އައްޑޫގެ ކަރަންޓު މައްސަލަ: 1.5 މެގަވޮޓުގެ ޖަނަރޭޓަރެއް އޯޑަރުކޮށްފި، 10 ދުވަސްތެރޭ ލިބޭނެ: އިބްރާހީމް ދީދީ

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފަންސާސް ހަތް މިލިއަން ޑޮލަރުގެ މަޝްރޫއެއް ފެށުމަށް ސޮއިކޮށްފައި ވާކަމަށާއި ދޮޅު އަހަރުތެރޭ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވެގެން ދާނެ ކަމަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ގޮވާލައްވަފިއެވެ.
ރޭ ޕީއެންސީ އިން ބޭއްވި ހަރުގެ ޖަލްސާގައި އިބްރާހީމް ދީދީ ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވި ފުރަތަމަ ދުވަހު އެ ސިޓީއިން ފެންކެނޑެން ޖެހޭތޯ ސުވާލު ކުރައްވާފައެވެ. އަދި ގައުމު 'ދަރުވާލި' ފަސްދޮޅަސް ހަތަރު ބިލިއަން ރުފިޔާއިން އައްޑުއަށް ވާ ފައިސާ ލިބުނު ނަމަ އައްޑޫގެ ފެން ޕްލާންޓް ރަނގަޅުވެ އާ ޕްލާންޓެެއް ބެހެއްޓިފައި ހުންނާނެ ކަމަށް އިބްރާހީމް ދީދީ ވިދާޅުވިއެވެ. އަދި މި ސަރުކާރުން މިހާރު އައްޑޫގައި ފެނުގެ ޕްރޮޖެކްޓެއް ފަށާ ޕަންޕް ބަހައްޓާފައި ވާކަމަށާ އެ ސިޓީގެ ފެނުގެ މައްސަލަ މިހާރު ރަނގަޅުވެފައި ވާކަމަށް އިބްރާހީމް ދީދީ ވިދާޅުވިއެވެ.
މީގެ އިތުރުން އިބްރާހީމް ދީދީ ވިދާޅުވީ އައްޑޫއިން ކަރަންޓް ދާ މައްސަލަވެސް މި ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މިހާލަތުގައި ވެސް ފަންސާސް ހަތް މިލިއަން ޑޮލަރުގެ މަޝްރޫއެއް ފެށުމަށް ސޮއިކޮށްފައި ވާކަމަށާއި އެ ޕްރޮޖެކްޓާއެކު 32 މެގަވޮޓްގެ ކަރަންޓު އައްޑުއަށް ލިބިގެން ދާނެކަމަށް އިބްރާހީމް ދީދީ ވިދާޅުވިއެވެ. އިތުރަށް އިބްރާހީމް ދީދީ ވިދާޅުވީ މިހާރުވެސް އައްޑޫ ސިޓިއަށް 1.5 މެގަ ވޮޓްގެ ޖަނަރޭޓަރެއް އޯޑަރުކޮށްފައި ވާކަމަށާ މަދުވެގެން ދިހަ ދުވަސްތެރޭ އެ ޖަނަރޭޓަރު އައްޑޫއަށް ލިބިގެން ދާނެކަމަށެވެ.
އިތުރަށް އިބްރާހީމް ދީދީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިރުޝާދާއެކު ދާއިރާތަކުގައި ހާލަތު ވަރަށް ގާތުން ބަލަމުން އަންނަކަމަށެވެ. "އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު އިރުޝާދު ދެއްވާ، ޖަލްސާ ނިންމާފަ ބުނުއްވާ ދާއިރާގެ ކަންތަތައް ބައްލަވާށޭ. ދާއިރާގެ ކަންތައްތަކުގައި އުޅުއްވާށޭ. އަޅުގަނޑުމެން އެކަން އެބަ ބަލަން" އިބްރާހީމް ދީދީ ވިދާޅުވިއެވެ.
މީގެ އިތުރުން އިބްރާހީމްދީދީ ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވީ ވަރަށް ކެރިގެންކަން ކަމަށާއި ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގަތީ ރާއްޖޭގެ ދަރަނި އޮތްވަރު އެނގިވަޑައިގެން ކަމަށް ވިދާޅުވެފައެވެ. ރައީސް މުއިއްޒު އާ އެކު ހުވާކުރެއްވި ކެބިނެޓުގެ މިނިސްޓަރުންނަކީ މި ރާއްޖެ ނަގާ ކޮޅަށް ޖެހުމަށްޓަކައި މިވަގުތު ރާއްޖޭގައި ތިބި އެންމެ ގާބިލު ބޭފުޅުންކަން ފާހަގަ ކުރައްވަމުން އިބްރާހީމް ދީދީ ވަނީ ރާއްޖެ 'ފުނޑާލާފައި' ދިޔަ މާހިރުން އަނެއްކާވެސް ގެންނަން ބޭނުން ނުވާކަމަށެވެ.
އައްޑޫ ސިޓީގެ ކަރަންޓާ ފެނުގެ މައްސަލަ ބޮޑުވެ ގިނަ ބަޔަކު ޝަކުވާކުރަމުން އަންނައިރު، އެ ސިޓީގެ އަވަށްތަކުން ކޮންމެ ދުވަހަކުވެސް ވަކި ގަޑިތަކެއްގައި ކަރަންޓާއި ފެން ކަނޑާލާ މައްސަލަ ވަނީ ބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ