އަގެއް ނެތް ބައެކޭ ވިދާޅުވުމުން ޕީއެންސީ މެންބަރުން ޔާމީނަށް ހަނދާންކޮށްދިނީ ފާރުމަތިން 'އެއްލާލިކަން'
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް މަޖިލީސް ފާރުމަތިން ނެރެ އެއްލާލިކަން ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން މިއަދު އެ މަނިކުފާނަށް ހަނދާންކޮށްދީފިއެވެ. ރޭ އާޓިފިޝަލް ބީޗުގައި ޕީއެންއެފުން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، ޕީއެންސީ މެންބަރުންގެ ނަފުސުގެ އިތުބާރާއި ކާރާމާތާއި ޝަރަފެއްް ނެތް ކަމަށެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުން ތިއްބެވީ ރައްޔިތުންނާއި އަމިއްލަ ނަފުސު ވެސް ވިއްކާލައިގެން ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ. އެ ވާހަކައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ބައެއް މެންބަރުން ވަނީ ޔާމީނަށް ރައްދުދެއްވާފައެވެ. އެ ގޮތުން، އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަނީ 18ވަނަ ރައްޔިތުންގެ މަޖިލީހުގައި މެންބަރުންނާ މެދު ކަންތައް ކުރި ގޮތުން، ޕީޕީއެމްގެ 12 މެންބަރުން މަގުމައްޗަށް 'އުކާލިކަން' ހަނދާންނެތުނީތޯ ސުވާލު އުފައްދަފާއެވެ. އެ މެންބަރުން ތިން އަހަރު މަގުމަތީ ގަނަތެޅުވި ކަމަށް ވިދާޅުވެ، ފަލާހު ވަނީ ޔާމީނަށް ވުރެ މެންބަރުން ނިކަމެތިކުރި ވެރިއެއް ނެތް ކަމަށް ތުހުމަތުކުރައްވާފައެވެ. ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުއިއްޒު މަޖިލީހުގެ މެންބަރުންނަށް މިނިވަންކަމާ އެކީ މަސައްކަތްކުރުމުގެ ފުރުސަތު ދެއްވާފައި އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ފަލާހް ވިދާޅުވީ، މި މަޖިލީހުން ފާސްކުރާ ނުވަތަ އިސްލާހުކުރާ އެއްވެސް ގާނޫނެއް ގޯސްވެގެން ކުރިއަށް އޮތް އެއްވެސް މަޖިލީހަކުން ބަދަލެއް ނުގެންނާނެ ކަމަށެވެ. ރައީސް މުޢިއްޒު މި ގައުމުގެ ރައްޔިތުންގެ ހެވާއި ލާބައަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް ޔާމީން ފަދަ މި ގައުމުގެ ބައިތުލްމާލު ދަވާލާފައިވާ އަނިޔާވެރިއެއްގެ ވާހަކަތަކުން ކުޑަ ވެސް ބަދަލެއް ނާންނާނެ،ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މީގެ އިތުރުން، ރޭ ބޭއްވި ބޮޑު ޖަލްސާއަށް 200 މީހުން ގެންދިޔައީ 'ދައުލަތުން ވަގަށް ނަގާފައިވާ ފައިސާއިން' ކަމަށް ފަލާހް ތުހުމަތުކުރެއްވިއެވެ. އަދި، އެ މަނިކުފާނުގެ ވެރިކަމުގައި 'ވަގަށް ނެގި އެތައް މިލިއަން ރުފިޔާއެއް ހަލާލު ފައިސާއަށް ހެދޭނެ ކަމަށް' ހީކޮށްގެން ނުވާނެ ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ. އޭރު އިދިކޮޅު ބައެއް މެންބަރުން މަޖިލީހުން ނެރެނީ: ޕީއެންސީ މެންބަރުން ވަނީ ޔާމީނަށް އެކަން ހަނދާންކޮށްދެއްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ ފަލާހްގެ އިތުރުން، ޔާމީންގެ ވާހަކައާ ގުޅިގެން ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ބާރަށު ދައިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، މަޖިލިސް މެންބަރުންގެ ނަފުސުގެ އިއްޒަތާއި އަބުރަކީ ޔާމީން ދެއްވާ އެއްޗެއް ނަމަ، އެއިން އެއްވެސް އެއްޗެއް ބޭނުންނުވާ ކަމަށެވެ. މަޖިލީހުގެ މެންބަރުން ސިފައިން ލައްވާ މަޖިލީހުގެ 'ފާރުމަތިން ހޫރުވާލި' ވެރިއަކަށް މަޖިލީހުގެ ކަރާމާތެއް ނޭނގޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި، މަޖިލީހުގެ މެންބަރުންނަކީ ބޭނުންވާ ގޮތަކަށް ބޯނުލަނބާ ބައެއް ސިފަކުރުމަކީ 'ތާހިރު' ސިފައެއް ނޫންކަން އޭނާ ފާހަގަކުރައްވާފައިވެއެވެ. މެންބަރު ޝުޖާ: އޭނާ ވަނީ ޔާމީނަށް ފާޑުވިދާޅުވެފައި -- ފޮޓޯ/ މަޖިލިސް ޔާމީނަށް ޕީއެންސީ މެންބަރުން ރައްދުދެއްވިއިރު، ޔާމީން ވެރިކަމުގައި ސިފައިން ބޭނުންކޮށް، މަޖިލީހުގެ އިދިކޮޅު ބައެއް މެންބަރުން ވަނީ ފާރުމަތިން އެއްލާފާއެވެ. އެއީ، އޭރު ޕީޕީއެމްގައި ތިއްބަވާފައި އިދިކޮޅު ޕާޓީތަކާ ގުޅުމުން ގޮނޑި ގެއްލިއްޖެ ކަމަށް ނިންމުމުން ހިނގި ހަމަނުޖެހުންތަކެކެވެ. މަޖިލީހުގެ އޭރުގެ ރައީސް އަބަދުﷲ މަސީހް މުޙައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާ ހެދި، މަޖިލީހުގެ އިދާރާގައި ސިފައިން އޭރު ތަޅުއެޅުވިއެވެ. އޭރު މަޖިލީހުން ނެރުނު މެންބަރުންގެ ތެރޭގައި ހިތަދޫގެ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރާއި ތިމަރަފުށި ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާއާއި ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދާއި މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު ހިމެނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޔާމީން ރޭ ޕީއެންސީ މެންބަރުންނަށް ފާޑުވިދާޅުވީ، އެ މެންބަރުން އެއްޗެއް ވިދާޅުނުވެ ސަރުކާރުން 'ހެދިހާ ގޮތެއް ހެދިގެން' ތިއްބަވާ ކަމަށް ތުހުމަތުކުރައްވައެވެ. އެ މަނިކުފާނު ގެންދަވަނީ 19 ވަނަ މަޖިލީހަކީ 'އޮޅުހިޔާ ފެސިލިޓީ'އެއްގެ ގޮތުގައި ސިފަކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ