ގޮނޑިތަކުގެ މައްސަލާގައި ރައީސް ސޯލިހުއާއި ގާސިމް ބައްދަލު ކުރައްވައިފި

ކޯލިޝަންތެރޭގައި ހިތްހަމަނުޖެހުން ބޮޑުވެފައިވާ ގޮނޑިތައް ބެހުމުގެ މައްސަލައާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ބައްދަލު ކުރައްވައިފިއެވެ.
ރައީސް ސޯލިހާއި ގާސިމް ބައްދަލު ކުރައްވާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އެހެން ނަމަވެސް އެދެ ބޭފުޅުން ބައްދަލު ކުރެއްވި ތަނެއް ސާފުވާގޮތް ވަނީ ނުވެފައެވެ.
ރައީސް ސޯލިހާއި ބައްދަލު ކުރެއްވުމަށްފަހު ޖޭޕީގެ ބައެއް ވެރިންނާއި ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ ހުރިހާ ކަމެއްވެސް ރަނގަޅަށް އޮތް ކަމަށެވެ. އެހެން ނަމަވެސް އޭގެ އިތުރު ތަފްސީލެއް ލިބޭނެ ގޮތެއް ވަނީ ނުވެފައެވެ.
ގޮނޑިތަކުގެ މައްސަލާގައި ކޯލިޝަން ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާތުވުންތައް އިތުރުވެގެން ގޮސްފައި ވަނީ އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ޕްރައިމަރީއަށް ތައްޔާރުވުމަށް ކުރެވުނު މަސައްކަތުގައި ގޮނޑިތައް ބެހުމާމެދު ޕާޓީތަކުގެ މެދުގައި އުފުދުނު ދެބަސްވުން ތަކުގައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ޕާޓީތަކަށް ގޮނޑިތައް ބެހުމާއި ގުޅެގޮތުން ކުރެވުނު މަޝްވަރާތަކުގައި އެޕާޓީން ބޭނުންވާ ގޮތްތައް ހުށަހެޅުނު ކަމަށެވެ. އެހެން ނަމަވެސް އަދާލަތު ޕާޓީއާއި ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ފަރާތުން އެކަމަށް ދޫތަކެއް ދެވިފައި ނުވާއިރު، ޖޭޕީގެ ފަރާތުން ކޮންމެވެސް ވަރެއްްގެ ދޫތަކެއް ލިބިގެން ދިޔަ ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ފަހުން ފާސްކޮށްފައި ވަނީ އެޕާޓީން 87 ދާއިރާއަށް ވާދަ ކުރުމަށެވެ. މި ނިންމުމާއި ގުޅިގެން ވޭތުވެދިޔަ ދެ ދުވަހެއްގެ ތެރޭގައި ޕާޓީތަކުގެ މެދުގައި ވަނީ ހޫނު ޒުވާބުތަކެއް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ