މިއުނިކް (ޖޫން 6) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވިދާލާނެ ކަމަށް ބެެލެވުނު ޖަރުމަނުގެ 18 އަަހަރުގެ ފޯވާޑް، ލެނާޓް ކާލް އަށް އަނިޔާގެ ސަބަބުން މުބާރާތުގެ ފުރުސަތު ގެއްލިއްޖެ އެވެ.
ކާލްގެ ފަލަަމަސްގަނޑަށް އަނިޔާވެފައިވަނީ ވޯލްޑް ކަޕަށް ތައްޔާރުވުމަށްޓަކައި، ޖަރުމަނުން އެމެރިކާއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ އެންމެ ފަހު ޕްރެކްޓިހުގެ ތެރެއިންނެވެ.
ޖަރުމަނުން ވޯލްޑް ކަޕަށް ތައްޔާރުވާން މިދިޔަ އާދިއްތަ ދުވަހު ކުޅުނު މެޗުގައި ފިންލެންޑް އަތުން މޮޅުވިއިރު، އެ މެޗަށް ޖަރުމަނުން ނެރުނު ފުރަތަަމަ އެގާރައިގައި ކާލް ވަނީ ކުޅެފަ އެވެ. ޖަރުމަނުން 4-0 އިން ކާމިޔާބުކުރި އެ މެޗުގައި އެ ޓީމުގެ އެއް ލަނޑަށް ފުރުސަތު ތަނަވަސްކޮށްދިނީ ވެސް ކާލް އެވެ.
ކާލް އަށް ލިބުނު އަނިޔާ ސީރިއަސްވުމާ އެކު، ޖަރުމަނު ޓީމުގެ ޑޮކްޓަރުންގެ ލަފާ ވެސް ހޯދުމަށް ފަހު، އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ވަނީ ސްކޮޑަށް ބަދަލު ގެންނަން ނިންމައިފަ އެވެ. އެ ގޮތުން، ކާލްގެ ބަދަލުގައި ސްކޮޑަށް ނަގާފައިވަނީ، އާރްބީ ލައިޕްޒިގުގެ އާސާން އުއެޑްރައޯގޯ އެވެ.
ނާގަލްސްމަން ބުނީ، ކާލް އަށް ދިމާވެފައިވަނީ ވަރަށް ހިތްދަތި ގޮތެއް ކަމަށެވެ. އަދި، ވޯލްޑް ކަޕްގައި މި ފަަހަރު ކާލް ނުފެނުމަކީ "ޝޮކެއް" ފަދަ ކަމެއްގެ ގޮތުގައި ނާގަލްސްމަން ވަނީ ސިފަކޮށްފަ އެވެ.
"ހަމަޖެހިލެވެން އޮތް ކަމަކީ އޭނާ އަކީ އަދި ޒުވާން ކުޅުންތެރިއެއް ވީމަ. އަދި މުސްތަގުބަލު އެބައޮތް. އަހަންނަށް ޔަގީން ގައުމީ ޓީމަށް އޭނާ ގިނަ މެޗުތަކެއް ކުޅެދޭނެ ކަމުގެ ޔަގީންކަން އެބައޮތް. ދެން، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އަހަރެމެން ވަރަށް ބޭނުންވެފައި ހުރީ ކާލް މި ފަހަރު ޓީމުގައި ހިމެނެން،" ނާގަލްސްމަން ބުންޏެވެ.
އެމެރިކާއާ ދެކޮޅަށް ޖަރުމަނުން ކުޅޭ މެޗަކީ ވޯލްޑް ކަޕްގެ ކުރިން އެ ޓީމުން ކުޅޭނެ ފަހު މެޗެވެ. ޖަރުމަނުން ވޯލްޑް ކަޕް ފަށާނީ މި މަހު 14 ވަނަ ދުވަހު ކިއުރުސާއޯއާ ކުޅޭ މެޗުންނެވެ. އަދި، މި މަހު 20 ވަަނަ ދުވަހު އައިވަރީ ކޯސްޓާ ކުޅުމަށް ފަހު، އޭގެ ފަސް ދުވަސް ފަހުން ގްރޫޕްގެ ފަހު މެޗުގައި އިކުއެޑޯއާ ދެކޮޅަށް ކުޅޭނެ އެވެ.
ޖަރުމަނުގެ ޒުވާން ތަރި ކާލް އަށް ވޯލްޑް ކަޕްގެ ފުރުސަތު ގެއްލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ