ހުޅުމާލޭގެ ފޭސް ތިނަކާއި ގިރާވަރު ފަޅު ހިއްކުމަށް ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ)އާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ދެއްކެވި ވާހަކަތަކަށް އެ ކުންފުނިން މިއަދު ރައްދު ދީފި އެވެ.
މައްސަލައިގެ ފެށުން - ގިރާވަރުފަޅާއި ހުޅުމާލޭގެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަރުކާރުގެ ދެ ކުންފުންޏަކަށެވެ. ދެ ކުންފުނިން ވެސް މަސައްކަތް ހަވާލުކޮށްފައިވަނީ ސީއެމްސީސީއަށެވެ. އެ ގޮތުން:
ގިރާވަރު ފަޅުން 160 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކުރީ ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަނަށް
ހުޅުމާލެ ފޭސް ތިނަކަށް 63 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް
ނަމަވެސް މި މަސައްކަތް މަޑުޖެހިފައި އޮންނަތާ ކިތަންމެ ދުވަހެކެވެ.
ވީ ކިހިނެއް؟ - މި މަސައްކަތް ލަސްވަނީ ސީއެމްސީން މަސައްކަތް ހުއްޓާލައިގެން ތިބުމުން ކަމަށް މިނިސްޓަރު މުއްތޮލިބް ވިދާޅުވީ މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި 'އަހާ ފޯރަމް'ގަ އެވެ. މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ބޯހިޔާވަހިކަމާ ގުޅިފައިވާ އެ މަޝްރޫއު ހުއްޓިފައި އޮންނާތީވެ، އާންމުންގެ ތެރެއިން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މުއްތޮލިބުގެ ވާހަކައިގައި ފާހަގަ ކުރެއްވި ކަންކަމަކީ:
އޭރުގެ ސަރުކާރުން އެގުރިމަންޓް ހަދާފައިވާ ގޮތުން އެޑްވާންސް ފައިސާ ލިބުމަށް ފަހު ކުރާ ކޮންމެ މަސައްކަތަށް ފައިސާ ދިނުމަށް ކޮންޓްރެކްޓަރު ޑިމާންޑް ކުރަމުން ދިޔަ
ކޮންޓްރެކްޓަރަށް ފުރަތަމަ އެޑްވާންސްގެ ގޮތުގައި 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) ދިން؛ އިތުރަށް 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ) ދިން
އެކަމަކު ސީއެމްސީން ކޮށްފައިވަނީ 20 މިލިއަން ޑޮލަރަށްވާ ވަރުގެ މަސައްކަތް؛ 35 މިލިއަން ޑޮލަރު ދިން ނަމަވެސް ސީއެމްސީން ފައިސާގެ އަދަދާ މެދު ހިތްހަމަނުޖެހޭ
ސީއެމްސީން މިއަދު ނެރުނު ބަޔާނުގައި ރައްދު ދިނީ، އެ ފޯރަމްގައި މިނިސްޓަރު މުއްތޮލިބް ދެއްކެވި ވާހަކަތަކަށެވެ.
ތަފްސީލް - ސީއެމްސީން ބުނީ ވަގުތީ ގޮތުން މަސައްކަތް މެދުކަނޑާލާފައިވަނީ މި ވަގުތަށް ހުރި ބައެއް ދަތިތަކާއި ގޮންޖެހުންތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން، އެ ކުންފުނިން ފާހަގަކުރީ:
ސަރުކާރުން އެއްބަސްވި ވަރަށް ވުރެ މަދުން ފައިސާ ދޭތީ މި ވަގުތަށް ކޭޝްފްލޯއަށް ހުރި ދަތިތަކުގެ ސަބަބުން
ހުށަހަޅާ ބަދަލުތައް ފާސްކުރުން ލަސްވާތީ
އަގު އަނބުރާ ހޯދުމުގެ ޕްލޭންތައް ސަރުކާރުން އޮޅުންފިލުވައިނުދޭތީ؛ މީގެ ސަބަބުން ޕްރޮޖްކެޓްގެ ޕްރޮކިއުމަންޓް ޕްލޭނިންތަކަށް ދަތިތަކެއް ކުރިމަތިވާތީ
ސީއެމްސީން ބުނީ ފައިސާގެ އަދަދުތަކާ މެދު ހިތްހަމަނުޖެހިގެން މީގެ ސަބަބުން ވެސް މަސައްކަތް ހުއްޓާލައިގެން ތިބުމުގެ ނިޔަތެއް އެ ކުންފުނީގެ ނެތް ކަމަށެވެ. މިހާތަނަށް ވެސް މަސައްކަތް ކުރިއަށް ގެންދިޔައީ ސަރުކާރުން ދިން ޔަގީންކަމުގެ ބަރޯސާގެ މަތީގައި ކަމަށް އެ ތަނުން ބުންޏެވެ.
އެ ކުންފުނިން ފާހަގަކުރާ ގޮތުގައި:
ބިން ހިއްކުމާއި ކަނޑުގެ ތޮށިލުމުގެ މަސައްކަތުގެ ބޮޑު ބައެއް އެ ކުންފުނިން ނިންމީ އަޕްފްރޮންޓް ނުވަތަ އެޑްވާންސް ޕޭމަންޓް ވެސް ނުލިބެނީސް
މިހާރު ސީއެމްސީ އޮތީ މަޝްރޫއު އަލުން ފެށުމަށް ތައްޔާރަށް
ފައިސާ ލިބުން އެހާ ލަސްވެގެން ދިޔަ ނަމަވެސް މަޝްރޫއަށް ބޭނުންވާ ސާމާނުތައް ހޯދައިގެން ކުރިއަށްދާ ކަމާއި މިހާރު ވެސް އެ ތަކެތި ހުރީ ރާއްޖޭގައި
ސަރުކާރާ އޮންނަ ގުޅުން ދަމަހައްޓަން ބޭނުންވާތީވެ، ޝަރުއީ އެއްވެސް މަރުހަލާއަކަށް ނުގޮސް، އަބަދުވެސް މަސައްކަތްކުރީ މަޝްވަރާކޮށްގެން މައްސަލަތައް ހައްލުކުރެވޭތޯ
ސީއެމްސީން ބުނީ މިހާރު ވެސް މަސައްކަތުގެ ބޮޑު ބައި ކުރިއަށް ގެންގޮސްދީފައިވާ ކަމަށެވެ. ގިރާވަރު ފަޅުންނާއި ހުޅުމާލެ ފޭސް ތިނަކުން މިހާތަނަށް ވެސް 140 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކި އިރު އޭގެ އަގު 20 މިލިއަން ޑޮލަރަށް ވުރެ މަތިވާނެ ކަމަށެވެ.
ސީއެމްސީން ދެކޭ ގޮތުގައި މިނިސްޓަރު މުއްތޮލިބް އެ އަދަދު ވިދާޅުވީ، ވަށައިގެން ހިނގާ އެހެން ބައެއް ހަރަދުތަކަށް ރިއާޔަތްކުރުމެއް ނެތި އެވެ. އެގޮތުން، އެ ކުންފުނިން ފާހަގަކުރެއްވީ:
ބަންޑް ވޯލް އެޅުން
މުދާ އުފުލުމާއި ސެޓަޕްކުރުން
އިންޖިނިއަރިންގެ ހިދުމަތްތައް
ލޮޖިސްޓިކް އަދި ސަޕޯޓް އޮން ސައިޓް ހަރަދުތައް
ލަންކާއަށް ނިސްބަތްވާ އެ ކުންފުނިން ބުނީ ތިންވަނަ މިނިވަން ފަރާތެއްގެ އޮޑިޓެއް ހަދައިގެން ވިޔަސް އެކަން ކަށަވަރުކޮށްދޭން އެ ކުންފުނިން ބޭނުންވާ ކަމަށެވެ. އެކަމަށް ބާރުދޭނެ ލިޔެކިޔުމާއި އިތުރު ހެކި ކުންފުނީގައި އެބަ ހުރި ކަމަށް ވެސް އެ ތަނުން ބުންޏެވެ.
އެނގުން މުހިންމު - ކުރީގެ ސަރުކާރުން ފެށި 'ބިންވެރިޔާ' ސްކީމްގެ ދަށުން ގިރާވަރު ފަޅުން ދޭން ނިންމީ 2،000 ގޯއްޗެވެ. އޭގެ ތެރެއިިން 1،347 ގޯތި ގުޅިފަޅަށް ވަނީ ބަދަލުކޮށްފަ އެވެ. ހުޅުމާލޭ ފޭސް ތިނަކުން ދެނީ 1،000 ގޯއްޗެވެ.
މި ސަރުކާރުން ގުޅީފަޅު އިތުރަށް ހިއްކާފައިވާއިރު ވިސްނުން ގެންގުޅެނީ ގިރާވަރުފަޅު ވެސް ކުރީގެ ސަރުކާރުން ނިންމާފައިވާ ވަރަށް ވުރެ އިތުރަށް ހިއްކައި، ގޯއްޗާއި ފްލެޓް އިތުރަށް ދިނުމަށެވެ.
މިނިސްޓަރުގެ ވާހަކައަށް ސީއެމްސީގެ ރައްދު: 'ދަތިތަކާ އެކު ވެސް 140 ހެކްޓަރު ހިއްކީ ހެޔޮ ނިޔަތް އޮތީމަ'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ