ވެލިދޫގައި ގާއިމުކުރާ ހޮސްޕިޓަލާއި ރިހެބް ސެންޓަރުގެ މަސައްކަތް ފަށައިފި
ނ. އަތޮޅު ވެލިދޫގައި ގާއިމުކުރާ ފުރަތަމަ ހޮސްޕިޓަލާއި، ކޮމިއުނިޓީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވެލިދުއަށް ވަޑައިގެން ހޮސްޕިޓަލާއި ރިހެބް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ވަނީ ޝަރަފުވެރިކޮށްދެއްވައިފައެވެ. ސިއްހީ މަރުކަޒެއް ހުންނަ އެ ރަށުގައި އަލަށް އަޅާ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި އެ މަސައްކަތް ހަވާލުކުރި ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިނެވެ. އެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 108 މިލިއަން ރުފިޔާއަށެވެ. ވެލިދޫ ހޮސްޕިޓަލުގެ ބިންގާ އެޅުން -- ފޮޓޯ/ ރައީސް އޮފީސް އަދި އެ ރަށުގައި އަލަށް ގާއިމުކުރާ ރިހެބް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުރުން މަސައްކަތް ހަވާލުކުރި އާރްޑީސީގެ އެމްޑީ ޒުހައިރާއި ކައުންސިލްގެ ރައީސެވެ. ވެލިދޫއަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ރިހެބް ސެންޓަރުތައް ތަރައްގީކުރުމަށް ސަރުކާރުން ފެށި މަޝްރޫއުގެ ތެރެއިން އެފަދަ ސެންޓަރެއް ގާއިމުކުރަން ނިންމައިފައިވާ އެއް އެއް ރަށެވެ. އެ ސެންޓަރުތަކުގެ ބޭނުމަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ބޭސް ފަރުވާގެ އިތުރުން އެހެނިހެން ފަރުވާގެ ޕްރޮގްރާމްތައް ހިންގުމެވެ. ވެލިދޫ ސިނާއީ ސަރަޙައްދުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުން -- ފޮޓޯ/ ރައީސް އޮފީސް މީގެ އިތުރުން ވެލިދޫ ސިނާއީ ސަރަޙައްދުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ވެސް ރައީސް މުއިއްޒު ވަނީ ޝަރަފުވެރިކޮށްދެއްވައިފައެވެ. ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ވެލިދޫ ސިނާއީ ސަރަހައްދުގެ ބިންހިއްކުމުގެ މަސައްކަތަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، އެ މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. https://x.com/MoCImv/status/1948034054189994281 ހަމައެއާއެކު ވެލިދޫގައި އަލަށް ގާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ ވެސް މިއަދު ވަނީ އަޅައިފައެވެ. ވެލިދޫގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ މިނިސްޓަރު އިހުސާނުއާއި ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ. ވެލިދޫގައި އަލަށް ގާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުން -- ފޮޓޯ/ ރައީސް އޮފީސް އެ މަޝްރޫއުތައް ވެސް ހަވާލުކޮށްފައި ވަނީ އާރްޑީސީއާއެވެ. ފުލުހުންގެ މަރުކަޒުތައް ނެތް ރަށްރަށުގައި ފުލުހުންގެ މަރުކަޒު އަޅައި، ޚިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ރައީސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ މަނިކުފާނު ގެންދަވަނީ މި އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ރަށްރަށަށް ވަޑައިގެން މަޝްރޫއުތައް ނިންމަވައި، ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން އަރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ