ޣައްޒާއަކީ ހައިހޫނުކަމުގެ ކާރިސާއެއް އޮތް ސަރަހައްދެއްކަން އދ. އިން ރަސްމީކޮށް އިއުލާން ކޮށްފި

ޣައްޒާ (23 އޮގަސްޓް 2025) : އިސްރާއީލުން ގަތުލު އާންމު ހިންގަމުން ގެންދާ ފަލަސްތީނުގެ ޣައްޒާއަކީ ހައިހޫނުކަމުގެ ކާރިސާ ކުރިމަތިވެފައިވާ ސަރަހައްދެއްކަމަށް އދ. އިން ރަސްމީ ސިފައެއްގައި ކަނޑައަޅައި އިއުލާން ކޮށްފިއެވެ. ޣައްޒާގެ އާންމުންގެ ދިރިއުޅުމުގެ ހާލަތާއި އެ މީހުންނަށް ކާބޯތަކެތި ލިބޭމިންވަރާއި ކާޑުބަލި ޖެހިފައިވާ މީހުންނާއި ހައިހޫނުކަމުގައި މަރުވާ މީހުންގެ ބޯ ހިމަނައިގެން ޣައްޒާގެ ހާލަތު ދިރާސާކޮށް ބަލަމުން ގެންދާތާ އެތަކެއް މަހެއް ހޭދަކުރުމަށްފަހު އދ. ގެ ހަތަރު މުއައްސަސާ އެއްކަމަށްވާ ޑަބްލިޔުއެޗްއޯ އާއި ޔުނިސެފް، ވޯލްޑް ފުޑް ޕްރޮގްރާމް އަދި ފުޑްއެންޑް އެގްރިކަލްޗަ އޮގަނައިޒޭޝަންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ޣައްޒާއަކީ ކާބޯތަކެތި ވެއްދުން މަނާކުރުމުގެ ސަބަބުން ހައިހޫނުކަމުގެ ކާރިސާ ކުރިމަތިވެފައިވާ ސަރަހައްދެއް" ކަމުގައެވެ. ޣައްޒާގެ ހައިހޫނުކަމަކީ އިންސާނުންގެ ސަބަބުން ކުރިމަތިވެފައިވާ ކަމެއްކަމާއި އެއީ ގުދްރަސީ ކާރިސާއެއްގެ ސަބަބުން ކުރިމަތި ކަމެއްނޫންކަމަށްވެސް މި ބަޔާން ބުނެއެވެ. ޣައްޒާގެ މަންމައަކާއި ދަރިފުޅު އދ.ގެ ބަޔާން ބުނާގޮތުން ޣައްޒާގައި ހައިހޫނުކަން ތަހައްމަލް ކުރާ އާންމުންގެ އަދަދު ބައި މިލިޔަނަށް ވުރެގިނަ އެވެ. އަދި މީގެތެރެއިން ބައެއް މީހުން ކާބޯތަކެތި ނުލިބި ހައިހޫނުކަމުގައި ބަނޑަށް މަރުވަމުންދާކަމަށް ވެސް މިބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. މިއީ އދ. ގެ ތާރީޚުގައި ވެސް މެދުއިރުމަތީގެ ގައުމެއްގެ ސަރަހައްދަކަށް ހައިހޫނުކަމުގެ ކާރިސާ ކުރިމަތިވެފައިވާކަން ރަސްމީ ސިފައެއްގައި އިއުލާން ކުރި ފުރަތަމަ ފަހަރެވެ. ހައިހޫނުކަމުގެ ކާރިސާ ކުރިމަތިވެފައިވާކަން މީގެ ކުރިން އދ. އިން އިއުލާންކޮށްފައިވަނީ އިތިއޮޕިއާ އާއި ސޯމާލިޔާ ފަދަ އެފްރިކާގެ ފަގީރު ގައުމުތަކުގެ ބައެއް ސަރަހައްދުތަކުގައެވެ. އދ.ގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހިފައިވަނީ ޣައްޒާއަށް ކާބޯތަކެތި ވެއްދުމަށް ފާޅުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހުރަސްއަޅަމުން ގެންދާތީއެވެ. މިސްރާ ގުޅިފައިވާ ޣައްޒާގެ ރަފްހު ބޯޑަރުގެ ކައިރީގައި ކާބޯތަކެތީގެ އެތަށް ޓްރެކްތަކެއް ކިޔޫ ހަދާފައިވާކަމަށާ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހި މަރުވަމުންދަނީ އެތަކެތި ޣައްޒާއަށް ވެއްދުމަށް އިސްރާއީލުން ގަސްދުގައި ހުރަސްއަޅާތީކަމަށް ވެސް އދ. އިން ބުނެފައިވެެއެވެ. އިސްރާއީލުވަނީ ޣައްޒާއަށް ކާބޯތަކެތި ވައްދައި އެތަކެތި އާންމުންނަށް ބެހުމަށް މަސައްކަތް ކުރާ އދ. ގެ "އުންރުވާ" ޖަމާއަތުގެ މަސައްކަތްތެރިންނާއި މުވައްޒަފުން މީގެ ފަސްމަސް ކުރިން ޣައްޒާއިން ބޭރުކޮށްލާފައެވެ. އަދި އިސްރާއީލުވަނީ ޣައްޒާގައި ހުރި "އުންރުވާ" ޖަމާއަތުގެ އޮފީސް ބަންދުކޮށް އެތަނުގެ އިސްވެރިން ވެސް ޣައްޒާއިން ބޭރުކޮށްލާފައެވެ. އދ. ގެ މުވައްޒަފުންނަކީ ޓެރަރިސްޓުންކަމަށް ވެސް އިސްރާއީލު ގެންދަނީ ތުހުމަތު ކުރަމުންނެވެ. އިސްރާއީލުވަނީ އދ. ގެ އުންރުވާ ޖަމާއަތުގެ 250 އަށް ވުރެގިނަ މުވައްޒަފުން މަރާލައި ޣައްޒާގައިވާ އެޖަމާއަތުގެ ގުދަންތަކަށް ބޮންއަޅައި ހަލާކުކޮށްލާފައެވެ. ޣައްޒާގައި ހައިހޫނު ކަމުގައި މަރުވާ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި ވިހޭ ގޭތެރޭ ކުދިންނެވެ. ދެން މުސްކުޅިންނެވެ. ޣައްޒާގައި މިހާތަނަށް 300 ވަރަކަށް މީހުން ބަނޑަށް މަރުވިކަމަށް ރިޕޯޓްކޮށްފައިވާއިރު ކާންބޯން ނުލިބުމުގެ ސަބަބުން ކާޑުބަލި ޖެހިފައިވާ މީހުންގެ އަދަދު އެތައް ލައްކައަކަށް އަރައެވެ. ޣައްޒާގައި އިސްރާއީލާއި އިސްރާއީލުގެ ޓެރަރިޒަމް ސްޕޮންސާ ކުރާ މައިގަނޑު ގައުމުކަމަށްވާ އެމެރިކާ ގުޅިގެން އުފައްދާފައިވާ މުއައްސަސާއަކުން ކޮންމެވެސް ވަރަކަށް ކާބޯތަކެތި ބަހައެވެ. ނަމަވެސް ޣައްޒާގެ ދެ މިލިޔަން މީހުންނަށް ބޭނުންވާ މިންވަރާ ގާތަށް ވެސް އެ މުއައްސަސާއިން ކާބޯތަކެތި ފޯރުކޮށެއް ނުދެއެވެ. މީގެއިތުރުން ކާބޯތަކެތި ބަހާތަންތަނަށް ޣައްޒާގެ އާންމުން ދިޔުމުން އެމުއައްސަސާއަށް ނިސްބަތްވާ މީހުން ގެންދަނީ އާންމުންގެ ގަޔަށް ބަޑިޖަހައި މަރަމުންނެވެ. އަދި ކުޑަ ކާބޯއެތިކޮޅެއް ދީފައި ވެސް ބަޑިޖަހައި މަރާލައެވެ. މިހާތަނަށް މިގޮތަށް ވެސް ދެހާހަށް ވުރެގިނަ އާންމުން މަރާލާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ކާބޯތަކެތި ބަހާތަންތަނަށް އާންމުންނަށް ދެވޭގޮތަށް ހަދާފައި އޮންނަނީވެސް ވަރަށް ދަތި އަދި އުނދަނގޫ ގޮތަކަށެވެ. ގަދައަވީގައި ފަހެއް ނުވަތަ 10 ވަރަކަށް ކިލޯމީޓަރު ހިނގާފައި ނޫނީ އެ ތަންތަނަށް ނުދެއެވެ. މިގޮތަށް ހިނގާފައި ދާއިރު ބޯ އަނބުރައި ގަނެގެން ވެއްޓި އެތައް ސަތޭކަ ބަޔަކު މަރުވެފައިވާކަމަށް އަލްޖަޒީރާ ބުނެއެވެ. އިސްރާއީލާއި އިސްރާއީލުގެ ޓެރަރިޒަމަށް ވާގިވެރިވާ އެމެރިކާ ގުޅިގެން ޣައްޒާގައި އުފައްދާފައިވާ ކާބޯތަކެތި ބަހާތަންތަނަށް އާންމުން ދިޔުމުން އެމީހުންގެ ގަޔަށް ބަޑިޖަހައި މަރާލުމުގެ ޖަރީމާތައް ހިންގާކަމަށްވަނީ އިސްރާއީލުގެ ސިފައިންނާއި އެމެރިކާގެ ކޮންޓްރަކްޓަރުންކަމަށްވެއެވެ. މި ކޮންޓްރަކްޓަރުންގެ ތެރޭގައި ގިނައީ އެމެރިކާގެ ރިޓަޔަޑް ސިފައިންކަމަށް މިކަން ބެލި އެމެރިކާގެ ބައެއް ފަރާތްތަކުން މީޑިއާތަކަށް ޔަގީންކޮށްދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ