ޑޮލަރުގެ އަގު ތިރިކުރަން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކީ، 2027 ވަނަ އަހަރުގެ ތެރޭގައި ރަސްމީ ރޭޓުގައި ޑޮލަރު ލިބެން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ "ދެނޯ" ކިޔާ ޗެނަލަކުން ޒުވާނުންނަށް ހާއްސަކޮށްގެން ގެނެސްދޭ "ސްޕޮޓް އޮން" ޕޮޑްކާސްޓުގަ އެވެ. މި ޕޮޑްކާސްޓުގައި މައިގަނޑު ގޮތެއްގައި ރައީސް ވާހަކަ ދެއްކެވީ ޒުވާނުންނަށް ދިމާވެފައިވާ މައްސަލަތަކާއި ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރަން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުންނެވެ.
ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނީ ކޮން ދުވަހަކުންތޯ ޕޮޑްކާސްޓުގެ ޕްރެޒެންޓަރު ސުވާލު ކުރުމުން ރައީސް ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރަން ވަގުތު ނަގާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން އަޅާ ފިޔަވަޅުތައް ތަންފީޒު ވުމުން އެ މައްސަލައަށް ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
"އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބަ އޮތް ޑޮލަރު މައްސަލަ ހައްލުވާނެކަން. އެއްކޮށް ރަނގަޅުވާނެ. އެކަމަކު ބައިވަރު ފިޔަވަޅުތަކެއް އެބަހުރި. މިހާރު އަޅުގަނޑުމެން މި ބަލަނީ 2027 ވަނަ އަހަރުގެ ނިޔަލަށް އަސްލު ޑޮލަރު ރޭޓުގައި ޑޮލަރު ލިބޭނެ ކަމަށް" ރައީސް ވިދާޅުވި އެވެ.
ޑޮލަރުގެ މައްސަލަ ހައްލުކުރަން ދެ އަހަރަށް ވުރެ ގިނަ ދުވަސް ވާނެ ކަމަށް ރައީސް ވިދާޅުވިއިރު، ކުރިން ރައީސް އާއި ސަރުކާރުގެ އިސްވެރިން ވިދާޅުވަމުން ގެންދެވީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ފެށުމުން ޑޮލަރުގެ ކަޅު ބާޒާރުގައި އަގުތައް ތިރިކުރެވޭނެ ކަމަށެވެ.
އެ ގޮތުން ގާނޫނުތައް ބަދަލުކޮށް، ޑޮލަރު މާރުކުރަން މަޖުބޫރުކުރި ފަހުން، 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސް މިދިޔަ މަހު ވިދާޅުވެފައިވެ އެވެ. އެކަމަކު، ޑޮލަރު ހޯދަން އާންމުންނާއި ވިޔަފާރިތަކުން ބަރޯސާވާން މަޖުބޫރުވެފައިވާ ކަޅު ބާޒާރުގެ އަގުތަކަށް މީގެ ސަބަބުން އެއްވެސް ބަދަލެއް ނާދެ އެވެ.
ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ ތެރެއިން 60 ޕަސެންޓު މާރުކުރަން ޖެހެނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށެވެ. ބާކީ ހުރި ޑޮލަރުުތައް ބޭންކުތަކުގެ ވިޔަފާރީގައި ބޭނުންކުރެވޭ ޑޮލަރެވެ. ނަމަވެސް އަދި އެއްވެސް ބޭންކަކުން އާންމުންނަށް ޑޮލަރު ވިއްކާކަށް ނުފަށަ އެވެ. އަދި ޑޮލަރު ލިބެނީ ބޭންކުގައި ޑޮލަރު ރައްކާކުރާ ކަސްޓަމަރުންނަށް އެކަންޏެވެ.
ޑޮލަރު މާރުކުރުމުގެ ސިޔާސަތާއެކީ ބޭންކުތަކުގެ ތެރެއިން އާންމުންނަށް ލިބޭ ޑޮލަރު ލިމިޓުތަކަށް އަންނަ އަހަރުގެ ތެރޭގައި ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި ރާއްޖޭން ބޭރަށް ފުރާ ދިވެހިންނަށް މިހާރު ލިބޭ 500 ޑޮލަރު, 1000 ޑޮލަރަށް އިތުރުކުރުމާއި ކްރެޑިޓު ކާޑު ލިމިޓު ދެ ގުނަ ބޮޑުކުރުމާއި ޓީޓީއަށް ލިބޭ ޑޮލަރު ސަޕޯޓުގެ އަދަދު އިތުރުކުރުން ހިމެނެ އެވެ.
ބޭންކު ރޭޓުގައި 2027 އިން ފެށިގެން ޑޮލަރު ލިބޭނެ ކަަމަށް ރައީސް ވިދާޅުވެއްޖެ ބޭންކު ރޭޓުގައި 2027 އިން ފެށިގެން ޑޮލަރު ލިބޭނެ ކަަމަށް ރައީސް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ