އެދުނުކަންތައް މީހަކު ފުއްދައިނުދީގެން ކަންބޮޑު ނުވާ މީހާގެ ހުރިހާ ބޭނުންތަކެއް ﷲ ފުއްދަވައިދެއްވަވާނެ! އިން ޝާ ﷲ

ދިރިއުޅުމުގެ ކަންކަމަށް އައި ބަދަލުތަކުގެ ތެރެއިން އެންމެ ނިބައި އެއްބަދަލަކީ ކިރިޔާ ކަމެއް ދިމާވާއިރަށް ކޮންމެވެސް މީހެއްގެ ގާތަށް ދެވުމެވެ. މީހަކަށް އާދޭސްކޮށް ސަލާންޖެހުމެވެ. ތިމާގެ ހުރިހާ ބޭނުންތައް އަބަދުވެސް ފުއްދަވައި ދެއްވަވަމުން ގެންދަވާ ﷲ ތަޢާލާއަށް ދުޢާކުރަން ހަނދާންވަނީވެސް މީހުންގެ ކިބައި ކަންކަމަށް އެދި އާދޭސްކުރުމުން އެބޭނުމެއް ނުފުދުނު ނަމައެވެ.
ބުނަން ހެއްޔެވެ؟ މީހަކު ހަމަ އެއްވެސް ކަމެއް ތިބާއަށް ކޮށް ނުދިނުމަކީ އެއް ގޮތަކަށްވެސް ދެރަވެ މާޔޫސްވާނަ ޖެހެންވީ ކަމެއް ނޫނެވެ. ކޮށް ދިނުމާއި ނުދިނުމަކީ އެމީހެއްގެ އިޚްތިޔާރުގައި އޮތް ކަމެކެވެ. އެހެންކަމުން މީހަކު ކަމެއްކޮށް ނުދިނުމުން އެކަމާއިމެދު ދެރަވެ އެއްވެސް ޝަކުވާއެއް ކުރުމުގެ ބޭނުމެއްވެސް ނެތެވެ. އެއީ އެއްވެސް މުސްލިމަކަށް ކުރުން ހުއްދަވެގެންވާ ޝަކުވާއެއްވެސް ނޫނެވެ.
އެހެނީ މުސްލިމުން ދިރިއުޅުން ބިނާކުރަން ޖެހޭނީ މީހަކު ކަމެއް ކޮށްދޭނެ ކަމަށް ބަލައިގެނެއް ނޫނެވެ. މުސްލިމުންގެ ޢަޤީދާއަކަށް ވާންޖެހޭނީ ބޭނުންވާ ހުރިހާ ކަމެއް ﷲ ތަޢާލާ ފުރިހަމަކޮށްދެއްވަވާނެ ކަމެވެ. މުސްލިމުން އަބަދުވެސް ޔަޤީންކުރަންވީ ﷲ ތައާލާގެ ވަޛީބަސްފުޅަށެވެ. "ތިއަބައިމީހުން ތިމަން ﷲ އަށް ދުޢާކުރާށެވެ! ތިމަން ﷲ އެމީހާގެ ދުޢާ ޢިޖާބަކުރައްވަވާހުށީމެވެ."
ތިބާއަކީ އެހީތެރިކަމަށް ބޭނުންވެފައިވާ މީހަކަށްވެދާނެއެވެ. ތިބާ މީހެއްގެ ކިބައިން އެހީތެރިކަމަކަށް އެދުމުންވެސް އެމީހެއްގެ އެހީތެރިކަން ނުލިބުނު ނަމަ އެމީހާ އާއިމެދު ވިސްނަން ވަގުތުތައް ބޭކާރުކޮށްނުލާށެވެ. ﷲ ތައާލާގެ ޙަޟްރަތުން އެހީތެރިކަމަށް އެދުންމަތީގައި ދެމިހުންނާށެވެ! ﷲ ތަޢާލާ ތިބާ ހުސްއަތާ ދޫކޮށެއް ނުލައްވަވާނެތެވެ. ތިބާގެ ދުޢާ ޢިޖާބަކުރައްވަވާނެތެވެ! އިން ޝާ ﷲ
މުސްލިމުންނަށް ލިބޭ އެންމެ ބޮޑު އުފާވެރިކަމަކީ މުސްލިމުންނަކީ އެއްވެސް މީހަކަށް ބަރޯސާވާން ޖެހޭ ބައެއް ނޫންކަމެވެ! ސާބިތުވާންވީ އިބްރާހީމްގެފާނު ޖިބްރީލްގެފާނުގެ އަރިއަހުގައި ދެންނެވި ބަސްފުޅުގައެވެ.
އިބްރާހީމްގެފާނު އެބޮޑު އަލިފާންގަނޑަށް އެއްލައިލަން ތައްޔާރުވެފައިވަނިކޮށް ޖިބްރީލްގެފާނުވަޑައިގެން "ބޭނުންފުޅުވެވަޑައިގަންނަވަނީ ކޮންކަމަކުތޯ؟" ސުވާލުކުރެއްވެވުމުން އިބްރާހީމްގެފާނު ވިދާޅުވީ "ޖިބްރީލްގެފާނުގެ އަރިއަހުން އެއްވެސް ކަމަކަށް ބޭނުންފުޅުނުވާކަމަށެވެ. ﷲ ގެ ޙަޟްރަތުން ބޭނުންފުޅުވާކަމަށެވެ. ﷲ ތަޢާލާއިން ފުދޭކަމަށެވެ." މީސްތަކުންނޭވެ! ހަމައެކަނި ﷲ ތަޢާލާ އިން ފުދޭ ކަމަށް ނިންމައިގެން ހުންނަ މީހަކަށް އެއްވެސް ކަމެއް ނުފުދިގެން އެކަމާއި ކަންބޮޑުވެގެން އުޅޭކަށް ހަމަ އެއްގޮތަކަށްވެސް ނުޖެހޭނެއެވެ. ޔަޤީން ކުރަންވީ ﷲ ތަޢާލާ އަހަރެމްނެގެ ހުރިހާ ބޭނުންތަކެއް ފުއްދަވައި ދެއްވަވާނެ ކަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ