ނިއު ރޭޑިއަންޓްގެ ކޯޗުކަމާ ހަވާލުވާން ސުޒޭން އެއްބަސްވެއްޖެ ނިއު ރޭޑިއަންޓްގެ ކޯޗުކަމާ ހަވާލުވާން ސުޒޭން އެއްބަސްވެއްޖެ

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗުކަމާ ހަވާލުވާން ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކޯޗު، އަލީ ސުޒޭން އެއްބަސްވުމަކަށް އަތުވެފަައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ނިއުއާ އެކު، ސުޒޭން އެއްބަސްވުމުގައި ސޮއިކޮށްފައިނުވި ނަމަވެސް، ކޮންޓްރެކްޓަކާ ހަމައަށް ދިއުމަށްޓަކައި ހުރިހާ ކަމެއް ވަނީ ހަމަޖެހިފަ އެވެ.
އެންމެ ފަހުން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި ސުޒޭން ވަނީ މީގެ ކުރިން ނިއުގެ އެންމެ ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ބެންޗުގައި ހުރެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ސުޒޭން ކޯޗުކޮށްދީފައިވާ ކްލަބްތަކަށް ބަލާއިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކްލަބް ގްރީން ސްޓްރީޓްސް އަދި ތިނަދޫ ފުޓްބޯޅަ ޓީމު ހިމެނެ އެވެ.
މީގެ ތެރެއިން، ގްރީން ސްޓްރީޓްސް އަށް ކޯޗުކޮށްދެމުން، 2018 ވަނަ އަހަރުގެ އޭޕްރީލް މަސް ތެރޭގައި، ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޒޭން ވަނީ، އޭނާގެ ކެރިއަރުގައި ދެ ފަހަރެއްގެ މަތިން ނިއު އަށް ކޯޗުކޮށްދޭން ފުރުސަތު ލިބުނު ކަމަށް ބުނެފަ އެެވެ. އެ ފުރުސަތުތަކުގެ ބޭނުންނުހިފީ ކީއްވެތޯ ސުވާލުކުރުމުން ސުޒޭން އޭރު ބުނީ، ނިއުއާ ގުޅުމަށް ވުރެ އެ ޓީމަށް ޗެލެންޖް ކޮށްލުން މާ ރަނގަޅު ކަމަށް ގަބޫލުކުރެވުމުން ކަމަށެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަން، އަހުމަދު މުބީން، މީގެ ދުވަސް ކޮޅެއް ކުރިން، އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓުގައި ލިޔުއްވާފައިވަނީ، ކުރިއަށް އޮތް ސީޒަނަށް ނިއުގެ ބޮޑެތި ކަންތައްތަކެއް އެބަ އަންނަ ކަމަށާއި އެކަންކަން އިއުލާނުކުރުމަށް ބޮޑު އިވެންޓެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ވާހަކަ އެވެ. އަދި، ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމުގެ މޭރުމުން ލިޔުއްވާފައިވާ އެ ޕޯސްޓުގައި ވަނީ، ނިއުގެ ސަޕޯޓަރުންނަށް "އުފާވެރި" ހަބަރެއް އެބައޮތް ކަމަށް ވެސް ވިދާޅުވެފަ އެވެ.
"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ، ނިއު އިން އިއުލާނުކުރަން މަސައްކަތް ކުރަމުން އަންނަ އުފާވެރި ހަބަރަކީ، އެ ކްލަބް، އެނބުރި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ވާހަކަ ކަމަށެވެ.
އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ، ނިއު، ފުރަތަމަ ޑިވިޝަނަށް އައުމަށް މަސައްކަތް ކުރަނީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ޖާގަ އަށް ކަމަށެވެ. އެ ގޮތުން، މައުލޫމާުތު ދިން ފަރާތުން ބުނެފައިވަނީ، އެފްއޭއެމުން ދާދި ފަހުން، ރާއްޖޭގެ ދިވެހި ޕްރިމިއާ ލީގު (ފުރަތަމަ ޑިވިޝަން)ގައި ވާދަކުރަނީ، 10 ޓީމު ކަމަށް ފާސްކޮށްފައިވާއިރު، އެ މުބާރާތުގައި ސަސް އިން ވާދަނުކުރާނަމަ، ދެން ދެ ވަަނަ ޑިވިޝަނުން ޓީމަކަށް ލިބޭ ޖާގަ އަށް ނިއު ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން، ބޭއްވި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން އާއި ރަނަރަޕްގެ ހައިސިއްޔަތުން، އޮޑި ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ވަނީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ.
ދެ ވަނަ ޑިވިޝަނުން އަންނަ ޓީމަކަށް ސަސްގެ ޖާގައިގައި ފުރަތަމަ ޑިވިޝަނަށް އައުމުގެ ދޮރު ހުޅުވޭ ގޮތަށް މަސައްކަތް ކުރަމުން އަންނައިރު، އެ ފުރުސަތު ނިއު އަށް ދޭން ވަަރަށް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެ އެވެ. ދެ ވަނަ ޑިވިޝަނުން އަންނަން ޖެހޭ ޓީމެއްގެ ގޮތުގައި، ތިން ވަނަ ޓީމެއް ކަނޑައަޅަން ޖެހޭނީ، ސެމީ ފައިނަލަށް ދިޔަ ޓެންޓް ސްޕޯޓްސް ކްލަބާއި ނިއުގެ ތެރެއިންނެވެ. އަދި، މީގެ ތެރެއިން، ނިއު އަށް ފުރަތަމަ ޑިވިޝަނުން ސީދާ ޖާގައެއް ލިބެން އޮތީ ޓެންޓް އެ ފުރުސަތު ދޫކޮށްލައިފިނަމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ