މީޓަރު ހުއްޓުވި ކަމަށް ބުނެ ލ. ގަމުގެ ނުވަ ގެއަކުން ކަރަންޓް ކަނޑާލައިފި

ލ. ގަމުގެ އަލަށް އާބާދުކުރާ ސަރައްހައްދުގެ ނުވަ ގެއަކުން ކަރަންޓް މީޓަރު ހުއްޓުވި ކަމަށް ބުނެ ނޯޓިސް ދިނުމަކާއި ނުލައި އެ ނުވަ ގެއިން ސައުތު ސެންޓްރަލް ޔުޓިލިޓީން ކަރަންޓް ކަނޑާލައިފި އެވެ.
ލ. ގަމުން ވާހަކަ ދެއްކި އަހުމަދު ނިޒާރު ބުނީ އޭނާ ދިރިއުޅޭ ވުޑްލޭންޑުން މިއަދު ނުވައެއްޖަހާ އެހާކަންހާ އިރު ކަރަންޓް ކަނޑާލީ ދަގަތްފާނާއި މޮހޮރު ބޭނުންކޮށްގެން މީޓަރު ހުއްޓިވި ކަމަށް ތުހުމަތުކޮށްގެން ކަމަށާއި މީޓަރު ހުންނަނީ ގެއިން ބޭރުގައި ކަމަށް ވުމުން އެހެން ބަޔަކު ވެސް އެފަދަ ކަމެއް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އަދި އޭނާ ބުނީ ޖޫރިމަނާގެ ގޮތުގައި 5000ރ. ދެއްކުމުން ނޫނީ އެ ގެތަކަށް ކަރަންޓް ދެވެން ނޯންނާނެ ކަމަށް ސައުތު ސެންޓްރަލް ޔުޓިލިޓީޒް އިން އަންގާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މީޓަރު ހުންނަނީ ގެއާ މާދުރުގައި. މިތާ އާބާދުވާ ހުރިހާ ގެއެއްގައި ވެސް މީޓަރު ހުންނާނީ ގޭން ބޭރުގައި. މީޓަރުގައި ހުރި ބަޔަކު ބޮޅުއަޅައިގެން ދަގަތްފާނު ކޮއްޕަންއުޅެފައި. އެކަމަކު ތަހުގީގު ނުކޮށް ކިހިނެއްހޭ ކަރަންޓު އެހެން ކުއްލިއަކަށް ކަނޑާލާނީ. އަޅުގަނޑުގެ ދަރިންނާއި އަބިން މިތިބީ ޒަރޫރީ ބޭނުންތަކުން މަހުރޫމްވެފައި،" އޭނާ ބުންޏެވެ.
ކުރިން އެންގުމަކާއި ނުލައި ކުއްލި ގޮތަކަށް ނުވަ ގެއަކުން ކަރަންޓް ކަނޑާލުމުން އެ ގެތަކަށް އަލުން އަނބުރާ ކަރަންޓް ދިނުމަށާއި ކަރަންޓު ކަނޑާލުމުން ގެއްލުނު އަސާސީ ހައްގާއީ އަދި ވަގަށް ކަރަންޓް ބޭނުންކުރި ކަމަށް ބުނުމުން އެމީހުންގެ އަބުރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެ ނުވަ ގޭގެ މީހުން މިހާރު ވަނީ ލ. ގަމު ތުޑީ މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފައި ކަމަށް ނިޒާރު ބުންޏެވެ.
ލ. ގަމު އަލަށް އާބާދުވާ ސަރަހައްދުގެ ނުވަ ގެއަކުން ކުއްލި އަކަށް ކަރަންޓް ކަނޑާލި މައްސަލައިގާ ސައުތް ސެންޓްރަލް ޔުޓިލިޓީސް އަށް ގުޅުމުން ފޯން ނުނަގާތީ ވަނީ އެފަރާތުގެ ބަހެއް އަދި ލިބޭ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ