ޖަޕާނާ އެކު ބޮޑު ވިޔަފާރީގެ އެއްބަސްވުމެއް ޓްރަމްޕް އިއުލާނުކުރައްވައިފި
މަސްތަކެއް ވަންދެން ކުރިއަށްގެންދިޔަ މަޝްވަރާތަކަށް ފަހު، ޖަޕާނާ އެކު ބޮޑު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރައްވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރައްވައިފިއެވެ. އިއްޔެ އިއުލާންކުރެއްވި އެ އެއްބަސްވުމުގެ ދަށުން އެމެރިކާއިން ޖަޕާނުގެ އެކްސްޕޯޓުން 15 ޕަސެންޓް ޓެރިފް ނަގާނެ ކަމަށާއި ޖަޕާނުން އެމެރިކާގައި 550 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެމެރިކާއަށް އިމްޕޯޓުކުރާ އެހެން ގައުމުތަކުގެ އުފެއްދުންތަކުން ޓެރިފް ނެގުމަށް ޓްރަމްޕް އެކުލަވާލައްވާފައިވާ ސިޔާސަތުގެ ދަށުން ޖަޕާނުގެ އުފެއްދުންތަކުން 25 ޕަސަންޓު އަންނަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނަގަން މީގެ ކުރިން އޮތީ ނިންމާފައެވެ. "އަހަރެމެން ޖަޕާނާ އެކު ބޮޑު ޑީލެއް ނިންމައިފިން. މިއީ ފަހަރެއްގައި މިހާތަނަށް ހެދި އެންމެ ބޮޑު ޑީލް ކަމަށް ވެދާނެ،" ޓްރަމްޕް އެ މަނިކުފާނުގެ ޓްރޫތް ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވާފައިވެއެވެ. އެ އެއްބަސްވުމުގެ ދަށުން އެތައް ސަތޭކައެއް ވަޒީފާއެއް އުފެދިގެން ދާނެ ކަމަށާއި އެމެރިކާއިން ޖަޕާނަށް ކާރާއި، ހަނޑޫ އަދި ބައެއް ދަނޑުވެރިކަމުގެ ބާވަތްތައް ވެސް އެ އެއްބަސްވުމުގެ ދަށުން އެކްސްޕޯޓު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މިހާތަނަށް އައިއިރު ޖަޕާނުގެ އެކްސްޕޯޓްތަކުން އެމެރިކާގެ ބޭސްލައިން ޓެރިފްގެ ގޮތުގައި 10 ޕަސެންޓް އަންނަނީ ނަގަމުންނެވެ. އެއްބަސްވުމުގެ ދަށުން 15 ޕަސަންޓު ޓެރިފް ނަގަން ނިންމި ނަމަވެސް، ޖަޕާނުގެ އޮޓޯމޮބައިލްތަކުން ނަގަން ނިންމާފައިވާ 25 ޕަސެންޓް ޓެރިފާއި ސްޓީލް އަދި އެލްމިނިއަމުން ނަގާ 50 ޕަސަންޓުގެ ޓެރިފްގެ ވާހަކައެއް ޓްރަމްޕް ނުދައްކަވައެވެ. ނަމަވެސް، އޮޓޯ އުފެއްދުންތަކުން ނަގާ ޓެރިފް ވެސް 15 ޕަސަންޓު ކުޑަކުރުމަށް ނިންމާފައިވާ ކަމަށް ޖަޕާނުގެ ނޫހެއް ކަމަށްވާ އެންއެޗްކޭއިން ރިޕޯޓުކޮށްފައިވެއެވެ. އެއްބަސްވުމާ ގުޅިގެން ޖަޕާނުން އަދި އެއްވެސް އެއްޗެއް ހާމަނުކުރެއެވެ. ޖަޕާނާއި އެމެރިކާއާއި ދެމެދު ގާއިމުކުރި މި އެއްބަސްވުމަކީ އެމެރިކާއާ އެކު ޓެރިފް އެއްބަސްވުމެއް ހަދަން ގައުމުތަކުން އެއްބަސްވުމަށް ދީފައިވާ ފުރުސަތުގެ ދަށުން ވެފައިވާ އެއްބަސްވުމެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޓެކްސްއާ ގުޅިގެން މިހާތަނަށް އެމެރިކާއިން އެއްބަސްވުންތައް ހަދާފައިވަނީ ހަމައެކަނި އިނގިރޭސިވިލާތާއި ވިއެޓްނާމާ އެކުގައެވެ. އެމެރިކާގެ އުފެއްދުންތައް އިތުރުކޮށް، ވަޒީފާތައް އުފެއްދުމަށް ކަމަށް ވިދާޅުވެ، ޖަނަވަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޓްރަމްޕް ވަނީ އެހެން ގައުމުތަކުން އެތެރެކުރާ މުދަލުން އިމްޕޯޓް ޓެކްސް ނެގުމުގެ ސިޔާސަތެއް އިއުލާނުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ