ރައީސް ވެރިކަން ކުރައްވާނީ ރައްޔިތުން ބޭނުންވާ ގޮތަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ދިވެހި ސަރުކާރުން މިއަދު ވަނީ ނިންމާފަ އެވެ.
މި ނިންމުމާ ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ ސަރުކާރުން އަބަދުވެސް ރައްޔިތުންގެ އަޑުއަހާނެ ކަމަށާއި ރައީސް މުއިއްޒަކީ ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ކުރައްވާނެ ރައީސެއް ކަމަށެވެ. އެގޮތުން ސަރުކާރުން މިއަދު ނިންމި ނިންމުމަކީ ގިނަ ރައްޔިތުން އެދޭ އެދުމެއް ކަމަށާއި މިކަމާ ގުޅޭ މެސެޖުތައް ރައީސްއާ ހަމައަށް އެކި ޕްލެޓްފޯމުތަކުގެ ޒަރިއްޔާ އިން ގޮސްފައިވާ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.
"ރާއްޖޭގެ މިސްރާބު މިއަދު މިހުރީ ރައްޔިތުން އެދޭ ގޮތަށް ކަންކަން ނިންމުމަށް. ރާއްޖޭގެ ސްޓޭންޑުތައް ނަގަނީ، އާ ސްޓޭންޑަޑަކަށް. މިއަދު މި ނެންގެވި ސްޓޭންޑަކީ އަޅުގަނޑުމެން އިންސާނިއްޔަތަށްޓަކާ ނިންމާ ނިންމުމެއް. އިސްލާމީ، އަޅުގަނޑުމެންގެ އަހުންނާއި އުހުތުންނަށްޓަކާ ނިންމާ ނިންމުމެއް،" އިހުސާން ވިދާޅުވި އެވެ.
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ އ.ދ ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ މެދުވެރިކޮށް ފަލަސްޠީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ވެސް ނިންމާފަ އެވެ. އަދި "ފަލަސްތީނާ އެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ވެސް ނިންމާފައިވެ އެވެ.
މީގެއިތުރުން ލަސްތީނާއި އިޒްރޭލުގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ފަލަސްތީނުގެ ފަރާތުން އެދޭ ކަންކަން ދެނެގަތުމަށް ސްޕެޝިއަލް އެންވޯއިއެއް ކަނޑައެޅުމަށް ވެސް ވަނީ ނިންމާފަ އެވެ. އޭގެ އިތުރަށް، ރާއްޖެއިން އިސްނަގައިގެން ފަލަސްޠީނުގެ މައްސަލައަށް އަވަސް ޙައްލެއް ގެނައުމަށްޓަކައި އިސްލާމީ ޤައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ނިންމި އެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 36،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ