ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ ދަމަހައްޓައި، އިންތިހާބު ބާތިލު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމު ކުރުމުން، ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން އެ ނިންމުމަށް މަރުހަބާ ކިޔައިފިއެވެ.
އިޔޫއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރައްޔިތުންގެ ނިންމުން ދަމަހައްޓަން ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް މަރުހަބާ ދަންނަވާ ކަމަށާއި، ހުކުމުގެ ސަބަބުން ވެރިކަން ބަދަލުވުމުގެ މަރުހަލާ އެއްވެސް ހުރަހެއް ނެތި ހަލުވިކަމާއެކު ކުރިއަށް ގެންދަން މަގުފަހިވާނެ ކަމަށެވެ.
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި ރާއްޖޭގެ ޑިމޮކްރަސީ އަލުން އިއާދަވާތަން ދެކެން ބޭނުންވާ ކަމަށް ވެސް އީޔޫއިން ބުންޏެވެ.
ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން އީޔޫއިން މަރުހަބާ ކިޔާފައިވާއިރު، އިއްޔެ ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީގެ އިސްވެރިޔާ ރޮބަޓް ހިލްޓަން ވެސް ވަނީ ސުޕްރީމް ކޯޓުގެ އެ ނިންމުމަށް މަރުހަބާ ދަންނަވާފައެވެ.
އިންތިހާބު ބާތިލު ކޮށްދޭން އެދިވަޑައިގެން، އިންތިހާބުން ނާކިޔާބުވެވަޑައިގަތް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި، އެ ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ރައީސް ޔާމީން ހުށަހެޅުއްވި ކަންކަމުގައި އެއްވެސް ހަރުދަނާ ހެއްކެއް ނެތް ކަމަށާއި، އިބޫއާއި ޔާމީންގެ ވޯޓުގެ ފަރަގު ބޮޑުވުމުން އިންތިހާބު ބާތިލު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ނިންމުމަށް އީޔޫއިން މަރުހަބާ ކިޔައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ