ވިމްބަލްޑަން ފައިނަލުގައި ވެސް ސިނާ އާއި އަލްކަރާޒްގެ ކުރިމަތިލުމެއް ވިމްބަލްޑަން ފައިނަލުގައި ވެސް ސިނާ އާއި އަލްކަރާޒްގެ ކުރިމަތިލުމެއް

ލަންޑަން (ޖުލައި 12) - މިހާރު ކުރިއަށްދާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި، އިޓަލީގެ ޖަނިކް ސިނާ އާއި ސްޕެއިނުގެ ކާލޯސް އަލްކަރާޒް ބައްދަލުކުރަން ޖެހިއްޖެ އެވެ.
އެންމެ ފަހުން ކުޅުނު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ފްރެންޗް އޯޕަން ފައިނަލުގައި ވެސް އަލްކަރާޒް މޮޅުވީ ސިނާއާ ދެކޮޅަށް ކުޅެގެންނެވެ. ފްރެންޗް އޯޕަން ތާރީހުގައި އެންމެ ދިގު ދެމިގެންދިޔަ އެ ފައިނަލު، ހަތަރު ގަޑިއިރާއި ބައި ވަންދެން ކުޅުނުއިރު، މެޗުގެ ސެޓުތައް ދިޔައީ، 4-6 6-7 (4-7) 6-4 7-6 (7-3) 7-6 (10-2) އިންނެވެ.
މި ފަހަރުގެ ވިމްބަލްޑަން ފައިނަލަށް ސިނާ ދަތުރުކުރީ، ސެމީގައި، 24 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ ސާބިއާގެ ތަރި، ނޮވަކް ޖޮކޮވިޗް ބަލިކޮށްފަ އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ، 6-3 6-3 6-4 އިންނެވެ.
އެންމެ ފަހުން ދެ ފަހަރުގެ ވިމްބަލްޑަން ޗެމްޕިއަން، އަލްކަރާޒް، ސެމީ ފައިނަލުގައި ކުޅެފައިވަނީ، އެމެރިކާގެ ޓޭލާ ފްރިޓްޒްއާ އެވެ. އެ މެޗުން، އަލްކަރާޒް މޮޅުވިއިރު، ސެޓުތައް ދިޔައީ، 6-4, 5-7, 6-3, 7-6 (6) އިންނެވެ.
ޓެނިހުގައި އެންމެ ފަހުން ކުޅުނު ހަ ގްރޭންޑް ސްލޭމް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ، ސިނާ ނޫނީ އަލްކަރާޒް އެވެ. އެންމެ ފަހުން، ވިމްބަލްޑަންގައި ސިނާ އާއި އަލްކަރާޒްގެ މެޗެއް ފެނުނީ، 2022 ވަނަ އަހަރު އެވެ. އެ ފަހަރު މޮޅުވީ ސިނާ އެވެ.
"އަހަރެން ހަނދާން އެބަހުރި ތިން އަހަރު ކުރީގެ އެ މެޗު މަތިން، ޔަގީންކަމެއް، އެއިރަށް ވުރެ އަހަރެމެން ދެ މީހުން ވެސް އެތައް ގުނައެއް ތަފާތު ވެއްޖެ، ގްރާސްގައި ކުޅުނަސް ކްލޭގައި ކުޅުނަސް، ދެން، މި މެޗު ވަރަށް ތަފާތުވާނެ،" އަލްކަރާޒް ބުންޏެވެ.
ސިނާ ބުނީ، އަލްކަރާޒާ އެކު، މީގެ 35 ދުވަސް ކުރިން ކުޅުނު ފްރެންޗް އޯޕަން ފައިނަލުގެ ކަންކަން ހަނދާނުގައި އެބަހުރި ކަމަށާއި އުންމީދަކީ، މި ފަހަރުގެ ފައިނަލް އޭނާ ކޮޅަށް ނިމުން ކަމަށެވެ.
އަލްކަރާޒާއި ސިނާ ކުޅޭ ފައިނަލް އޮންނާނީ މާދަމާ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ