މޫސުމާއެކު ރަށްރަށަށް އަންނަ ބަދަލުގެ ރެކޯޑް ބެލެހެއްޓުން މުހިންމު

މޫސުމަށް އަންނަ ބަދަލާއެކު ރަށްރަށަށް އަންނަ ބަދަލުގެ ރެކޯޑެއް ބެލެހެއްޓުން މުހިންމު ކަމަށް ހައުސިން، ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ރަށްގިރުމުގެ މައްސަލައަކީ ރާއްޖޭގައި މިހާރަކަށް އައިސް ވަރަށް ބޮޑަށް ފާހަގަ ވަމުން އަންނަ ކަމެއް ކަމަށެވެ. ރަށްގިރުން އިތުރުވެފައިވަނީ މޫސުމީ ބަދަލުތަކާއި މޫސުމާ ގުޅިގެން މީގެކުރިން ކުރިމަތިލާން ނުޖެހޭކަންކަމާ މިހާރު ކުރިމަތިލާންޖެހިފައިވާތީ ކަމަށް ވިދާޅުވިއެވެ.
ގިނަފަހަރު ރަށްގިރާކަން އިނގެނީ ވަރަށް ބޮޑަށް ރަށް ގިރާލާފަހުން ކަމަށާއި އެހެންއެކަން ދިމާވުމުން އެމައްސަލައަށް ހައްލުހޯދުމަށް ކުރަންޖެހޭ މަސައްކަތް ވަރަށް އަވަހަށް ކުރަންޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންނަމަވެސް އިންޖިނިއަރުންނަށް އެކަން ޑިޒައިން ކުރުމަށް ލިބެންޖެހޭ އެންމެ ފުރިހަމަ މައުލޫމާތު ލިބެން ނުހުންނަކަމަށާއި، އެހެން ދިމާވުމުން ބައެއްފަހަރު މަސައްކަތްކޮށް ނިންމުމަށްފަހުވެސް ފުރިހަމަ ހައްލު ނުލިބޭ ފަހަރުތައް އަންނަކަމަށެވެ.
ރާއްޖޭގެ ކަންކަން ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ޤާނޫނަކުން ކަނޑައަޅައިގެން ލޭންޑްޔޫޒް ޕްލޭން ތައްޔާރު ކުރަންޖެހޭގޮތަށް ހަދާފައިއޮތްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެއީ ވަރަށް ރަނގަޅަށް ކުރެވުނު ކަމެއް ކަމަށެވެ. މިނިސްޓަރު އަސްލަމް ވިދާޅުވީ ލޭންޑްޔޫސް ޕްލޭން ހަދާ އުސޫލުން، ރަށްރަށަށް ވާނުވާގޮތް އެނގޭނެ ދާއިމީ ރެކޯޑްސް ހުންނަންޖެހޭ ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުންނަ މެޓް އޮފީހުގެ ސްޓޭޝަންތަކުގައި ރެކޯޑް ކޮށްފައި ހުންނަކަމަށާއި އެހެެންނަމަވެސް މޫސުމަށް އަންނަ އެ ބަދަލުން ރަށްރަށަށް އަންނަ ބަދަލުތަކުގެ ރެކޯޑް ނުހުންނަކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން މަހަކު އެއްފަހަރު ރަށްރަށުގެ ޝޯލައިން މެޕެއް ހެދުމަކީ ރަނގަޅު ކަމަކަށް ވާނެ ކަމަށާއި އެކަން ކުރުމަކީ ފަސޭހަކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ