ކާޒާ މިއާ ހިންގުމަށް ދީފައިވާ ބިންތަކުން އއ.މަތިވެރީ ކައުންސިލަށް ކުލީގެ ގޮތުގައި 2.2 މިލިއަން ރުފިޔާ ލިބިފައިނުވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އޮޑިތަރ ޖެނެރަލް ނެރުއްވާފައިވާ މަތިވެރީ ކައުންސިލްގެ މިދިޔަ އަހަރުގެ ކޮމްޕްލައިން އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކާޒާ މިއާ ގެސްޓްހައުސް ހިންގުމަށް ކައުންސިލުން 46،880 އަކަފޫޓުގެ ދެ ބިން ކުއްޔަށްދީފައިވާކަމަށެވެ. އެގޮތުން އެ ދެ ބިން އެންމެ ފުރަތަމަ ކުއްޔަށް ހިފި ފަރާތްކަމަށްވާ އަބްދުއް ރައްޒާގް ބިމުކުއްޔާއި ޖޫރިމަނާ އަދި ސީއެސްއާރުގެ ގޮތުގައި 2.6 މިލިއަން ރުފިޔާ ދައްކަންޖެހޭއިރު، މިއަހަރުގެ ފެބުރުއަރީމަހުގެ ނިޔަލަށް ދައްކާފައިވަނީ 800،000 ރުފިޔާ ކަމަށެވެ.
އެ ބިންތަކާ ފަހުން ރިޗް ކްލަބް މޯލްޑިވްސްއަށް އެގްރީމެންޓް ބަދަލުކުރިފަހުން، މިހާތަނަށް ނުދައްކާ އޮތް އަދަދު 2.2 މިލިއަން ރުފިޔާއަށް އަރާއިރު، އެފައިސާ ހޯދުމަށް ކައުންސިލް އިދާރާއިން މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އަޅާފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
ކާޒާ މިއާ އަކީ ވިޔަފާރިވެރިޔާ ހެންވޭރު ތިމާވެށި ޢަބްދުﷲ ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސްއިން ހިންގަމުންއައި ގެސްޓްހައުސްއެކެވެ. ނަމަވެސް އެތަނަށް ދައްކަންޖެހޭ ކުލި ނުދެއްކުމުގެ ސަބަބުން ތަފާތު އެތައް މައްސަލަތަކެއް ޖެހި މިދިޔަ ސަރުކާރުން ވަނީ ކައުންސިލަށް އެނގުމަކާ ނުލައި 50 އަހަރަށް ރިޗް ކްލަބް މޯލްޑިވްސްއަށް ކުއްޔަށްދީފައެވެ.
އަދި ފަހުން ރައީސް ޑރ.މުހައްމަދު މިފަހުން މަތިވެރިއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށު ކައުންސިލަށް ކާޒާ މިއާ ގެސްޓްހައުސް ދިނުމަށް ނިންމިކަން ހާމަކޮށްފައެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން ވަނީ، މަތިވެރީ ކައުންސިލަށް ކާޒާ މިއާ ދިންކަމުގެ ލިޔުން މިދިޔަ އަންގާރަދުވަހު ދުވަހު ހަވާލުކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ ގެސްޓްހައުސް ކުއްޔަށް ދިނުމާ ގުޅޭގޮތުން ރިޗް ކްލަބާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރުމުގެ ގޮތުން އޮގަސްޓްމަހުގެ 14 ވަނަ ދުވަހު އެކުންފުންޏަށް ސިޓީ ފޮނުވާފައެވެ. އެއާއެކު ރިޗް ކްލަބުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި އެއްބަސްވުން ބާތިލްކުރުން ހުއްޓުވައިދިނުމުގެ އަމުރަކަށް އެދިފައެވެ. ނަމަވެސް ސިވިލްކޯޓުން ވަނީ އެއީ އެކޯޓަށް ނެރެދެވޭނެ އަމުރެއް ނޫންކަން ބުނެ ހުކުމް ކޮށްފައެވެ. ސަބަބަކީ އއ.މަތިވެރީގައި މެޖިސްޓްރޭޓް ކޯޓެއް ހުރުމާއެކު އެތަނުގެ އިހްތިސާސް ހިނގަނީ އެކޯޓަށް ކަމުގައި ވާތީއެވެ.
ކާޒާ މިއާ ހިންގަންދިން ބިންތަކުން މަތިވެރީ ކައުންސިލަށް 2.2 މިލިއަން ރުފިޔާ ނުލިބޭ: އޮޑިޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ