ސެން ޑިއޭގޯ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 6) - ސްވިޒަލެންޑްގެ ފޯވާޑް، ބްރީލް އެމްބޯލޯ ހިމެނޭ މައްސަލައެއް ކޯޓުގައި ހިނގަމުންދާތީ އެކަމާ ގުޅިގެން، ފީފާ ވޯލްޑް ކަޕްގައި ވާދަކުރަން އެމެރިކާ އަށް ދިއުމަށް ހޯދަން ޖެހޭ ވިސާ ލަސްވި، ނަމަވެސް އެ މައްސަލަ ހައްލުކޮށްފި އެވެ
މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ވަގުތެއްގައި ވޯލްޑް ކަޕްގައި ވާދަކުރަން ސްވިޒަލެންޑް ޓީމު ވަނީ އެމެރިކާ އަށް ގޮސް ކޭމްޕްކޮށްފަ އެވެ. އެކަމަކު، ޓީމާ އެކު ދަތުރުކުރުމުގެ ފުރުސަތު، އުމުރުން 29 އަހަރުގެ އެމްބޯލޯ އަށް ނުލިބުނެވެ. އެއީ، އެމެރިކާ އަށް އެތެރެވުމަށް ބޭނުންވާ، އިލެކްޓްރޯނިކް ސިސްޓަމް ފޯ ޓްރެވަލް އޮތޮރައިޒޭޝަން (އެސްޓާ)ގައި އެމްބޯލޯގެ މައުލޫމާތު ހިމަނާފައިވާއިރު، އޭނާގެ ފޯމު އިތުރަށް ރިވިއު ކުރަން އެެމެރިކާގެ ރަސްމީ އިދާރާތަކުން ނިންމުމާ ގުޅިގެންނެވެ.
ސްވިޒަލެންޑްގެ ފޯވާޑް، ބްރީލް އެމްބޯލޯ ހިމެނޭ މައްސަލައެއް ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން، ފީފާ ވޯލްޑް ކަޕްގައި ވާދަކުރަން ޓީމާ އެކު، އޭނާ އަށް އެމެރިކާ އަށް ދަތުރުކުރަން ވިސާ ހަމަނުޖެހި ގައުމުގައި މުއްދަތެއް ވަންދެން ވަނީ މަޑުކުރަން ޖެހިފައި.
އެކަމަކު ވިސާ މައްސަލަ ހައްލުކުރަން، ދެ ދުވަހެއް ހޭދަވުމަށް ފަހު، ފީފާގެ ވެސް އެހީތެރިކަން ހޯދައިގެން، އެމްބޯލޯ ވަނީ މިހާރު ސްވިޒަލެންޑްގެ ޓީމުގެ ކޭމްޕާ ގުޅިފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެންމެ ފުރަތަމަ ވިސާ މައްސަލަ ޖެހުނު ނަމަވެސް، އެމްބޯލޯ އަށް މި ފަަހަރުގެ ވޯލްޑް ކަޕަށް ދެވޭނެ ކަމުގެ ޔަގީންކަން ސްވިޒަލެންޑަށް އޮތެވެ. އެއީ، މިދިޔަ އަހަރު މެކްސިކޯއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެން އެމްބޯލޯ އަށް އެމެރިކާ އަށް ދެވުމުންނެވެ.
ސްވިޒަލެންޑް ގައުމީ ޓީމަށް 2015 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ އެމްބޯލޯ އަކީ އެ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. ކެމަރޫނަށް އުފަން އެމްބޯލޯ ވަނީ ސްވިޒަލެންޑަށް 2018 އާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އަދި، މިހާތަނަށް ސްވިޒަލެންޑަށް ކުޅެދިން 85 މެޗުން 23 ލަނޑު ވަނީ ޖަހައިފަ އެވެ.
ގަަތަރުގައި އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި އެމްބޯލޯ ވަނީ އޭނާގެ އުފަން ގައުމު ކެމަރޫން ކޮޅަށް ލަނޑު ޖަހައި، ވޯލްޑް ކަޕެއްގައި އުފަން ގައުމު ކޮޅަށް އެހެން ގައުމެއް ތަމްސީލްކުރަމުން ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ.
ޔޫރޯގެ ތިން މުބާރާތެއްގައި ސްވިޒަލެންޑަށް ކުޅެދިން އެމްބޯލޯ އަށް އެމެރިކާ އަށް އެތެރެވުމުގައި މައްސަލަ ދިމާވި ކަމަށް ރިޕޯޓްތައް ބުނަނީ، 2018 ވަނަ އަހަރު ސްވިޒަލެންޑްގެ ބަސެލްގައި ހިނގި މާރާމާރީއެއްގައި އެމްބޯލޯގެ ބައިވެރިވުން އޮތް ކަމަށް 2023 ވަނަ އަހަރު ކޯޓުން ނިންމިއިރު، ތަންފީޒުކުރަން ނުޖެހޭ ގޮތަށް އޭނާގެ މައްޗަށް ހުކުމެއް ކޮށްފައި އޮތުމުންނެވެ. އަދި، އެ ކުށުގެ ރެކޯޑް ސާފުކުރަން އެމްބޯލޯ ކޯޓުގައި އެޕީލްކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ.
ވޯލްޑް ކަޕްގައި ސްވިޒަލެންޑުން ކުޅޭ ފުރަތަމަ މެޗުގައި ޖޫން 13 ވަނަ ދުވަހު، ގަަތަރާ ބައްދަލުކުރާނެ އެވެ. ދެން، އެ ގްރޫޕްގައި ސްވިޒަލެންޑުން ކުޅެން ޖެހޭނީ ބޮސްނިއާގެ އިތުރުން، ވޯލްޑް ކަޕްގެ އެއް ހޯސްޓް، ކެނަޑާއާ އެވެ.
ވިސާ މައްސަލަ ހައްލުކޮށް އެމްބޯލޯ އެމެރިކާ އަށް ގޮސް ސްވިޒަލެންޑް ޓީމާ ގުޅިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ