާއާ ބައްދަލުވި މީހުން ދެނެގަނެވުނުއިރު، އޭގެ ތެރޭގައި ސިޔާސީ މީހަކު ނުހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.ފުލުހުން ކިޔައިދިން ގޮތުގައި ހާދިސާ ހިނގުމުގެ ކުރިން، އެ ރޭ އެ އަންހެން ކުއްޖާއާ އެކު އިތުރު ހަތް މީހަކު އުޅުނެވެ. އެއީ، ޖުމުލަ ތިން އަންހެނުންނާއި ފަސް ފިރިހެނުންނެވެ.އެ މީހުން އެރޭ 12:30 އެހާކަންހާއިރު ގޮސް ވަނީ މާލޭގެ މެދުތެރޭގައި ހުރި ގެއަކަށެެވެ. އެ ގެއިން އެ މީހުން ނުކުތީ 3:40 އެހާކަންހާއިރެވެ. އެއަށް ފަހު، އޭގެ ތެރެއިން ހަތަރު މީހަކު 4:00 އެހާކަންހާއިރު ގޮސް އަމީނީ މަގުގައި ހުރި ގެއަކަށް ކަމަށް ފުލުހުން ބުންޏެވެ.އޭގެ 10 ވަރަކަށް މިނެޓު ފަހުން އެ ގެއިން ދެން ނުކުތީ އަންހެން ކުއްޖާއާއި، އޭނާއާ އެކު އުޅުނު ފިރިހެން ކުއްޖެކެވެ. އެ ދެ މީހުން މަގުމަތީގައި އެ ވަގުތު އުޅުނީ ވެސް ހުސް ފަޔާއެވެ.އަންހެން ކުއްޖާ ބުރުޒު މަގުގައި ހުންނަ ހ. ފެންޓެނޯއީއަށް ވަތް ފަހުން، އޭނާގެ ފަހަތުން ފިރިހެން ކުއްޖާ ވެސް ދުވެފައި ގޮސް އެގެއަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ