މުވައްޒަފު ވަކިކުރީ ވަޒީފާއަށް ފަރުވާ ކުޑަވީމަ: ޑީއެމްޑީ ޔާމީން

ސޯޝަލް މީޑިއާ ކޮމެންޓުތަކެއްގައި 'ސިޔާސީ ފިކުރު ހާމަކޮށްގެން' ޕީއެސްއެމްގެ މުވައްޒަފަކު ވަޒީފާއިން ކަނޑާލި ކަމަށް ބުނާ ހަބަރުތައް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔާމީން ރަޝީދު ދޮގުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ ޕީއެސްއެމްގެ ވަޒީފާއިން ވަކިކުރީ އެތަނުގައި ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރި ރާއިފް ޔޫސުފް އެވެ.
އޭނާ ތުހުމަތު ކުރާ ގޮތުގައި އޭނާ ވަޒީފާއިން ކަނޑާލީ، 8 މަހުގެ ސަސްޕެންޝަނެއްގައި ތިބުމަށްފަހު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން އިސްތިއުފާ ދިން މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފުއަށް ސޯޝަލް މީޑިއާގައި ފާޑުކިޔުމުންނެވެ.
ތަފްސީލު - ކަން ހިނގި ގޮތް 'ދައުރު'އަށް ކިޔައިދެމުން ރާއިފް ބުނި ގޮތުގައި ފުރަތަމަ މައްސަލަ ދިމާވީ އީރާން ހަނގުރާމައަށްވުރެ އެމްޑީޕީއިން ރާއްޖެއަށް ދޭ ގެއްލުން ބޮޑު ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވި ކަމަށް 'ސަން އޮންލައިން'އިން ރިޕޯޓުކުރި ހަބަރަކަށް އޭނާ ކުރި ކޮމެންޓަކާ ގުޅިގެންނެވެ.
އެ ހަބަރުގެ ފޭސްބުކް ޕޯސްޓަށް ކުރި ކޮމެންޓުގައި ރާއިފް ލިޔެފައިވަނީ "ޝިއުނާ އާއި މަލްޝާ އިންޑިއާއާ ޖައްސާލައި، ސޯޝަލް މީޑިއާގައި ކުރި ކަންތަކުން ގައުމުގެ ޓޫރިޒަމަށް ލިބުނު ގެއްލުން ކޮބާތޯ؟ ހަމަ އަހާލީ" މިގޮތަށެވެ.
ރާއިފް ބުނީ އެ ކޮމެންޓާ ގުޅިގެން ޕީއެސްއެމްގެ ނިއުސްރޫމުގެ ވެރިން އޭނާ ނިދާފައި އޮއްވާ ގުޅި ކަމަށެވެ. އަދި ފަހުން އެތަނުން އެކަކަށް ގުޅުމުން ކޮމެންޓާ ހެދި މައްސަލައެއް އުޅޭކަން އެނގުމާ އެކު އެ ކޮމެންޓު ޑިލީޓު ކުރި ކަމަށެވެ. އެހެން ނަމަވެސް ރާއިފް ބުނީ:
އޭގެ ފަހުން އެޗުއާރު ޑިޕާޓްމަންޓަށް އޭނާ ހާޒިރުކުރި؛ އެ މީޓިންގައި ރާއިފް ކުރި (އޭރު ޑިލީޓުކޮށްފައިވާ) ކޮމެންޓު އޭ4 ގަނޑަކަށް އޮތީ ޕްރިންޓުކޮށްފައި
އެ ކޮމެންޓާ ބެހޭގޮތުން ސުވާލުކޮށް، ސިޔާސީ ފިކުރު ހާމަނުކުރެވޭނެ ކަމަށް ޕީއެސްއެމްގެ ގަވާއިދުގައި އޮންނާނެ ކަމަށް އެޗުއާރުން ބުނި
އެއީ ސިޔާސީ ފިކުރު ހާމަކުރުން ނޫން ކަމަށް ރާއިފް ބުނި ނަމަވެސް؛ އެ ކޮމެންޓުން އޭނާއަކީ އެމްޑީޕީ މީހެއްގެ ގޮތުގައި ލޭބަލް ވާނެ ކަމަށް ބުނި
އެ މައްސަލަ ނިންމާލީ އަނގަބަހުން ނަސޭހަތް ދިނުމަށްފަހު
އޭގެ ފަހުން އެފަދަ ކޮމެންޓެއް ނުކޮށް ހުރުމަށްފަހު 'ކޮންމެ ކަމަކަށް ވެސް ނިމުން އަންނާނޭ' ކަމަށް ލިޔެ އަލީ ރަމީޒު ހިއްސާކުރި ޕޯސްޓަކަށް ރާއިފް ވަނީ 'އިންޝާﷲ' ޖަހާފައި ކޮމެންޓެއް ކޮށްފަ އެވެ. އަދި އެ ކޮމެންޓާ ބެހޭގޮތުން އެޗުއާރުން ސުވާލުނުކުރި ނަމަވެސް، ނިއުސްރޫމްގެ ބައެއް މީހުންނާ އެކު ހަދާފައިވާ ގްރޫޕެއްގައި އެ ކޮމެންޓާ ބެހޭގޮތުން ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ.
އެކަމާ ގުޅިގެން ހިތްހަމަނުޖެހުންތަކެއް ހުރުމުން އޭގެ ފަހުން މަސައްކަތް ކުރި ނަމަވެސް ރާއިފް ކާޑު ޖެހުމަށްފަހު ނިއުސްރޫމަށް ނުވަދެ އެވެ.
"އެތާ އޮންނަ އުސޫލަކީ ސެކެޓްރީ ގުޅާނެ ކެމެރާމުންނަށް ވެސް ފޮޓޯގްރާފަރުންނަށް ވެސް ގުޅާނެ އިވެންޓަކަށް ދާން ވީމަ،" ނިއުސްރޫމަށް ވަދެ އެތަނުގައި މަޑުކޮށްގެން ނެތް ނަމަވެސް މަސައްކަތް ކުރެވޭކަމަށް ބާރުދެމުން ރާއިފް ބުންޏެވެ.
އެގޮތަށް ހުއްޓާ ވަޒީފާއިން ވަކިކުރުމުގެ ޗިޓު ބަލާ އަންނަން ރާއިފްއަށް މެސެޖުކުރީ އަންގާރަ ދުވަހު އެވެ.
"އެ ޗިޓުގައި ޖަހާފައި އޮތީ ޕްރޮބޭޝަން ފުރިހަމަނުވާތީއޭ އެކަހަލަ ކޮންމެވެސް އެއްޗެއް. ދެން އެހިން އަސްލު ކީއްވެހޭ ކަނޑާލީ، ބުނީމަ ބުނި، ނިއުސްރޫމުން ބުންޏޭ އޮފީހަކަށް ނާދޭ، ނުފެނޭ. އަހަރެން ބުނިން އޮފީހަށް އަންނަމޭ، ބަރާބަރަށް ކާޑު ޖަހަމޭ. ދެން އެޗުއާރުން ބަލާފައި ބުނި އޮފީހަށް އައިސްފައޭ ހުރޭ،" ރާއިފް ބުންޏެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި އެ ކޮމެންޓުތަކާ ހެދި ކަނޑާލީ."
ރާއިފްގެ ވާހަކަަތަކާ ގުޅޭގޮތުން ސުވާލުކުރުމުން ޕީއެސްއެމްގެ ޑީއެމްޑީ ޔާމީން 'ދައުރު'އަށް ވިދާޅުވީ ކޮމެންޓުތަކަކާ ގުޅިގެން ކަނޑާލި ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
"ކުންފުނީގެ އުސޫލުގެ ތެރެއިން، ހާއްސަކޮށް އެޗުއާރު ޕޮލިސީތަކުގެ ތެރެއިން، ޕްރޮބޭޝަންގައި މަސައްކަތަށް ފަރުވާ ކުޑަކަމަށް، ކަމާ ގުޅުންހުރި ޑިޕާޓްމަންޓުން ބުނީމަ ވަޒީފާއިން ކަނޑާލީ،" ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ