ބިޓްކޮއިންގެ އަގު އަނެއްކާވެސް ދަށްވެއްޖެ
ބައިނަލްއަގުވާމީ ކްރިޕްޓޯ މާކެޓަށް އަނެއްކާވެސް ޕްރެޝަރު ކުރިމަތިވެ، އެންމެ ބޮޑު ކްރިޕްޓޯ ކަރަންސީ ކަމަށްވާ ބިޓްކޮއިންގެ އަގު އިއްޔެ ވެއްޓިއްޖެއެވެ. އިއްޔެ ބިޓްކޮއިންގެ އަގު 111,920 ޑޮލަރުގައި ހުރިއިރު، އެއީ 24 ގަޑިއިރުގެ ތެރޭގައި 0.3 އިންސައްތައިގެ ދަށްވުމެކެވެ. ދެވަނައަށް އެންމެ ބޮޑު ކަރަންސީ ކަމަށްވާ އެތީރިއަމްގެ އަގު 1.4 އިންސައްތަ ދަށަށް ގޮސް 4,452 ޑޮލަރުގައި ހުރިނަމަވެސް، ބިޓްކޮއިން އީޓީއެފްތަކަށް ޖެހިޖެހިގެން ހަތަރުވަނަ ދުވަހުވެސް ފައިސާ ވަނުމުގެ ސަބަބުން، އަގު އިތުރަށް ދަށަށް ނުގޮސް ވަނީ ހިފެހެއްޓިފައެވެ. ބިޓްކޮއިންގެ އަގު ދަށްވިނަމަވެސް، އެހެނިހެން ކްރިޕްޓޯ ކަރަންސީތައް ނުވަތަ އަލްޓްކޮއިންތަކުން އަގު ދަށްނުވާނެ ކަމުގެ އުންމީދެއް ޗާޓުތަކުން ދައްކައެވެ. މިގޮތުން، ސޮލާނާގެ އަގު ދެ އިންސައްތަ މައްޗަށް ގޮސް 215 ޑޮލަރަށް އަރާފައިވާއިރު، ބީއެންބީގެ އަގު 1.3 އިންސައްތަ މަތީގައި 874 ޑޮލަރުގައި ވަނީ ހިފެހެއްޓިފައެވެ. އެކްސްއާރުޕީ އާއި ކާޑާނޯގެ އަގު 3.00 ޑޮލަރާއި 0.86 ޑޮލަރުގައި ހިފެހެއްޓިފައިވާއިރު، ޑޯޖްކޮއިން ހުރީ 0.22 ޑޮލަރުގައެވެ. އަލްޓްކޮއިންތަކުގެ މި ހެޔޮ ބަދަލުތަކަށް ބާރު ލިބެނީ ބޮޑެތި އިންވެސްޓަރުން އެތީރިއަމް އީޓީއެފްތަކަށް ފައިސާ ޖަމާކުރަމުން ދިއުމުގެ ސަބަބުންނެވެ. މާކެޓްގެ ތަޖުރިބާކާރެއް ކަމަށްވާ މުޑްރެކްސްގެ ސީއީއޯ އެޑުލް ޕަޓޭލް ވިދާޅުވީ، އިންވެސްޓަރުންގެ ފައިސާ ބިޓްކޮއިންއިން ނެގުމަށްފަހު އެތީރިއަމް އަދި ސޮލާނާ ފަދަ އަލްޓްކޮއިންތަކަށް ބަދަލުކުރަމުންދާތީ، ބިޓްކޮއިންގެ އަގު ވަކި ހިސާބެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ފަސް ދުވަހުގެ ތެރޭގައި އެތީރިއަމް އީޓީއެފްތަކަށް 1.83 ބިލިއަން ޑޮލަރު ވަދެފައިވާއިރު، ބިޓްކޮއިންއަށް ވަދެފައިވަނީ އެންމެ 171 މިލިއަން ޑޮލަރެވެ. މިއީ އިންވެސްޓަރުންގެ ސަމާލުކަން ބަދަލުވަމުންދާކަމުގެ ހެއްކެކެވެ. ޕައި42ގެ ކޯ-ފައުންޑާ އަވްނާޝް ޝެކަރު ވިދާޅުވީ، ބިޓްކޮއިންގެ އަގު ދަށްވުމުގެ ފަހަތުގައިވަނީ ފާއިތުވި ހަފުތާގައި ބިޓްކޮއިން މައިނަރުން ގާތްގަނޑަކަށް 485 މިލިއަން ޑޮލަރުގެ ބިޓްކޮއިން ވިއްކާލުން ކަމަށެވެ. މީގެ ސަބަބުން މާކެޓަށް ޕްރެޝަރު އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އެތީރިއަމް އަކީ އަދިވެސް އުންމީދީ ކޮއިންއެއް ކަމަށާއި، އޭގެ އަގު 5,000 ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. މި ބަދަލުތައް އަންނައިރު، އެމެރިކާގެ ކޮމޯޑިޓީ ފިއުޗާސް ޓްރޭޑިން ކޮމިޝަނުން ވަނީ އެ ގައުމުގެ ބޭރުގެ ކްރިޕްޓޯ އެކްސްޗޭންޖުތަކަށް އެމެރިކާގެ ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ގާނޫނީ ހުއްދަ ދިނުމަށް ގަވާއިދެއް ތައާރަފުކޮށްފައެވެ. މާކެޓްގެ ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތްތަނުގައި ކްރިޕްޓޯ މާކެޓުގެ ގަވާއިދުތައް އިތުރަށް ހަރުކަށިވެދާނެއެވެ. މިވަގުތު ޓްރޭޑަރުންގެ ސަމާލުކަން ހުއްޓިފައިވަނީ ބިޓްކޮއިންގެ އަގު އަލުން 113,000 ޑޮލަރުގެ މައްޗަށް އަރާތޯ އާއި އެތީރިއަމްގެ އަގު 4,700 ޑޮލަރަށް ފޯރާނެތޯއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ