އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކެލާ ދާއިރާގެ ރައީސްކަމުން އަހްމަދު ޣާލިބު މިއަދު އިސްތިއުފާ ދީފިއެވެ.
ޣާލިބު މިއަދު ކުރި ޓްވީޓެއްގައި ބުނީ އޭނާ ޕީޕީއެމްގެ ކެލާ ދާއިރާގެ ރައީސްކަމުން މިއަދު އިސްތިއުފާ ދީފައިވާ ކަމަށެވެ. އަދި ޕީޕީއެމްގެ ސެނެޓުން ވެސް އިސްތިއުފާ ދީފައިވާ ކަމަށް ވެސް އޭނާ ބުނެފަވެއެވެ.
ޕީޕީއެމްގައި ވަރަށް ހަރަކާތްތެރި، އެ ޕާޓީގެ ކެމްޕޭން ތަކުގައި ވެސް ވަރަށް އިސް ސަފުގައި މަސައްކަތް ކުރާ ޣާލިބު މިއަދު ޕީޕީއެމުން ވަކިވެ ކުރި ޓްވީޓެއްގައި ބުނީ މި ވަގުތު ޕާޓީއާއި އެކު ކުރިއަށް ދިއުމަށް އެކަށީގެންވާ ހާލަތެއް، މާހައުލެއް އޭނާ އަށް ނެތަތީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ކެލާ ދާއިރާ ރައީސް ކަމުންނާއި، ޕާޓީގެ ސެނެޓުން މިއަދުން ފެށިގެން އިސްތިއުފާ ދިނުމަށްފަހު ޕާޓީން ވަކިވުމަށް އެދި ހުށަޅާފައިވާ ކަމަށެވެ.
‘’ކެލާ ދާއިރާގެ 3 ރަށުން އަޅުގަނޑަށް އެއްބާރުލުންދެެއްވި ބޭފުޅުންނަށް ޝުކުރު ދަންނަވަން، އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ހައްޤުގައި އަޅުގަނޑު ދާނީ ކުރިއަށް’’ ޣާލިބުގެ ޓްވީޓްގައި ބުނެފަވެއެވެ.
ޣާލިބަކީ މިދިޔަ ރިޔާސީ އިންތިޚާބުގައ އާއި މަޖިލިސް އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވެސް ކެލާ ދާއިރާގައި ޕީޕީއެމްގެ ފަރާތުން މަސައްކަތްކުރި އެންމެ އިސް އެއް ފަރާތެވެ. އަދި އޭނާ ވަނީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަން ޑރ. މުޢިއްޒަށް ކާމިޔާބު ކޮށްދިނުމަށް ވެސް ވަރަށް އިސްކޮށް މަސައްކަތް ކޮށްފައެވެ.
އޭނާ އަކީ މާލޭ މޭޔަރު ޑރ. މުޢިއްޒު އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސެކްރެޓަރީ ޖެނެރަލް ޢަލީ އާރިފް އަދި ޖޭޕީގެ އެއް ނައިބު ލީޑަރު އިޤްބާލް އާދަމްގެ އާއިލީ މީހެކެވެ.
ޣާލިބު ކެލާ ދާއިރާގެ ރައީސްކަމުން އިސްތިއުފާދީ، ޕީޕީއެމުން ވަކިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ