ވޭތުވެދިޔަ އަހަރުތަކުގައި ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދަން "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޮމިޝަނެއް އުފައްދަވައިފިއެވެ.
އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރު
1. އަހުމަދު އަސްއަދު، މާތޮޑާއަވަށް ގުލްފާމުގެ، ގދ. ފަރެސްމާތޮޑާ
2. އާސް އަބްދުﷲ، ދަޑިމަގު ގާޑެންގްރޯ، ޏ. ފުވައްމުލައް
3. ނަދީމް އިބްރާހީމް، ދަފުތަރު ނަންބަރު ރސ 7006
4. އާއިޝަތު ހަނާ ވަހީދު، މ. ހާޑްރޮކް
5. ފާތިމަތު ސަރީރާ އަލީ ޝަރީފު، ދަފުތަރު ނަންބަރު ދރ 1320
ރައީސް އޮފީހުން ބުނީ، ރައީސް ސޯލިހު އެ ކޮމިޝަން އުފެއްދެވީ، ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެ ކޮމިޝަން އުފެއްދެވީ، ދައުލަތުން ގެއްލިފައިވާ ފައިސާތައް ދައުލަތަށް ހޯދުމާއި، ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުން ވެފައިވާ ހިޔާނާތްތަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމު ކުރެވިފައި ނުވާތީއެވެ.
އެ ކޮމިޝަން އުފެއްދެވުމަށް ރައީސް ސޯލިހު ސޮއިކުރެއްވި ގަރާރުގައިވާ ގޮތުން، އެފަދަ މައްސަލަތައް ތަހުގީގު ކުރެވި އިންސާފު ގާއިމު ކުރެވިފައި ނުވަނީ، އެފަދަ މައްސަލަތައް ތަހުގީގުކޮށް އިންސާފު ގާއިމު ކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކުން އެ ފަރާތްތަކާ މަތިކުރެވިފައިވާ ގާނޫނީ ޒިންމާ އެކަށީގެންވާ ޒިންމާ އަދާކޮށްފައި ނުވާތީ އެ ކޮމިޝަން އުފައްދަވަން ޖެހިވަޑައިގަތީއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެ ކޮމިޝަނަކީ ކޮމިޝަނުން ތަހުގީގު ކުރެވޭ މައްސަލަތަކާ ގުޅިގެން ތަހުގީގީ އިދާރާއަކުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމާއި، ޖިނާއީ މައްސަލަތައް ތަހުގީގު ކުރާ އީދާރާއަކަށް ލިބިދޭ އެންމެހާ ބާރުތައް ލިބިގެންވާ ކޮމިޝަނެކެވެ.
ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދަން ރައީސް ސޯލިހު ކޮމިޝަނެއް އުފެއްދެވިއިރު، ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދައި، އަލުން އަނބުރާ ދައުލަތުގެ ހާޒާނާގެ ތެރެއަށް ވެއްދުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދަން ރައީސް ކޮމިޝަނެއް އުފައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ