ލިވަޕޫލަށް ކުޅުނު ޑިއާޒް 65.5 މިލިއަން ޕައުންޑަށް ބަޔާނަށް ސޮއިކޮށްފި

އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލަށް ކުޅުނު ކޮލޮމްބިއާގެ ފޯވަޑް ލުއިސް ޑިއާޒް ޖަރުމަނު ބުންޑެސްލީގާގެ ޗެމްޕިއަން ބަޔާން މިޔުނިކަށް ސޮއިކޮށްފިއެވެ. ޑިއާޒް ބަޔާންއަށް ސޮއިކޮށްފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 65.5 މިލިއަން ޕައުންޑްގެ އަގަކަށެވެ. އުމުރުން 28 އަހަރުގެ ޑިއާޒް، އާ ސީޒަނަށް ތައްޔާރުވަމުންދިޔަ ލިވަޕޫލް ޓީމުގައި ވެސް ހިމަނާފައެއް ނުވެއެވެ. އެންމެ ފުރަތަމަ އެއްވެސް އަގަކަށް ނުވިއްކާނެކަމަށް ލިވަޕޫލްއިން ބުނި ޑިއާޒް އެޓީމަށް ވިއްކާލަށް މަޖުބޫރުވީ ޑިއާޒް ވެސް ކްލަބް ދޫކޮށް ދިއުމަށް ބޭނުންވުމުންނެވެ. ޑިއާޒް ހޯދުމަށް ސްޕެނިޝް ލަލީގާގެ ޗެމްޕިއަން އެފްސީ ބާސެލޯނާ ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް ލިވަޕޫލުން ޑިއާޒްއަށް ކީ އަގު ބޮޑުކަމުން އެޓީމުން އެހިޔާލު ދޫކޮށްލިއެވެ. ބަޔާންއިން އެންމެ ފުރަތަމަ ޑިއާޒް ގަތުމަށް 58.6 މިލިއަން ހުށަހެޅުމުން ލިވަޕޫލުންވަނީ އެގަކަށް ޑިއާޒް ނުވިއްކާނެކަމަށް ބުނެފައެވެ. އެއާއެކު ދެ ކްލަބްގެ މެދުގައި އެއްބަސްވުމަކަށް އާދެވުނި 65.5 މިލިއަން ޕައުންޑާ ހަމައިންނެވެ. ޑިއާޒް ލިވަޕޫލްގައި ހޭދަކުރި ތިން އަހަރާއި ބައިގައި އޭނާވަނީ އެކްލަބާއެކު ހަތަރު ތަށި ކާމިޔާބު ކޮށްދީފައެވެ. އަދި އޭނާ ކްލަބް ދޫކޮށްލީ ޕްރިމިއާ ލިގުގެ ޗެމްޕިއަނެއްގެ ގޮތުގައެވެ. ޑިއާޒް އޭނާގެ އިންސްޓަގްރާމް ޕޭޖުގައި ލިޔުނުގޮތުގައި އޭނާ ލިވަޕޫލާ ގުޅުނީ ދުނިޔޭގެ ހުރިހާ ހުވަފެން ތަކާއެކު ނަމަވެސް، ކްލަބް ދޫކޮށް މިދަނީ އޭނާއަށް ހާސިލްކުރެވުނު ކަންތައްތަކާމެދު ފަހުރުވެރިވާ ހާލުގައެވެ. އަދި އޭނާގެ ވަޒީފާ ފުރިހަމައަށް އަދާކުރެވުމުގެ ހިތްހަމަ ޖެހުމާއި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލަށް ހޯދާދެވުމާއެކު ކްލަބް ދޫކޮށްލެވޭތީ ހިތްހަމަ ޖެހޭކަމަށް އޭނާ ލިޔެފައި ވެއެވެ. ޑިއާޒް ލިވަޕޫލާ ގުޅިފައިވަނީ 2022ވަނަ އަހަރުގެ ޖެނުއަރީ މަހު ޕޯޗުގަލްގެ އެފްސީ ޕޯޓޯއިން 37 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި ލިވަޕޫލަށް ކުޅެދިން 148 މެޗުގައި 41 ލަނޑު ކާމިޔާބު ކޮށްދީފައިވެއެވެ. އޭނާ ލިވަޕޫލާ ގުުޅުނު ފުރަތަމަ ސީޒަންގައި އެފް އޭ ކަޕާއި ކަރަބާއޯ ކަޕް ލިވަޕޫލަށް ކާމިޔާބު ކޮށްދިން އިރު އެއަހަރުގެ ޗެމްޕިއަންސް ލީގަށް ލިވަޕޫލް ގެންދިއުމުގައި ޑިއާޒް މުހިންމު ދައުރެއް އަދާކުރިއެވެ. އޭނާވަނީ މިދިޔަ ސީޒަންގައި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލް ހޯދިއިރު 17 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ