ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅު
މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އޮތީ ތަންފީޒު ކުރެވޭ ގޮތަކަށް ނޫން ކަމަށާއި ރަނގަޅު ދިރާސާއެއް އަދި މަޝްވަރާކުރުމެއް ނެތި ހުށަހަޅާފައިވާ އެ ބިލަށް ތާއިދު ނުކުރާކަން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު ހާމަކޮށްފި އެވެ.މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ހުށަހެޅުމުގެ ކުރިން މަޝްވަރާ ނުކުރާތީ ބްރޯޑްކޮމްގެ މެންބަރުން ކަންބޮޑުވުން ފާޅުކުރީ އެ ބިލު ދިރާސާ ކުރުމަށް މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވެ ވާހަކަދައްކަމުންނެވެ.ކޮމިޓީގައި ވާހަކަަ ދައްކަވަމުން ބްރޯޑްކޮމްގެ ރައީސް, ސަފާ ޝަފީގު ވިދާޅުވީ އެ ބިލު މަޖިލީހަށް ހުށަހެޅުމުގެ ކުރިން ބްރޯޑްކާސްޓިން ކޮމިޝަނާ ބައްދަލު ކޮށްފައި ނުވާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ."އަޅުގަނޑުމެންނަކީ އެއް ރެގިއުލޭޓަރީ ބޮޑީ، އަޅުގަނޑުމެންނާ ހަމަ ގައިމުވެސް ކޮންސަލްޓެއް ނުކުރައްވާ އިނގޭތޯ؟ އެހެންވީމާ އަޅުގަނޑަކަށް ހިއެއް ނުވޭ އެއްވެސް ކަހަލަ ނޭޝަންވައިޑް ރީސާޗެއް ނޫނީ ސްޓޭކް ހޯލްޑާސްއާ އެއްވެސް ވަރަކަށް ބައްދަލު ކުރި ހެނެއް، އެހެންވީމާ މިއީ ހަމަ އަޅުގަނޑު ހިތާމަ ކުރާ ކަމެއް،" ސަފާ ވިދާޅުވި އެވެ.ނޫސްވެރިން "މީޑިއާ ކޮންޓްރޯލް ބިލް"ގެ ގޮތުގައި މުހާތަބު ކުރާ ބިލު އޮތް ގޮތުން އެ ތަންފީޒު ކުރަން ފަސޭހަ ނުވާނެ ކަމަށް ސަފާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާރު ވެސް ބްރޯޑްކާސްޓިން ކޮމިޝަނުގައި މޮނީޓާކުރުމުގެ ވަސީލަތްތަކެއް ނެތް ކަމަށާއި އިންސާނީ ވަސީލަތެއް ވެސް ނެތް ކަމަށެވެ. އެހެންވެ ގާނޫނަކުން ކަންކަން އަދި ކަނޑައެޅިޔަސް، އެކަމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްނުދީ އެކަން ހާސިލްނުވާނެ ކަމަށް ވިދާޅުވި އެވެ.ސަފާ ވިދާޅުވީ ހުރިހާ މީޑިއާތަކަށް ހިނގާ ގޮތަށް މި ގާނޫނު ހަދާއިރު ގިނަ އަދަދެއްގެ ގަވައިދުތަކާއި އުސޫލުތައް ހަދަން ޖެހޭނެ ކަމަށާއި އެއީ އެއް ދުވަހަކުން ނުވަތަ އެއް މަހުން ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ހުރިހާ ޕްލެޓްފޯމް އެއްކޮށްލައި، އެއް ގާނޫނެއްގެ ދަށަށް ފައްތާއިރު އެއީ އުނދަގޫ ކަމަކަށް ވާނެ އެވެހަމައެއާއެކު ކޮމިޝަނަކީ ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި އިދާރާތަކާ ވަރަށް ގާތް ގުޅުމެއް ބާއްވާ ކޮމިޝަނަކަށް ވުމާއެކު، ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލް އެއްކޮށްލައި، ވަކި ކޮމިޝަނެއް މި ދަނޑިވަޅުގައި ހަދައިފިނަމަ ބައިނަލްއަގްވާމީ އިދާރާތަކާއެކު ކުރަމުން އަންނަ މަސައްކަތްތައް ހުއްޓިދާނެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރެއްވިއެވެ.ކޮމިޝަންގެ މެންބަރުން، ވަނީ މި ބިލުގެ މަގްސަދަކީ މީޑިއާ ޒިންމާދާރު ކުރުމަށް މަސައްކަތް ކުރުންކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިފަދަ ބޮޑު ބިލެއް އެކުލަވައިލާއިރު، މަޝްވަރާއާއި ދިރާސާ މުހިންމު ކަމަށް ވިދާޅުވިއެެވެ. އަދި ޚިޔާލު ހޯދަންވާނީ ބިލު ޑްރާފްޓުކޮށް ނިންމައިފައި ނޫންކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.އެ ބިލާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުމަކީ ކޮމިޝަނުގައި ރައީސް އައްޔަނުކުރާ ތިން މެންބަރުން ތިބުމަކީ ނޫސްވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ވެސް އަމަލު ކުރަމުން އަންނަ "ބެސްޓް ޕްރެކްޓިސް" ނިޒާމު، ސެލްފް ރެގިއުލޭޓަރީ ނިޒާމު ގެއްލި، ސަރުކާރުގެ ނުފޫޒު މީޑިއާއަށް ވަންނާނެ ކަމެއް ކަމަށެެވެ. އަދި ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް އޮތުމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް "ބެލެވޭ" ހާލަތެއްގައި ފުލުހުން ފަދަ އިދާރާތައް މެދުވެރިކޮށް ނޫސްތަކާއި ޓީވީ ތަކުގެ އޮފީސްތަކަށް ވަދެ ހުއްޓުވުމުގެ ބާރު ކޮމިޝަނަށް އޮތުން ހިމެނެ އެވެ.ބިލުގައި ތެދު ނޫން މައުލޫމާތު ހާމަކޮށްފި ނަމަ މައާފަށް އެދެން ޖެހޭނެ ކަމަށް ބުނެފައިވާ އިރު "ތެދު" ނުވަތަ 'ދޮގު" ކަނޑައަޅަނީ ކޮން ފަރާތަކުން ކިހިނެއް ކަމެއް އެނގެން ނެތުމަކީ ވެސް ނޫސްވެރިންގެ ކަންބޮޑުވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ