ނައީމާގެ މަރުގެ މައްސަލައިގެ ސިއްރު ހެކިބަސް ނަގަން ފަށަނީ

ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު، ނައީމާ މޫސާގެ މަރުގެ މައްސަލައިގައި، ދައުލަތުން ހުށަހަޅާ ސިއްރު ހެކިންގެ ހެކިބަސް ނަގަން ތައްޔާރުވެއްޖެއެވެ. ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް، މަނަދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ނައީމާ ފެނުނީ އޭޕްރިލް 7، 2023ގައެވެ. އެ މައްސަލައިގައި ދައުލަތުން ތިން މީހެއްގެ މައްޗަށް ދައުވާކޮށްފައިވެއެވެ. އެއީ، ނ. މަނަދޫ ވިނަރެސް، ޙަސަން ފަވާޛު، ނ. މަނަދޫ، އަހުޒަމް އަބްދުލްޝަކޫރު އަދި ނ. މަނަދޫ، ފިނިފެންމާގެ، ޢަބްދުލްވާޙިދު ރިފާސްއެވެ. ތިން މީހުންގެ ތެރެއިން، ފަވާޛު ހުރީ، ސިއްހީ ސަބަބުތަކަށްޓަކައި ބަންދުން ދޫކޮށްލާފައެވެ. އަނެއް ދެ މީހުން ތިބީ ޝަރިއަތް ނިމެންދެން ބަންދުކޮށްފައެވެ. މި މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާ މިހާރު ފެށިގެން ކުރިއަށްދާއިރު، މާދަމާ ކުރިއަށް ގެންދިޔުމަށް ތާވަލުކޮށްފައި އޮތީ ސިއްރު ހެކިބަސް ނެގުމުގެ މަޖިލީހެވެ. މި ޝަރިއަތް އޮތީ ހެނދުނު ނުވައެއް ޖަހާއިރެވެ. އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ނައީމާ މަރާލީ އޭނާއަކީ ސިހުރު ހަދާ މީހެއް ކަމަށް ތުހުމަތުކޮށްގެންކަން ސާބިތުކުރަން ދައުލަތުން ކުރިންވަނީ ޝަރިއަތަށް ހެކި ހުށަހަޅައިފައެވެ. ނައީމާ އަކީ ސިހުރު ހަދާ މީހެއް ކަމަށް ބުނެ ދައްކަމުންދިޔަ ވާހަކަތައް މަނަދޫގައި ވަރަށް ގިނަ ބަޔަކު ގަބޫލުކޮށް، އެ ވާހަކަތައް ދައްކަމުން ދިޔަކަން ސާބިތު ކުރަން ވެސް ދައުލަތުން ހެކި ހުށަހެޅިއެވެ. ނައީމާގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ ތިން މީހުންގެ ތެރެއިން ދެ މީހަކުވަނީ ދައުވާއަށް ކުރިން އިންކާރުކޮށްފައެވެ. ނައީމާ ދިރިއުޅެމުން ދިޔަ ގޭގައި މަރާލާފައި އޮއްވާ ފެނުނީ، އޭނާގެ ޚަބަރެއް ނުވެގެން ގޮސް އެ ގޭ ދޮރު ވައްޓާލައިގެން ފުލުހުން އެތެރެއަށް ވަނުމުންނެވެ. ނައީމާ ފެނުނުއިރު އޭނާގެ ހަށިގަނޑުގެ އެތަން މިތަނުގައި ވަޅިން ހަމަލާދިނުމުން ފުން ޒަޚަމްތަކެއް ފެންނަން ހުއްޓެވެ. ނައީމާ މަރާލިކަމަށް އިއުތިރާފުވެފައިވާ މިހާ ފުލުހުންނަށް ކިޔައިދީފައިވާ ގޮތުގައި ވަޅި ޖެހީ އޭނާއެވެ. ދެން ހުރި މީހާ ފާރައަށް ހުރި އިރު، ތިންވަނަ މީހާ ހުރީ ކާރު ތެރޭގައި މަޑުކޮށްލައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ