ނިއުު ޔޯކް ޑިކްލަރޭޝަނަކީ ފަލަސްތީނުގެ ހަމަޖެހުމަށް ގައުމުތަކުން ބޭނުންވާކަމުގެ ހެއްކެއް: ރައީސް

ނިއު ޔޯކް ޑިކްލަރޭޝަނަކީ އިޒްރޭލުން ދެމުން ދާ ހަމަލާތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ދާއިމީ ރައްކާތެރިކަން ލިބި، ދެމެހެއްޓެނިވި ހަމަޖެހުމާއި އިގްތިސޯދު އިއާދަކުރަން ބައިނަލްއަގުވާމީ ދުނިޔެއިން އެއްބާރުލުން ދޭނެ ކަމުގެ ހެއްކެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ކުރިއަށް ދިޔަ ބައްދަލުވުމުގެ ޑިކްލަރޭޝަންއަށް ރައީސް މުއިއްޒުވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
ތަފްސީލް - އެއީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގުވާމީ ދުނިޔެއިން ގަބޫލުކުރާ ހެކިތައް ފެނުނު ބައްދަލުވުމެއް ކަމަށް ވެސް ރައީސްގެ ބަޔާނުގައި ފާހަގަކުރެއްވި އެވެ.
ފްރާންސާއި ސައުދީ އަރަބިއާގެ އިސްނެގުމަށް މިދިޔަ ހޯމަދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އޮތް ބައްދަލުވުމުގެ ނަތީޖާ ކަމަށްވާ 'ނިއު ޔޯކް ޑިކްލަރޭޝަން' އަކީ، ރައީސް ވިދާޅުވި ގޮތުގައި، ފަލަސްތީނު ރައްޔިތުންގެ ދާއިމީ ސިޔާދަތަށާއި ފަލަސްތީނުގެ ދައުލަތް ގަބޫލުކުރަން އަދި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދޭން މެންބަރު ގައުމުތަކުން ދިން ތާއީދެކެވެ.
މިއީ އިޒްރޭލުން ފަލަސްތީނުގެ ނަސްލު ނައްތާލަން ދޭ ހަމަލާތަކުން ފަލަސްތީނު އަލުން އާރާސްތުކުރަން އެހީތެރިވެ، އިގްތިސޯދީ ދެމެހެއްޓެނިވިކަމާއި ސަލާމަތްތެރިކަން ޔަގީންކުރަން ބައިނަލްއަގުވާމީ މުޖުތަމައުން ދޭ އެއްބާރުލުމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ބަޔާނުގައި ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް ވަކާލާތު ކުރަނީ 1967ގެ ކުރީގެ ބޯޑަރުގެ މައްޗަށް ބިނާކޮށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބާއްވަން ކަން ފާހަގަކުރެއްވި އެވެ. އަދި އދ.ގެ ގަރާރުތަކާއި ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރަން ދޭ ތާއީދު ދަމަހައްޓާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ